ސްރީލަންކާގެ ރައީސް ރާޖަޕަކްޝާގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ރައީސް މިއަދު ލަންކާ އަށް ފުރާވަޑައިގަންނަވަމުން އެއާޕޯޓްގައި ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ދަތުރުފުޅުގައި ލަންކާގެ ރައީސް މަހިންދަ ރާޖަ ޕަކްޝަ އާއި ލަންކާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމުގެ އިތުރަށް ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުންތައް މިހާރަށް ވުރެ ބޮޑަށް ފުޅާކޮށް ލަންކާގެ އިންވެސްޓަރުން ރާއްޖޭގައި އިތުރުކުރުމާ ގުޅޭ ގޮތުން ލަންކާގެ ވިޔަފާރިވެރިންނާ އެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"ލަންކާގެ ވަރަށް ގިނަ އިންވެސްޓަރުން ރާއްޖޭގައި އިންސްވެސްޓްކޮށްފައި އެބަހުރި. ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި. އެހެންވީމާ އަދި ވެސް އިތުރަށް ފަތުރުވެރިކަމުގެ ދާއިރާ އިން ވެސް އިންވެސްޓް ސްރީލަންކާ އިން ރާއްޖެގައި ކުރުމަކީ ވަރަށް އެކަށީގެންވާ ކަމެއް. އެހެންވީމަ އެކަމުގައި މަޝްވަރާ ކުރެވޭނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ދަތުރުފުޅުގައި ލަންކާގައި ތިއްބަވާ އެކި ގައުމުތަކުގެ ސަފީރުންނާ ވެސް ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ލަންކާ އަށް ކުރައްވާ އެ ދަތުރުފުޅުގައި ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ މައުލޫމާތު ލަންކާ ސަރުކާރާ ހިއްސާ ކުރައްވާނެ ކަމަށެވެ. އަދި ލަންކާއަކީ ރާއްޖޭގެ ކަންތައްތައް ގާތުން ބަލަމުންދާ ގައުމެއް ކަމަށާއި ސިޔާސީ ކަންތައްތައް ކުރައްވާނެ ގޮތްތަކާ ގުޅޭ ގޮތުން ސްރީލަންކާ ސަރުކާރުގެ އިސް ބޭފުޅުން ލަފާ ދެއްވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަބަދުވެސް ސްރީލަންކާއަކީ ދިވެހި ރާއްޖޭގެ ކަންތައް ވަރަށް ގާތުން ބައްލަވަމުންދާ ބައެއް. އަދި ރާއްޖެ އަށް ހެޔޮއެދިވަޑައިގަންވާ ލީޑަޝިޕެއް އޮންނަ ތަނެއް. އެހެންވީމާ އެގޮތުން ސްރީލަންކާގެ ލީޑަޝިޕުން މިހާރު ވަނީ ރާއްޖޭގެ ސިޔާސީ ކަންކަން ގެންދަވާނެ ގޮތްތަކާ ގުޅޭ ގޮތުން ސީދާ އަޅުގަނޑަށް ވެސް ލަފާ ދެއްވާފައި. އަދި އެހީއެއް ބޭނުން ނަމަވެސް އެހީދެއްވާ ގޮތަށް އޮތީ،" ރައީސް ވިދާޅުވި އެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ ރައީސްގެ ތިން ދުވަހަށް ކުރައްވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ސްރީލަންކާގެ ރައީސް ބާއްވަވާ ރަސްމީ ޖާފަތެއްގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އެ ދަތުރުފުޅުގައި ރައީސް ޑރ. ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސައިންގެ އިތުރުން ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ބައިވެރިވެވަޑައިގަންވި އެވެ.

ރައީސް ޑރ. ވަހީދު ވިދާޅުވީ ލަންކާއަށް ކުރައްވާ ދަތުރުފުޅުގައި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ބައިވެރިވެ ވަޑައިގަންނަވާ ކަމަށާއި ރާއްޖެގައި އަލަށް ދޫކުރުމަށް ހަމަޖެހިފައިވާ ރިސޯޓްތަކާ ބެހޭ މައުލޫމާތުތައް ވެސް ލަންކާގެ ފިޔަވާރިވެރިނަށް ޓޫރިޒަމް މިނިސްޓަރު ދެއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.