19 Nov 2025, 11:59
އެނގޭ ހެއްޔެވެ؟ ދުބާއީއަށް ވުރެ ގިނައިން ތެޔޮ ހުރީ އާބޫދާބީގައެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ތެލުގެ ރިޒާވްގެ ގާތްގަނޑަކަށް 90 ޕަސެންޓް އާބޫދާބީގައި ހުއްޓަސް އެންމެ ތަރައްގީވެފައިވަނީ ދުބާއީއެވެ. ދުބާއީއަކީ ޓޫރިޒަމާއި ވިޔަފާރިއާއި ދަތުރުފަތުރަށް ބެލި ނަމަވެސް މައި ހަބެވެ. ހަމަ އެގޮތަށް މެލޭޝިއާއާއި ސިންގަޕޫރަށް ބަލާއިރު, ސިންގަޕޫރަކީ ގުދުރަތީ އެއްވެސް ވަސީލަތެއް އަދި ބޮޑު ބިމެއް ވެސް އޮތް ގައުމެއް ނޫނެވެ. މެލޭޝިއާގައި ބިމުގެ އިތުރުން ތެލާއި ގޭހާއި އެހެނިހެން ވަސީލަތްތައް ވެސް އެބަހުއްޓެވެ. އެކަމަކު، މެލޭޝިއާއަށް ވުރެ އެތައް ގުނައެއް ތަރައްގީގެ ގޮތުން ބެލިނަމަވެސް ތަނަވަހީ ސިންގަޕޫރެވެ.
ސުވާލަކީ ވަސީލަތް ހުރި ތަންތަނަށް ވުރެ ވަސީލަތް މަދު ދުބާއީއާއި ސިންގަޕޫރު މާ ތަރައްގީވެފައި އެވަނީ ކީއްވެހެއްޔެވެ؟ ކުރު ޖަވާބަކީ އިހުލާސްތެރި, ދުރުވިސްނޭ, އަމިއްލަ އެދުމަށް ވުރެ ތަނުގެ މަސްލަހަތު އިސްކުރެއްވި ހީވާގި ވެރިން ތިބުމެވެ. އެ ވެރިން ބެއްލެވީ އެ ސިޓީތައް ނުވަތަ އެ ގައުމުތައް ތަރައްގީކުރެވޭނީ ކީއް ކޮށްގެންތޯއެވެ. އެކަން ބަލައި ޔަގީންކުރުމަށް ފަހު އަމަލުކުރީއެވެ. އޭގެ ނަތީޖާ ކިހާ ފޮނިތޯއެވެ.
ދިވެހީންގެ އާބާދީ ހަތަރު ލައްކައަށް ވެސް ނާރާ, މި ކުޑަކުޑަ ދިވެހިރާއްޖެއަށް ބަލާއިރު ރާއްޖެ މިއޮތީ އޮންނަން ޖެހޭ ހިސާބުގައި ނޫންކަން އެންމެން ގަބޫލުކުރާނެއެވެ. މި ގައުމަކީ މިހެން ދަރައި ވިކިގެން, 2025 ވަނަ އަހަރު އައިއިރު ވެސް އަސާސީ ބޭނުންތައް ނުފުއްދޭ ރައްޔިތުންތަކެއް އުޅެން ޖެހޭ ގައުމެއް ނޫނެވެ. އަދި، ތަރައްގީއަކީ އޭޓީއެމްއާއި އައުޓް ޑޯ ޖިމެއް ކަމަށް ބަލައި, އެއަށް ފުއްދާލައިގެން ތިބެން ޖެހޭ ބައެއް ވެސް ނޫނެވެ. އެއަށް ވުރެ ރާއްޖެއަށް ހުރި ފުރުސަތުތައް މާ ފަހިވެފައި ބޮޑެވެ. ބިލިއަން ޑޮލަރު އަހަރެއްގެ މައްޗަށް ހޯދެން އެބައޮތެވެ. އެކަން ނުވެގެން މި އުޅެނީ ކީއްވެގެންތޯއެވެ؟ އަމާޒެއް ނެތީމައެވެ. ވެރިންގެ އެ އިހުލާސްތެރިކަން ނެތީމައެވެ.
ބިލިއަން ޑޮލަރު ހޯދާނީ ކިހިނެއް؟
އޭރު ޒުވާން އަމިއްލަ ދިވެހީންތަކެއް އިސް ނަގައިގެން ރާއްޖެއަށް ތައާރަފުކޮށް, އިބްރާހީމް ނާސިރުގެ ވެރިކަމުގައި ތަރައްގީކުރަން ފެއްޓެވި ޓޫރިޒަމަކީ ދިވެހީންގެ ނަސީބެވެ. އަހަރެއްގެ މައްޗަށް މި ގައުމަށް ފަސް ބިލިއަނެއްހާ ޑޮލަރުގެ އާމްދަނީ އެ ދާއިރާއިން އެކަނި އެބަލިބެއެވެ. މި ސަރަހައްދުގެ އެހެން ގައުމުތަކަށް ވުރެ ދިވެހީން ފުދިގެން މިއުޅެވެނީ ސީދާ ޓޫރިޒަމްގެ ސަބަބުންނެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ވެސް ކުރެއްވި ގިނަ, ބުރަ މަސައްކަތްތަކުގެ ސަބަބުން ރާއްޖެއަކީ ދުނިޔެ މަތީގެ ސުވަރުގެއަށް ވެފައިވާތީއެވެ. ޓޫރިޒަމަށް އަދިވެސް ފަހި ފުރުސަތު ހޯދައި ދޭންވީއެވެ. އެ ވިޔަފާރިއަށް ދިވެހީން ބޮޑަށް ނެރެ, ގިނަ ލުއިތަކެއް ވެސް ދޭންވީއެވެ.
ނަމަވެސް މީހެއް ވިޔަސް, ގައުމެއް ވިޔަސް އާމްދަނީގެ ގޮތުން އެންމެ ދާއިރާއަކަށް ބަރޯސާވެ ތިބުމަކީ ރައްކާތެރި ގޮތެއް ނޫނެވެ. އިގްތިސާދު ޑައިވާސިފައި, ނުވަތަ ސިންދަފާތު ކުރަން ޖެހެއެވެ. ޓޫރިޒަމާއެކު ރާއްޖެއަށް އިތުރު އިންޑަސްޓްރީތައް ގެނައުން މިވަނީ ލާޒިމުވެފައެވެ. އޭރަށް ދިވެހީންނަށް ހަމަ އިސްކޮޅަށް ތެދުވެވޭނެއެވެ. ސުވާލަކީ އެކަން ކުރާނީ ކިހިނެއްތޯއެވެ؟
އައްޑޫ ސިޓީ ހިތަދޫގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރުމަށް ގޫގުލްއިން އެ ނިންމީ މި ރާއްޖެ މި އޮތް ލޮކޭޝަންގެ ސަބަބުންނެވެ. އެއީ އެ ލޮކޭޝަންގެ ބޭނުން ހިފައި, ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްތައް ލޭންޑުކުރުމުގެ ގާބިލުކަން ލިބިފައިވާ ފެސިލިޓީއަކަށް އެތަން ހެދޭތީއެވެ. އެ މަޝްރޫއުގެ ސަބަބުން ރާއްޖެ ވާނީ އޭޝިއާ، އޯޝޭނިއާ، އެފްރިކާ، މެދުއިރުމަތި، އަދި ޔޫރަޕް ގުޅުވައިދޭ ޑިޖިޓަލް ގޭޓްވޭއަކަށެވެ.
މިއީ ލޮކޭޝަންގެ ފައިދާ ނެގޭ އެއްގޮތެވެ. މި ގޮތަށް މި ލޮކޭޝަންގެ ފައިދާ އެތައް ގޮތަކުން ރާއްޖެއަށް ނެގިދާނެއެވެ. އަޅުގަނޑުމެންގެ ރާއްޖެއަކީ މެދުއިރުމައްޗާއި ދެކުނު އޭޝިއާއާއި ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާ ގުޅުވައިދޭ ދުނިޔޭގެ އެންމެ ބިޒީ އެއް ކަނޑުގެ ވިޔަފާރީގެ މަގުގެ މެދުގައި އޮންނަ ގައުމެކެވެ. އަހަރަކު 90،000 އަށް ވުރެ ގިނަ އުޅަނދު އިންޑިއާ ކަނޑުގައި ދަތުރުކުރާއިރު ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 10 ބިލިއަން ޓަނުގެ ކާގޯއާއި 36 މިލިއަން ފީފާއަށް ވުރެ ގިނަ ތެޔޮ މި ސަރަހައްދުން އުފުލައެވެ. ދުނިޔޭގެ ބާރުތަކުން މި ދާއިރާއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާއިރު, ދިވެހިރާއްޖެއަށް އޭގެ ފައިދާ ނެގިދާނެއެވެ. އެއީ, ރާއްޖެ މި އޮތީ އިގުތިސާދީ ގޮތުންނާއި ޖިއޮޕޮލިޓިކަލް ގޮތުން ފައިދާ ނެގޭނެ ސްޓްރެޓީޖިކް ގޮތުން މުހިންމު ތަނެއްގައި ކަމަށް ވާތީއެވެ.

ދާއިރާގެ އެތައް ތަޖުރިބާކާރުންނަކާ މި ވާހަކަދެއްކުމުން އެނގުނީ ބިލިއަން ޑޮލަރުން އާމްދަނީ ހޯދަން މި ލޮކޭޝަން ބޭނުންކޮށްގެން ރާއްޖޭގައި އެތައް ކަމެއް ކުރެވިދާނެ ކަމެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކަށް ގިނަ ބޭފުޅުން ފާހަގަ ކުރެއްވީ ބަންކަރިންގެ ޚިދުމަތް ދިނުމެވެ. އެއީ ބިލިއަން ޑޮލަރުގެ އިންޑަސްޓްރީއެކެވެ.
އެކަމަކު އެކަން ކުރަންވާނީ "އަމާ ބުނީތީ ފަރަށްދާ" އުސޫލަކުން ނޫނެވެ. އަދި ހެޑްލައިން ހަދާ އުސޫލަކުންނެއް ވެސް ނޫނެވެ. މި ސަރުކާރުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު އިސްކޮށް ހުންނަވައި ބަންކަރިންގެ ޚިދުމަތް ފެއްޓެވިއެވެ. އެކަމަކު އެއީ ބާޖެއް ބާއްވައިގެން ތެޔޮ ވިއްކާ, އޭގައި ދެތިން ހަން ފެން ބަހައްޓައިގެން ފެން ވިއްކާ އުސޫލުންނެވެ. އެންމެ ފަހުން އެކަން މި ވަނީ ބޮނޑު ނަގުލަށް ގޮސްފައެވެ.
މީގެ ބަދަލުގައި ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފަށަންވީ އެކަށީގެންވާ އިންފްރާންސްޓްރަކްޗާ ގާއިމުކޮށްގެންނެވެ. ދުނިޔޭގެ ވާދަވެރި މާކެޓުގައި ވާދަކުރެވޭނީ އޭރަށެވެ.
މިފަހުން ރާއްޖެ ދުށް އެންމެ ބޮޑެތި ތަރައްގީތައް ގެންނެވި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް ކައުންސިލްގެ ޗެއާމަންކަމާއި ދެތިން ވުޒާރާއެއްގެ މިނިސްޓަރުކަން ކުރެއްވި, އަޙްމަދު ޒުހޫރުގެ ނަޒަރުގައި މި ދާއިރާއިން ރާއްޖެއަށް ނެގޭނެ ގިނަ އެޑްވާންޓޭޖްތަކެއް އެބަހުއްޓެވެ.
މީގެ ކުރިން އެތައް އަހަރުތަކެއް ބޯޓް ދަތުރު ކުރެއްވުމުގައި އުޅުއްވި ޒުހޫރު ވިދާޅުވިގޮތުގައި ބޯޓް ފަހަރު ދިގު ދަތުރުތައް ކުރާއިރު, އުޅަނދު ދުއްވުމަށް ބޭނުންވާ ގިނަ އަދަދެއްގެ ތެޔޮ ބަރުކުރަން ޖެހުމުގެ ސަބަބުން މުދާ އަރުވަން ޖާގަ ގެއްލެއެވެ. އޭގެ ބަދަލުގައި ރާއްޖެއިން ތެލާއި ފެނާއި ކާބޯތަކެތިފަދަ ތަކެތި ލިބޭނެ ރަނގަޅު ވަސީލަތެއް އޮތްނަމަ، ބޯޓް ފަހަރު ދަތުރުކުރާނީ ރާއްޖެއާ ހަމައަށް އާދެވޭ ވަރަށް ތެޔޮ ބަރުކޮށްގެން, ދެން އެ ލިބޭ ޖާގައަށް މުދާ އަރުވައިގެން ކަމަށާއި އެއީ އެ ބޯޓް ފަހަރަށް ވެސް ލިބޭނެ ބޮޑު އެޑްވާންޓޭޖެއް ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ ބަންކަރިންގެ ޚިދުމަތް ހިނގާނެ ސަބަބަކީ ބޯޓް ފަހަރުން އެ އެޑްވާންޓޭޖް ނަގަން ވަރަށް ބޭނުން ވާނެތީ ކަމަށް ޒުހޫރު ވިދާޅުވިއެވެ.
ޒުހޫރު ވިދާޅުވިގޮތުގައި އެކަށީގެންވާ އިންފްރާންސްޓްރަކްޗާއާއެކު ބަންކަރިންގެ ޚިދުމަތް ފަށައިފިނަމަ ތެލުގެ އިތުރުން ފެނާއި ކާބޯތަކެތިފަދަ އެތައް އެއްޗެއް ބޯޓް ފަހަރަށް ވިއްކޭނެއެވެ. މިއީ ވިޔަފާރިކޮށްގެން ލިބޭ ފައިދާގެ އިތުރަށް އެތައް ހާސް ވަޒީފާގެ ފުރުސަތެއް ރާއްޖެއަށް ފަހިކުރެވޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގެ އުތުރާއި ދެކުނުގައި ފެސިލިޓީ ގާއިމުކޮށް ބަންކަރިންގެ ޚިދުމަތް ފަށައިފިނަމަ ބިލިއަން ޑޮލަރު ހޯދޭނެ. އެކަމަކު އެކަން ކުރެވޭނީ ދުރުވިސްނުމަކުން ވިސްނައިގެން. އެ ވަގުތު ނަގައިގެން މަސައްކަތް ކޮށްގެން," އޮސްޓްރޭލިއާ ސެޓިފައިޑް މެރީން އިންޖީނިއަރެއްގެ އިތުރުން ސުވިޑަންއާއި ޖަޕާނުން މެރިޓައިމް ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ޒުހޫރު ވިދާޅުވިއެވެ.
ޒުހޫރު ވިދާޅުވިގޮތުގައި މިކަން ކުރެވޭނީ ދުނިޔޭގައި މިފަދަ ޚިދުމަތްދޭ ބޮޑެތި ކުންފުނިތަކާ ގުޅިގެން ކަމަށެވެ. ބަންކަރިންގެ ވިޔަފާރީގައި ދުނިޔޭގެ އެންމެ ލީޑްކުރާ އެއް ގައުމަކީ ކޮރެއާ ކަމަށްވާއިރު އެފަދަ ގައުމުތަކާ ގުޅިގެން, ރާއްޖެއަށް ފައިދާ ނެގޭ ގޮތަށް މި ޚިދުމަތް ދެވޭނެ ކަމަށް ޒުހޫރު ވިދާޅުވިއެވެ.

އަހުމަދު ޒުހޫރު --
މިއީ ދުނިޔޭގައި އެކަންކޮށް, އެތައް ކާމިޔާބެއް ހޯދަމުން އަންނަ ވިޔަފާރިއެކެވެ. އޭގެ މިސާލަކީ ޔޫއޭއީގެ ފުޖައިރާއާއި ސިންގަޕޫރާއި މޮރިޝަސްއެވެ. ރާއްޖެފަދަ ކުޑަ, މޮރިޝަސްއިން އަހަރަކު 200 މިލިއަން ޑޮލަރުގެ އާމްދަނީއެއް މި ދާއިރާއިން އަންނަނީ ހޯދަމުންނެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ)ގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ގޮތުގައި މެރިޓަމައިމް ދާއިރާގެ ފައިދާ ނެގުމަށް މިހާރުން މިހާރަށް ވެސް އެންމެ މުހިންމީ ރަނގަޅު ފެންވަރެއްގެ ޕޯޓެއް ރާއްޖޭގައި ތަރައްގީކުރުމެވެ.
"އޮސްޓްރޭލިއާ އަދި ނިއުޒިލެންޑުން ސިންގަޕޯ މެދުވެރިކޮށް ކޮންމެ އަހަރަކު އެތައް މިލިއަން ޓަނެއްގެ އެއްގަމު މަސް އެބަ މެދުއިރުމައްޗަށް ގެންދޭ. ރާއްޖެ މި އޮތީ އެ ދެ ސަރަހައްދުގެ މެދުގައި. އޮސްޓްރޭލިއާއާއި މެދުއިރުމައްޗަށް ގެންދާ މުދާ މި ގައުމުގައި ސްޓޯކޮށް އަދި ޓްރާންސިޓްކޮށް ދެކޮޅަށް ގެންދެވުނު ނަމަވެސް ވަރަށް ބޮޑު ފައިދާއެއް ރާއްޖެއަށް ނެގޭނެ," ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް، ރަނގަޅު ފެންވަރުގެ ޕޯޓެއް ތަރައްގީކުރުމަކީ ބޮޑު ޚަރަދެއް ހިނގާނެ އަދި އެތައް އަހަރެއް ހޭދަ ވާނެ ކަމަކަށްވާއިރު އެކަމާ އުޅެމުން އެހެން އިތުރު ކަންކަމަށް ފޯކަސްކުރަން ނަޝީދު ލަފާދެއްވައެވެ. އެއީ، ލޭއަޕް ކުރާ ބޯޓުފަހަރާއި، މުދާ އެއް ބަނދަރަށް ހުސްކޮށްފައި ދެން ދަތުރެއް ލިބެންދެން ބޯޓް ފަހަރު މަޑުކުރާނެ ރަނގަޅު ސަރަހައްދެއް ކަނޑައެޅުމެވެ. އިތުރު ދަތުރެއް ލިބެންދެން ބޯޓްތައް ބަނދަރުތަކުގައި މަޑުކުރަންވެއްޖެ ނަމަ ފީއަށް ބޮޑު ހޭދައެއް ކުރަން ޖެހެއެވެ. އެހެންކަމުން ހެޔޮ އަގެއްގައި ބޯޓްތައް މަޑުކޮށްލާނެ ވަކި ލޭއަޕް ޒޯންތަކެއް ނުވަތަ ޚާއްސަ އެއް ސަރަހައްދެއް ނަމަވެސް ރާއްޖޭން ކަނޑައަޅައި ކުޑަ ފީތަކަކުން ފުޅާ ދާއިރާއެއްގައި ފަށައިގެން މިހާރުން މިހާރަށް ވެސް މާ ބޮޑު އިންވެސްޓެއް ނުކޮށް ފައިދާ ނެގޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މެރިޓައިމް ދާއިރާގައި މަސައްކަތް ކުރައްވާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ނަޝީދުގެ އަނެއް ޚިޔާލަކީ ބޯޓް ފަހަރުގެ ކުރޫއިންނަށް ސިއްހީ ޚިދުމަތް ދީގެން ރާއްޖޭން އެކަމުގެ ނަފާ ހޯދުމެވެ.
"ދިވެހިރާއްޖެ ވަށައި މި އޮތީ ލޮނުކަމުގައި ވިޔަސް އެއީ ނޫކުލައިގެ ރަން ކަމަށް ބައްލަވާ. ރާއްޖެ އޮތް ސަރަހައްދުގެ ފުރިހަމަ ބޭނުން ހިފިދާނެ ސިއްހީ ގޮތުން ވެސް، މިހާރު ވެސް ކަނޑުމަތީގައި ދިމާވާ ކުއްލި ހާލަތުގައި އެމްއެންޑީއެފްއިން ސިއްހީ ކާރިސާތަކަށް ވަރަށް ފުރިހަމައަށް އިޖާބަދެމުން ގެންދަވަނީ. މި ކަމަކީ ކުއްލި ހާލަތުގައި ނޫނަސް ފުޅާކުރެވޭނެ ކަމެއް، މާސިންގާ ކަނޑުގެ މެދުގައި ސިއްހީ ފަރުވާދެވޭނެ މަރުކަޒެއްގެ ގޮތުގައި ވެސް ރާއްޖެ ބޭނުންކުރެވޭނެ މިހާރަށްވުރެ ފުރިހަމަކޮށް،" ނަޝީދު ވިދާޅުވިއެވެ.
އެމްއެންއެސްއެލްގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ކެޕްޓަން އަޙްމަދު މައުމޫން ވިދާޅުވި ގޮތުގައި މުދާ ރައްކާކޮށް، ގުދަން ކުރުމަށް ޚާއްސަ ވެއާހައުސްތަކެއް ރާއްޖޭގައި ހެދުމަކީ ވެސް ފައިދާ ނެގޭނެ ވިޔަފާރިއެކެެވެ. އެއީ، އޭޝިއާ ބައްރަށް ބޭނުންވާ މުދާ ރާއްޖޭގައި ގުދަންކޮށް އެހެން ގައުމުތަކަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސައިދީގެންނެވެ. ލަންކާއާއި އިންޑިއާ ފަދަ ގައުމުތަކުގައި އެފަދަ ގުދަންތައް ހުރެއެވެ.
"ޓްރާންސިޓް ބަނދަރެކޭ ކީމާ ބައިވަރު ކޮންޓޭނާ ހުންނަ ބަނދަރެއް މި ސިފަވަނީ. އެއަކަށް ނޫން އަޅުގަނޑުމެން ވިސްނަންވީއެއް. ބޮޑެތި ކުންފުނިތަކުން އޭޝިއާ ސަރަހައްދަށް މުދާ ޑިސްޓްރިބިއުޓް ކުރަން އެބަ ބޭނުންވޭ. އެ މީހުންގެ ވެއާ ހައުސް ބައިންދަން އަޅުގަނޑުމެންނަށް ވެއާ ހައުސިންއަށް ރަނގަޅު ސްޕޭސް ދެވިއްޖެނަމަ ހިނގާނެ. ޑީއެޗްއެލް ނުވަތަ ފެޑެކްސްއަށް ވެސް އަޅުގަނޑުމެންނަށް ދެވިދާނެ އެ ފެސިލިޓީ. މި ރީޖަނަށް މުދާ ޑިސްޓްރިބިއުބް ކުރަން ރަނގަޅު ނިޒާމެއް ރާއްޖޭގައި ގާއިމުކުރެވިއްޖެ ނަމަ ވަރަށް ހިނގާނެ،" މައުމޫން ވިދާޅުވިއެވެ.
އަދިވެސް އެތައް ކަމެއް!
ހަމަ އެހެންމެ ޔޮޓް މެރީނާތައް ހަދައިގެން ވެސް ދުނިޔެމަތީގެ މި ސުވަރުގެއަށް އެ އެޑްވާންޓޭޖް ނެގެން އެބައޮތެވެ. ޒަމާނީ މެރީނާތައް ހަދައިގެން ފެނާއި ކަރަންޓާއި މަރާމާތުގެ ޚިދުމަތްފަދަ އެތައް ކަމެއް ކޮށްދީގެން އާމްދަނީ ހޯދެން އެބައޮތެވެ.
ސީޝެއިލްސްއާއި ތައިލޭންޑްގެ ޕުކެޓްގައި މިފަދަ މެރީނާތައް ހިންގައިގެން މިލިއަން ޑޮލަރުގެ އާމްދަނީ އެބަ ހޯދައެވެ. އެކަމަކު, ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރަށް ވުރެން ގިނަ ދުވަސް ވެގެން ދިޔައިރު ދިވެހީންނަށް މިއޮތީ މިކަން ނުވެއެވެ.

ކުރޫޒް ލައިނަކުން އައި ފަތުރުވެރިންތަކެއް މާލޭގައި: ކްރޫޒްލައިނާތައް އާންމު ގޮތެއްގައި ބަނދަރުކޮށްފައި އޮންނަނީ ދެތިން ދުވަހަށް -- ސަން ފޮޓޯ/ މުހައްމަދު އަފްވާން
ހަމައެހެންމެ ކުރޫޒު ޝިޕްތަކަށް ޚާއްސަ ޕޯޓަކަށް ރާއްޖެ ހެދުމަކީ ވެސް ރާއްޖެއަށް ނެގެން އޮތް އެޑްވާންޓޭޖެކެވެ. ކުރޫޒް ޝިޕްތަކުގައި ދުނިޔޭގެ މުއްސަނދިން އެއް ގައުމުން އަނެއް ގައުމަށް ގޮސް ހިތް އުފާ ކުރަމުންދާއިރު އެ މީހުންނަށް ޚިދުމަތްތައް ދީގެން މިލިއަނުން އާމްދަނީ ހޯދިދާނެއެވެ. ނަމަވެސް, އެފަދަ އެއްވެސް ވަސީލަތެއް ރާއްޖޭގައި އަދި ނެތްއިރު, ނަގާ ފީތަކާއި އެހެން ދަތިކުރުންތަކުގެ ސަބަބުން ކުރޫޒު ޝިޕެއް ރާއްޖެ ގެނައުމަށް ވެސް ވަނީ ދަތިވެފައެވެ.
މާލެ ސަރަހައްދަށް ބެލި ނަމަވެސް, ބައިނަލްއަގުވާމީ ކުންފުނިތަކާ ގުޅިގެން, ހުޅުމާލެ ނުވަތަ ގުޅީފަޅުގައި ކްރޫޒް ޓާމިނަލެއް ހެދިދާނެއެވެ. އަދި, އެ ޓާމިނަލްތައް ބޭނުންކޮށްގެން ރާއްޖެއަކީ ކުރޫޒް ދަތުރުތައް ފަށައި, ނިންމާ މަންޒިލަކަށް ހެދިދާނެއެވެ. ސިންގަޕޫރުގެ މަރީނާ ކުރޫޒް ސެންޓަރާއި ދުބާއީގެ މިނާ ރާޝިދު ކުރޫޒް ޓާމިނަލުން އެ ދަނީ އެ އެޑްވާންޓޭޖް ނަގަމުންނެވެ.
މާޔާގެ ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގުތިސާދު އެހެން ހަރުފަތަކަށް ގެންދަން ކްރޫޒް ޓާމިނަލްއަކާއި ޓްރާންސިޓް ބަނދަރެއްގެ އިތުރުން މެރީނާތައް ވަރަށް މުހިންމެވެ. އެއީ، ރާއްޖެ އުފެދިފައިވާ ގޮތާއީ ރާއްޖެ މި އޮތް ލޮކޭޝަނަށް ބަލައި އެންމެ ބޮޑު އެޑްވާންޓޭޖެއް ނެގޭނެ ދާއިރާތައް ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަރަށް ޑިމާންޑް އެބައޮތް. މިހާ ބޮޑު ކަނޑެއްގެ މެދުގައި އޮތީމާ. ރާއްޖެ އޮތް ލޮކޭޝަންގެ ގޮތުން ވެސް ޑިމާންޑް ބޮޑުވޭ،" ނަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރޫޒް ލައިނާތަކާއި ސުޕަ ޔޮޓްތަކުގެ ޑިމާންޑް ރާއްޖެއަށް ވަރަށް ބޮޑެވެ. ނަމަވެސް، އެ އުޅަނދުތަކަށް ރާއްޖެއަށް ދަތުރު ނުކުރެވެނީ ބަނދަރެއް ނެތުމުގެ ސަބަބުން އަރައި ފޭބުމާއި އިތުރު ޚިދުމަތްތައް ހޯދަން ހުރި ދަތިތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ރާއްޖެ އަންނަ ކުރޫޒުލައިނާތަކުގައި އެތައް ހާސް ޓޫރިސްޓުންނެއް އާދެއެވެ. މާލެ ކައިރި އެ ބޯޓްތައް ބަނދަރު ކުރާއިރު އެ ޓޫރިސްޓުން މާލެއާއި އެހެން ރަށްތަކަށް ބާލަން ޖެހެނީ ފެރީ ދޯނިތައް ބޭނުންކޮށްގެންނެވެ. މާލެ އަރުވައި ބޭލުމަށް ވަކި ޚާއްސަ ސަރަހައްދެއް ނޯވެއެވެ. މިކަންކަމުގެ ސަބަބުން ޓޫރިސްޓުންގެ ރައްކާތެރިކަމަށް ވެސް ގޮންޖެހުންތައް ކުރިމަތިވެއެވެ. އަދި، ބޯޓްތަކަށް ބޭނުންވާ ގިނަ ޚިދުމަތްތައް ވެސް ރާއްޖޭން ނުލިބެއެވެ. ނަތީޖާއަކަށް ވަނީ އެ ބޯޓްތަކުން ރާއްޖެއަށް އައުމުގެ ބަދަލުގައި އިންޑިއާއި ލަންކާފަދަ ބަނދަރުތައް ހުންނަ ގައުމުތަކަށް ދަތުރުތައް ކުރުމެވެ.
މިހެން ގޮސް އެތައް ކަމެއް ކީ ދާނެއެވެ. ރާއްޖެ ސަރަހައްދުން ކޮންމެ އަހަރަކު އެތައް ހާސް އުޅަނދެއް ދަތުރުކުރާއިރު އެ އުޅަނދުތަކަށް ދިމާވާ މައްސަލަތައް މަރާމާތު ކޮށްދިނުމަކީ ވެސް ރާއްޖެއަށް ވަދެވިދާނެ އިންޑަސްޓްރީއެއް ކަމަށް އެ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.
މިކަން ނުވެގެން މިއުޅެނީ ކީއްވެ؟
ރާއްޖޭގެ އުތުރުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ހެދުމުގެ ވާހަކަ، 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫންގެ ސަރުކާރުން ވެސް ދެއްކިއެވެ. އެކަމަކު، ބޭނުންހާ ކަމެއް ކުރަން ފުރުސަތު ލިބުނު އެ ދިގު ވެރިކަން ނިމުނީ އެކަން ނުވެއެވެ.
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އައިހެވަން މަޝްރޫއު އިއުލާންކުރެއްވެވިއެވެ. ނަމަވެސް، މާ ބޮޑު އަމަލީ މަސައްކަތެއް ނުފެށުމެވެ. އެނގިފައިވާ ގޮތުގައި އެ ސަރުކާރުގައި ރާއްޖެއަށް އިންވެސްޓްކުރަން ބޮޑު ކުންފުންޏަކުން އައިސް ބޮޑެތި ހުށަހެޅުންތަކެއް ވެސް ހުށަހެޅިއެވެ. ނަމަވެސް، އެ ކުންފުނިން ބޭނުންވީ ރާއްޖޭގެ މުޅި އެ އިންޑަސްޓްރީގެ ކޮންޓްރޯލް އެ މީހުންނަށް ނެގޭގޮތަށް އެ އިންވެސްޓް ކުރާށެވެ.
އެ ސަރުކާރުގެ ވެރިއަކު "ސަން"އަށް ވިދާޅުވިގޮތުގައި އެ ކުންފުނިން ރާއްޖެއަށް އައީ ރާއްޖޭން އެ ވިޔަފާރިއަށް ވަދެ ބޮޑު ނަފާ ހޯދުން, ބްލޮކް ކުރުމުގެ ބޭނުމުގައި އިންވެސްޓްމަންޓެއް ކުރަންކަން ޔާމީނަށް ވިސްނިވަޑައިގަތުމުން އެ މީހުންނާ އެކު ކުރިއަށް ނުދިޔައީއެވެ.
ދެން ވެރިކަމަށް ވަޑައިގެންނެވި ޞާލިހްގެ ވެރިކަމުގައި ވެސް އެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ. އަދި، މިފަދަ އެހެން މަޝްރޫއުތައް ވެސް އިއުލާންކުރެއްވިއެވެ. ނަމަވެސް، ނަތީޖާއެއް ނުނެރެވުނެވެ. ދެން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މިހާރުގެ ސަރުކާރުން ނަމެއްގައި ނަމަވެސް މިވަނީ ބަންކަރިންގެ ޚިދުމަތް ފަށައިފައެވެ. ނަމަވެސް، އަދި އެކަން ދަނީ އެންމެ އެކަށީގެންވާ ގޮތަށް ވުރެ ކުޅޭކުޅޭ ގޮތަކަށެވެ.
މިއީ ރާއްޖެއިން ކޮންމެހެން ވަންނަން ޖެހޭ ވިޔަފާރިތަކެކެވެ. އެކަމަކު، ޖިއޯ ޕޮލިޓިކްސްއާއި ވިޔަފާރީގެ ވާދައަށް ބަލާއިރު މިއީ އެހާ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ސަބަބަކީ ރާއްޖެ ވަށައިގެން އެތައް ޕޯޓެއް މިހާރު އެބައޮތެވެ. އެ މީހުންނަށް ރާއްޖެ ކޮމްޕެޓިޓާއަކަށް ވެދާނެތީ އެއްގޮތުން ނުވިއްޔާ އަނެއް ގޮތަކުން ވެސް ރާއްޖެ މި ވިޔަފާރިއަށް ވަނަ ނުދޭން އެ މީހުން މަސައްކަތް ކުރާނެއެވެ.
މި ކުޑަ ގައުމު މި އޮތީ ދަރައި ވިކިފައެވެ. އާބާދީގެ ބޮޑު ބަޔަކަށް އަދިވެސް އަސާސީ ޚިދުމަތްތަކެއް ނުލިބެއެވެ. މިހެން ވެފައި މިވަނީ ދުރުރާސްތާ ޕްލޭނަކާއި އަމާޒެއް ނެތީމައެވެ. ރާއްޖޭގެ އާމްދަނީ އިތުރު ކުރެވެން އެބައޮތެވެ. އިތުރު އިންޑަސްޓްރީތައް ގެނެވެން އެބައޮތެވެ. އެކަމަށް ބޭނުން ވިޝަނަރީ, ކަން ކުރެވޭ ވަރުގެ ވެރިންނެވެ.