ސައުދީ ރަސްކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި ކޮލަމްތައް ލިޔަމުން ދިޔަ ވޮޝިންގްޓަން ޕޯސްޓުގެ ކޮލަމިސްޓް ޖަމާލް ޙާޝުގްޖީ 2018ގައި މަރާލުމުގައި ސައުދީ އަރަބިއާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންގެ ދައުރެއް އޮވެދާނެ ކަމަށް ބުނެ އެމެރިކާގެ ޖާސޫސީ އިދާރާއިން ނެރުނު ރިޕޯޓު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދޮގުކުރައްވައިފިއެވެ.

ޓްރަމްޕް އެގޮތަށް ވިދާޅުވެފައި ވަނީ ސައުދީ ވަލީއަހުދު މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ބޭފުޅުން ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

އެ މައްސަލައިގެ ތަހުގީގު ކުރުމަށް ހިންގި އޮޕަރޭޝަންގެ ސަބަބުން ދެ ގައުމުގެ ގުޅުން ހީނަރުވެފައި އޮތް ނަމަވެސް ހަތް އަހަރު ފަހުން ގުޅުން ވަނީ ރަނގަޅުވެފައެވެ.

ވަލީއަހުދު ދިފާއު ކުރައްވައި ޓްރަމްޕް ވަނީ، ޚަޝޯގީ އަކީ ގިނަ ބަޔަކު ނުރުހޭ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.

"ކަމުދިޔަޔަސް ކަމުނުދިޔަޔަސް، ކަންތައްތައް ވާނެ. ނަމަވެސް (ޕްރިންސް މުހައްމަދަށް) އެކަމާ ބެހޭ އެއްވެސް ކަމެއް ނޭނގޭ. އަދި އެގޮތަށް އެކަން ދޫކޮށްލާ." ޕްރިންސް މުހައްމަދާއެކު އެކު އޯވަލް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވިއެވެ.

2018 ވަނަ އަހަރު މަރާލާފައިވާ ވޮޝިންގްޓަން ޕޯސްޓުގެ ކޮލަމިސްޓް ޖަމާލް ޙާޝުގްޖީ. ފޮޓޯ/ގެޓީ

ނަމަވެސް އެމެރިކާގެ ޖާސޫސީ އޮފިޝަލުން އާންމުކުރި ރިޕޯޓުގައިވާގޮތުން އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި ނޫސްވެރިޔާ މަރާލުމަށް ސައުދީ ވަލީއަހުދު ރުހުން ދިން ކަމަށް ބެލެވެއެވެ. ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ ފުރަތަމަ ދައުރުގައި އެ ރިޕޯޓު އާންމު ކުރުމާ ދެކޮޅު ހެދިއެވެ.

ޚާޝުގްޖީގެ މަރުގެ މައްސަލައިގައި ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައިވާ ކަމަށް ސައުދީ ވަލީއަހުދު މުހައްމަދު ވިދާޅުވިއެވެ.

ޓްރަމްޕް ވަނީ ދެ ލީޑަރުންގެ ގުޅުން ވަރަށް ރަނގަޅު ކަމަށް ވިދާޅުވެފައެވެ. އަދި އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ސައުދީން ހޯދާފައިވާ ކުރިއެރުންތަކަށް ވަލީއަހުދަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ.

ވަލީއަހުދު މުޙައްމަދު ވަނީ ސައުދީން އެމެރިކާގައި ކުރަން ރާވާފައިވާ އިންވެސްޓްމަންޓްތައް އެއް ޓްރިލިއަން ޑޮލަރަށް އިތުރު ކުރާނެކަން ވެސް އިއުލާނުކުރައްވާފައެވެ.

ވަލީއަހުދު މުޙައްމަދު އެމެރިކާއަށް ވަޑައިގަތުމުން ވަނީ އެންމެ މަތީ ދަރަޖައިގެ މަރުހަބާއެއް ކިޔައިފައެވެ.

ވަލީއަހުދު މުޙައްމަދު ވައިޓް ހައުސްއަށް ވަޑައިގަތުމުން ޓްރަމްޕް ވަނީ އެފް-35 ސްޓެލްތު ފައިޓަ ޖެޓްގެ އަސްކަރީ ފްލައިޕާސްޓަކާ އެކު މަރުހަބާ ކިޔައިފައެވެ. މީގެ އިތުރުން ބޮޑު ބަޑީގެ ސަލާމަކާއި އަހުގެ ޕެރޭޑެއް ވެސް ބޭއްވިއެވެ.