ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓު, މާ ބޮޑު ބަދަލެއް ނުގެނެސް ބަޖެޓު ދިރާސާކުރާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފަށްޓަވަމުން، ފިނޭންސް މިނިސްޓްރީން ފޮނުވި ސިޓީއާ ހަވާލާދެއްވައި އެ ކޮމިޓީގެ މުގައްރިރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، އަންނަ އަހަރު ބޮޑެތި ޚަރަދުތައް ހިނގާނެތީ އިތުރަށް ބަޖެޓު ބަދަލުކުރެވެން ނެތް ކަމަށެވެ.

އެކަމަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ބޭނުންވާ 3.5 މިލިއަން ރުފިޔާ ބަޖެޓުގެ ތެރެއިން ދޫކުރުމަށް ނިންމާފައިވާ ކަމަށް، ފިނޭންސް މިނިސްޓްރީން ބުނި ކަމަށް ސަލީމް ވިދާޅުވިއެވެ.

"އެހެން އިދާރާތަކުގެ މައްސަލަތައް ފިނޭންސް މިނިސްޓްރީން އަންނަ އަހަރު ބަޖެޓަށް، އެ ބޭފުޅުންނަށް ދަތިވާ ދަތިވުންތަކަށް ބޭނުންވާ ފައިސާ ޚާއްސަ ބަޖެޓުގެ ތެރެއިން ދޫކުރައްވާނެ ކަމަށް އެ ބޭފުޅުން ލިޔުއްވީމަ، އެހެންވީމަ އެގޮތަށް ފިނޭންސް މިނިސްޓްރީން އެ އޮތީ ޖަވާބުދީފަ،" އޭނާ ވިދާޅުވިއެވެ.

ކޮމިޓީން ބަޖެޓު ދިރާސާކޮށް ފާސްކުރުމުގެ ކުރިން އިދިކޮޅު އެމްޑީޕީން ދެ ހުށަހެޅުމެއް ހުށަހެޅިއެވެ.

ފުރަތަމަ ހުށަހެޅުމަކީ ޚާއްސަ ބަޖެޓުގެ ތެރެއިން ކަޅުބިލަމަހުގެ މަސްވެރިންނަށް ޚާއްސަކޮށް 120 މިލިއަން ރުފިޔާ ދިނުމަށާއި، ބޮޑުކަންނެލި މަސްވެރިންނަށް 165 މިލިއަން ރުފިޔާ ދިނުމަށާއި، ދަނޑުވެރިންނަށް 50 މިލިއަން ރުފިޔާ ދިނުމަށެވެ.

ދެވަނަ ހުށަހެޅުމަކީ މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރުގެ ލަފައެއް ހިމެނުމަށެވެ.

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވަކިވަކިން ހުށަހެޅުއްވި ހުށަހެޅުއްވުންތައް ބަލައިގަންނަން ޕީއެންސީގެ މެންބަރުން ވަނީ ދެކޮޅު ހައްދަވައިފައެވެ.

ކޮމިޓީން ބަޖެޓު ފާސްކުރަން ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީއެވެ. ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ޔޫނުސް ތާއީދުކުރެއްވި އެ ހުށަހެޅުން ފާސްކުރަން 10 މެންބަރުން، އަދި ފާސްކުރުމާ ދެކޮޅަށް ހަތަރު މެންބަރަކު ވޯޓުދެއްވިއެވެ.

އެހެންކަމުން ކޮމިޓީން ބަޖެޓު ފާސްކުރުމުން، ދެން އޮންނާނީ ތަޅުމަށް ބަޖެޓު ފޮނުވައި ކޮމިޓީން ބަޖެޓު ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރުމެވެ.

އެ މަރުހަލާގައި މެންބަރުންނަށް ބަޖެޓަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަން، ކޮމިޓީ ނިންމަވާލައްވަމުން ސަލީމް ހަނދާންކޮށްދެއްވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓަކީ މި އަހަރު ތަންފީޒުކުރަމުން އަންނަ 56.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ 7.6 ބިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު އެހާ ބޮޑަށް ބޮޑުވީ އަންނަ އަހަރު ރިކޯޑު މިންވަރެއް ދަރަނި ދައްކަން ހޭދަކުރަންޖެހޭތީއެވެ. އެގޮތުން، އަންނަ އަހަރު އެކަނި ޖުމުލަ 1.1 ބިލިއަން ޑޮލަރު ދަރަނި ދައްކަން ހޭދަކުރަންޖެހެއެވެ.