ނ. އަތޮޅުގައި ރިސޯޓެއްގެ ގޮތަށް ތަރައްގީކުރަމުން އަންނަ ރަންދެލީގައި ގިނަ އަދަދެއްގެ މުވައްޒިފުން ކާނާ ވިހަވެގެން ފަރުވާދެމުން ދަނިކޮށް އޭގެތެރެއިން އެކަކުގެ ޕެރަލައިޒް ވެއްޖެ އެވެ.

މަނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނަސީރު މިއަދު ވިދާޅުވީ ޕެރަލައިޒްވީ ބިދޭސީ މީހެއް ކަމަށާއި އޭނާގެ ހާލު މާބޮޑަށް ސީރިއަސްވެގެން އިތުރު ފަރުވާދިނުމަށް މިހާރު މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި ވިދާޅުވީ ކާނާ ވިހަވެގެން މަނަދޫ ހޮސްޕިޓަލަށް އިއްޔެ ގެންގޮސްފައިވާ 83 މީހުންގެ ތެރެއިން ޕެރަލައިޒް ވި މީހާ ފިޔަވައި އެހެން މީހުންގެ ހާލު ރަނގަޅު ކަމަށާއި އިތުރު ފަރުވާދިނުމަށް ފަހު މިހާރު އެމީހުން ދޫކޮށްލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޕެރަލައިޒްވި މީހާއާ ބެހޭ ގޮތުން މައުލޫމާތް ހޯދުމަށް މަނަދޫ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ބޭފުޅާއާ ގުޅުމުން އެ ބޭފުޅާ މައުލޫމާތު ނުދެއްވުމުން އިތުރު މައުލޫމާތު ވަނީ ލިބޭގޮތް ނުވެފަ އެވެ.

ރަންދެލި ރިސޯޓްގެ މުވައްޒިފުން ކާނާ ވިހަވަން ދިމާވީ ކުނިވެފައިވާމަހެއް ކައްކައިގެން ކެއުމުގެ ސަބަބުން ކަމަށް މައުލޫމާތުލިބެ އެވެ. އެގޮތުން އިއްޔެ އެ ރިސޯޓުން 100އަށް ވުރެ ގިނަ މުވައްޒިފުން ވަނީ ކާނާ ވިހަވުމުގެ ސަބުން ފުލުހުންގެ އެހީތެރިކަމާ އެކު ފަރުވާދިނުމަށް އެއަތޮޅު ހޮޅުދޫ އާއި މަނަދޫގެ އިތުރުން ވެލިދޫއަށް ގެންގޮސް ފަރުވާދީފަ އެވެ.