19 Nov 2025, 20:07
ގޫގުލްއިން އެ ކުންފުނީގެ އެންމެ ފަހުގެ އަދި އެންމެ ވަރުގަދަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލް، ޖެމިނައި 3 ރަސްމީކޮށް ނެރެފިއެވެ.
މި އާ މޮޑެލްއާއެކު، ޗެޓްޖީޕީޓީ އުފެއްދި އޯޕަންއޭއައިއާއި ގޫގުލްއާ ދެމެދު އޭއައިގެ މައިދާނުގައި އޮތް ވާދަވެރިކަން އިތުރު ހަރުފަތަކަށް ގޮސްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ޖެމިނައި 3 ގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ ބޭނުންކުރާ ފަރާތުގެ މަގުސަދުތައް ފުންކޮށް ދެނެގަތުމުގެ ގާބިލުކަމެވެ. މީގެ ސަބަބުން، ބޭނުންވާ ނަތީޖާ ހޯދުމަށް ކުރިން ބޭނުންކުރަންޖެހުނު ދިގު "ޕްރޮމްޕްޓް"ތައް މަދުވެގެންދާނެއެވެ.
އަލްފަބެޓްގެ ސީއީއޯ ސުންދަރު ޕިޗައި ވިދާޅުވި ގޮތުގައި، ޖެމިނައި 3 އަކީ "ނުކުތާތަކުގެ ފުންކަމާއި ގޮތްތައް ދެނެގަތުމަށް" ޚާއްސަކޮށް ތަރައްގީކޮށްފައިވާ މޮޑެލެއް ކަމުން، ބޭނުންކުރާ ފަރާތުގެ އެދުމާއި އޭގެ ފަހަތުގައިވާ ކޮންޓެކްސްޓް ދެނެގަތުމުގައި ކުރީގެ މޮޑެލްތަކަށްވުރެ މާ މޮޅުވާނެއެވެ.
މި އާ މޮޑެލް ވަނީ ގޫގުލްގެ މިހާރުވެސް މަގުބޫލު ޕްރޮޑަކްޓްތަކާ ވަރަށް ބޮޑަށް ގުޅުވާލެވިފައެވެ. އޭގެ ތެރޭގައި ޖެމިނައި އެޕް، ގޫގުލް ސާޗްގެ އޭއައި މޯޑް އަދި އޭއައި އޯވަވިއުސް ފަދަ ޕްލެޓްފޯމްތައް ހިމެނެއެވެ.
ގޫގުލް އިން ބުނީ، މަހެއްގެ މައްޗަށް ޖެމިނައި އެޕް 650 މިލިއަން މީހުން ބޭނުންކުރާއިރު، އޭއައި އޯވަވިއުސް 2 ބިލިއަން ޔޫޒަރުން ބޭނުންކުރާ ކަމަށެވެ. ޖެމިނައި 3 ގެ ހިދުމަތް މިހާރު ހޮވާލެވުނު ބަޔަކަށް ފޯރުކޮށްދޭން ފަށާފައިވާއިރު، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އިތުރު ގިނަ ބަޔަކަށް މި ފުރުސަތު ލިބިގެންދާނެއެވެ.
ޖެމިނައި 3 އާއެކު ގޫގުލް އިން ވަނީ "ގޫގުލް އެންޓިގްރެވިޓީ" ގެ ނަމުގައި ޑިވެލޮޕަރުންނަށް ހާއްސަ އާ ޕްލެޓްފޯމެއްވެސް ތައާރަފުކޮށްފައެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ޑިވެލޮޕަރުންނަށް ވަކި ޓާސްކްތަކަށް އަމާޒުކޮށް، މަތީ ފެންވަރެއްގައި ކޯޑު ލިޔުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މީގެ އިތުރުން، ޖެމިނައި 3 އިން "ޖެނެރޭޓިވް އިންޓަފޭސް" ތައް އުފެއްދުމުގެ އާ ދޮރެއް ވަނީ ހުޅުވާލާފައެވެ. މިސާލަކަށް، ވޭން ގޯގެ ކުރެހުންތަކާ ބެހޭގޮތުން ސުވާލުކުރުމުން، ކޮންމެ ކުރެހުމެއްގެ ފަހަތުގައިވާ ވާހަކައާއި ކުލަގަދަ ފޮޓޯތަކާއެކު، ޑިޖިޓަލް މެގަޒިންއެއްގެ ގޮތުގައި މައުލޫމާތު ހުށަހަޅައިދިނުމުގެ ގާބިލުކަން މި މޮޑެލްއަށް ލިބިގެންވެއެވެ.
ގޫގުލްގެ މި އިޢުލާން އައިސްފައި މިވަނީ، އެ ކުންފުނީގެ މައި ވާދަވެރިޔާ އޯޕަންއޭއައި އިން މިދިޔަ އޮގަސްޓް މަހު ޖީޕީޓީ-5 ނެރެފައި ވަނިކޮށެވެ.
އޭއައިގެ ދާއިރާއަށް ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކުން ކުރާ އިންވެސްޓްމަންޓްތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން، ހަމައެކަނި މި އަހަރު އެލްފަބެޓް، މެޓާ، މައިކްރޮސޮފްޓް އަދި އެމެޒޯން ފަދަ ކުންފުނިތަކުން އޭއައި އަށް 380 ބިލިއަން ޑޮލަރު ހަރަދުކުރާނެ ކަމަށް ލަފާކުރެވެއެވެ.