ސަރުކާރުން ތައާރަފު ކުރަން މަސައްކަތް ކުރާ ޓެކްސީ ލައިންގެ ޚިދުމަތަށް 407 ޑްރައިވަރުން ހޯދުމަށް އިއުލާންކޮށްފިއެވެ.

މާލޭ ޓެކްސީ ސާވިސް ފެށުމަށް ހަވާލުވެފައިވާ އެމްޓީސީސީން އިއްޔެ ގެޒެޓުގައި ޝާއިއުކުރިއިއުލާނެއްގައިވަނީ، ފުލް ޓައިމް ޑްރައިވަރުންގެ ގޮތުގައި 285 މީހުން ހޯދުމަށް އިއުލާންކޮށްފައެވެ. އެއީ، ހަފުތާއަކު ހަ ދުވަހު ދުވާލަކު އަށް ގަޑިއިރަށް މަސައްކަތް ކުރާ ގޮތަށް ކަމަށް އިއުލާނުގައިވެއެވެ.

އެ އިއުލާނުގައި ވަނީ ޑްރަައިވަރުން މަސައްކަތް ކުރާނީ އެއް އަހަރުގެ ކޮންޓްރެކްޓު އުސޫލުން ކަމަށާއި، މަސައްކަތުގެ ފެންވަރަށް ބަލައި ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ޕާޓް ޓައިމްކޮށް މަސައްކަތް ކުރާ 122 ޑްރައިވަރުން ހޯދަން ވެސް އިއުލާނުކޮށްފައިވާއިރު، އެ ޑްރައިވަރުން މަސައްކަތް ކުރާނީ ހަފުތާއަކު އެންމެ ގިނަވެގެން 28 ގަޑިއިރު ކަމަށް އިއުލާނުގައިވެއެވެ. އެ މަސައްކަތާ ގުޅޭ ތަފުސީލު ފަހުން ހާމަ ކުރާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

ޑްރައިވަރުންގެ ޝަރުތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވަނީ ލައިސަންސް ކެޓަގަރީ B1 ނުވަތަ B2 ލިބިފައިވުމެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލެވިފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް އިސްކަން ދޭނެ ކަމަށް އިއުލާނުގައިވެއެވެ.

ސަރުކާރުން ފަށަން ނިންމި ޓެކްސީ ޚިދުމަތުގައި ބޭނުންކުރާ ކާރެއް: ޓެކްސީ ލައިނަށް 407 ޑްރައިވަރުން ހޯދަންވަނީ އިއުލާންކޮށްފައި -- ފޮޓޯ/ ޓްރާންސްޕޯޓު މިނިސްޓްރީ

އެ އިއުލާނުގައި ވަނީ، ފުލް ޓައިމް ޑްރައިވަރުންގެ މުސާރައާއި އިނާޔަތްތައް ދޭނީ ކުންފުނިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އަދި ޕާޓް ޓައިމް ޑްރައިވަރުންގެ ސާވިސް ފީގެ މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

ސަރުކާރުގެ ޓެކްސީ ލައިން ފަށަން މީގެ ކުރިން ތާރީޚުތައް ދިން ނަމަވެސް، އެ ތާރީޚުތަކުގައި ޚިދުމަތް ފެށިފައި ނުވެއެވެ.

މިދިޔަ އޭޕްރިލް މަހު ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ، ޖުލައި މަހު ސަރުކާރުގެ ޓެކްސީގެ ޚިދުމަތް ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެއަށްފަހު، ޖޫން މަހު އޭނާ ވިދާޅުވީ ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނީ އޮގަސްޓް މަހު ކަމަށެވެ.

އެހެންނަމަވެސް އެ މުއްދަތުގައި ވެސް ޚިދުމަތް ފެށިފައި ނުވާތީ މިދިޔަ ސެޕްޓެމްބަރު މަހު "ސަން"އިން ސުވާލުކުރުމުން އަމީން ވިދާޅުވީ، ޓެކްސީ ޚިދުމަތަށް ތައްޔާރުކުރުމުގެ މަސައްކަތް އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށާއި، ކާރުތަކުގެ ބައެއް ބައިތަކަށް ބަދަލު ގެންނަން އަންގާފައިވާނެ ކަމަށެވެ.

ޚިދުމަތް ފެށޭނެ ސީދާ ތާރީޚެއް ވިދާޅުނުވި ނަމަވެސް، އެ ތާރީޚު ފަހުން އަންގަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަމީން މީގެ ކުރިން ވަނީ، ޓެކްސީ ލައިންގެ ޚިދުމަތް ފަށާއިރު އެކި ސައިޒުތަކުގެ ކާރު ހިމެނޭނެ ކަމަށާއި އޭގެ ތެރޭގައި މާލޭގެ ކުދިކުދި މަގުތަކަށް ވަދެވޭ ސައިޒުގެ ކާރުތައް ވެސް ހިމެނޭނެ ކަމަށް ވިދާޅުވެފައެވެ. ޓެކްސީ ޑްރައިވަރުން ބޭނުންވާ ވަގުތުތަކުގެ ބަދަލުގައި އާންމުން އެންމެ ބޭނުންވާ ވަގުތުތަކުގައި އެ ޚިދުމަތް ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެ ޚިދުމަތް ފެށުމުން، ޓެކްސީ ކުރާ އަމިއްލަ ވިޔަފާރިތަކަށް ގެއްލުން ވާނެ ކަމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކޮށްފައިވީ ނަމަވެސް، އަމީން ވަނީ ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނާ ބައްދަލު ކުރެއްވި ކަމަށާއި ޑްރައިވަރުންނަށް ގެއްލުމެއް ނުވާނެ ކަމަށް ވިދާޅުވެފައެވެ.

މާލޭ ސަރަހައްދުގައި ސަރުކާރުން ޓެކްސީ ޚިދުމަތް އެމްޓީސީސީއާއި ޓްރާންސްޕޯޓު މިނިސްޓްރީއާ އެކު އެމްޔޫއޯއެއްގައި ސޮއިކުރީ މިދިޔަ ފެބްރުއަރީ މަހުގެ 15ގައެވެ.