19 Nov 2025, 20:00
ޓެލްއަވީވު (19 ނޮވެންބަރު 2025): ޣައްޒާގެ ހަމަލާތައް ހުއްޓާލުމުގެ ދެވަނަ މަރުހަލާ އަށް ދިޔުމާބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޯވް، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ އިސް ވެރިއެއްކަމަށްވާ ޑރ. ޚަލީލް އަލްހައްޔާ އާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހުމާއެކު އިސްރާއީލު ރުޅި ގަދަވެއްޖެއެވެ.
އިސްރާއީލުގެ އިސް މަސްއޫލުވެރިއަކާ ހަވާލާދީ އެގައުމުގެ އޮންލައިން މީޑީއާ އެއްކަމަށްވާ "ވާއްލާ" ބުނީ ވިޓްކޯވް، ހަމާސް ޖަމާއަތުގެ އިސް ވެރިއަކާ ބައްދަލުކުރައްވަން ނިމެވުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫނެވެ. މިމައްސަލާގައި އިސްރާއީލުގެ އަސްކަރީ އަދި ސިޔާސީ އިސްވެރިން ތިއްބެވީ ވަރަށް ރުޅިގަދަވެފައި ކަމަށްވެސް "ވާއްލާ" ބުނެފައިވެއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.
އިސްރާއީލުގެ "ކްރިޔަތް ގާޓް" ސަރަހައްދުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކާ ހަވާލާދީ އިސްރާއީލުގެ އެހެން ބައެއް މީޑިއާތައް ބުނާގޮތުން ވިޓްކޯވް، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސްގެ އިސް ވެރިއެއްކަމަށްވާ ޑރ. ޚަލީލް އަލްހައްޔާ އާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގައި ތުރުކީގައެވެ. ބައްދަލުވުން ބާއްވާ ތަނާއި ތާރީޚު ވަނީ ސިއްރު ކުރެވިފައެވެ. ބައްދަލުވުން ކުރިޔަށްދާނީ ސަލާމަތީ ފިޔަވަޅުތަކާއެކު ތުރުކީ ސަރުކާރުގެ ބެލުމުގެ ދަށުން ކަމަށްވެއެވެ.

މިޒަމާނުގެ ހިޓްލަރުގެ ގޮތުގައި ސިފަކުރެވޭ ނަތަންޔާހޫ
ނަންހާމަ ކުރަންނޭދޭ އެމެރިކާގެ މަސްދަރުތައް ބުނާގޮތުން ވިޓްކޯވް އާއި ޑރ. ޚަލީލް އަލްހައްޔާ ގެ ބައްދަލުވުންތައް ތަކުރާރުވެގެން ހިނގައިދާނެއެވެ. ފުރަތަމަ ބައްދަލުވުމަށްފަހު އިތުރު ބައްދަލުވުންތައްވެސް ބޭއްވުމަކީ އެކަށީގެންވާ ކަމެކެވެ.
އެމެރިކާގެ ރައީސްގެ ޚާއްސަ މަންދޫބު ހަމާސްގެ އިސްވެރިއަކާ ބައްދަލުކުރެއްވުމަކީ އެމެރިކާގެ ރަސްމީ އިއުތިރާފް ހަމާސްއަށް ލިބުމަށް މަގުފަހިވެގެންދާނެ ކަމެއްކަމާއި މިކަމުގެ ސަބަބުން ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް މަގުފަހިވެގެން ހިނގައިދާނެކަމަށް އިސްރާއީލުގެ ހަރުކަށި ވެރިން ދެކޭކަމަށް އިސްރާއީލުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ޣައްޒާގައި އިސްރާއީލު ހިންގި ނަސްލު ނައްޓާލުމުގެ ޖަރީމާތަކާއި ގަތުލުއާންމުތައް ހުއްޓާލުމާ އަދި ޣައްޒާ އަލުން އާރާސްތުކުރުމާއި ޣައްޒާގައި ވެރިކަންކުރާނެ ފަރާތެއް ކަނޑައެޅުންފަދަ ކަންކަމާބެހޭގޮތުން އެމެރިކާ އިސްވެ އޮވެގެން އދ. ން ސަލަމާތީ މަޖިލީހަށް ހުށަހެޅި ގަރާރަށް އިސްލާހު ތަކެއް ގެނައުމަށްފަހު އެގަރާރު އިއްޔެވަނީ ފާސްކޮށްފައެވެ.
ފާސް ކުރި ގަރާރު ބޮޑަށް ބުރަވަނީ މައިގަނޑު ގޮތެއްގައި އިސްރާއީލު ގެ މަސްލަހަތަށެވެ. އެއީ ހަމާސް ޖަމާއަތުގެ މުޖާހިދުން އަތުން ހަތިޔާރު ނިގުޅައިގަތުން އޭގައި ހިމެނިފައިވާތީއާއި ޣައްޒާގައި ވެރިކަންކުރުމަށްޓަކައި އެމެރިކާ އިސްކޮށްއޮވެގެން އިންތިގާލީ ކައުންސިލެއް އުފައްދާގޮތަށް އޮތުމުންނެވެ. އަދި ޣައްޒާގައި ރުކުރުވާލާ އަސްކަރީ ބާރުތަކުގެ ކޮމާންޑް އެމެރިކާ ކޮންޓްރޯލް ކުރާ ގޮތަށް އޮތުމުންނެވެ.
އެހެންނަމަވެސް އެގަރާރުގައި ޣައްޒާގެ ހުރިހާ ބިންތަކަކުން އިސްރާއީލު ފައިބަން ޖެހޭނެކަން ބަޔާންކޮށްފައި ވުމާއި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ މައްސަލަ ހިމަނާފައިވާތީ އިސްރާއީލުވަނީ ރުޅިއައިސް ކަންބޮޑުވާކަން ހާމަކޮށްފައެވެ.
މިހެން މިކަން އޮއްވައި އަނެއްކާ ޓްރަމްޕްގެ ޚާއްސަ މަންދޫބު ވިޓްކޯފް ހަމާސްގެ ލީޑަރަކާ ސީދާ ގޮތެއްގައި ބައްދަލުކުރައްވާ ގޮތަށް ހަމަޖެހުމުން އިސްރާއީލުގެ ހަރުކަށި އަދި ޖައްބާރު ވެރިންވަނީ ވަރަށް ބޮޑަށް ރުޅިގަދަވެފައެވެ. މީގެކުރިންވެސް ޓްރަމްޕްގެ ހުއްދައާއެކު ވިޓްކޯވް ވަނީ ގަތަރުގައި ހަމާސްގެ އިސް ބައެއް ވެރިންނާ ބައްދަލުކުރައްވާފައެވެ.