މާލޭގެ ހަލަބޮލިކަމުން މިންޖުވެލުމަށް ކުރު ޗުއްޓީއަކަށް ރަށަށް ދިޔައީމެވެ. އެ ދަތުރުގައި ފުރަތަމަ ވެސް ބޭނުންވީ ގޮނޑުދޮށުގައި ވަގުތުކޮޅެއް ހޭދަކުރާށެވެ. އެ ތަނުގެ ހަމަހިމޭންކަމުން ސިކުނޑިއަށް ކުޑަ ނަމަވެސް އަރާމެއް ހޯދާށެވެ. ކާރުބާރު ބޮޑު މާލޭގެ މަގުތަކުގެ ހަލަބޮލި އަޑުތައް ސިކުނޑިން ނެރޭށެވެ. އެ ކަން ހާސިލުކުރަން ބޭނުންވީ، ދުވަސްވީ އެކުވެރިންނާ އެކީގައެވެ.

އެއް ދުވަހެއްގެ މެންދުރު ދިލަ ހޫނު ރަށު ތެރޭގައި ކެކި އަރަނިކޮށް، ދެ އެކުވެރިއަކާ އެކީ ގޮނޑުދޮށަށް ދިޔައީމެވެ. އެ ދިލަ ހޫނަށް ކުޑަ ނަމަވެސް ފިނި ކަމެއް ހޯދުމަށެވެ. އެކުވެރިންނާ އެކު މަޖާކޮށް، ސަކަރާތް ޖަހާލާށެވެ.

ފަރުމައްޗަށް ގޮސް އުޅުނު މީހުންތަކެއް --- ފޮޓޯ/ އުނގޫފާރު. ކޮމް

އެ ހިމުން ދޮންވެލިގަނޑުގައި ތިން މީހުން އިށީންދެ، ވާހަކަދައްކަން ފަށައިފީމެވެ. އެހެން މާ ގިނައިރަކު ނުތިބެވުނެވެ. މަސް ބާނާ ހިތްވެއްޖެއެވެ. ގެއިން ރޯލަކާ މަސްކޮޅެއް ހިފައިގެން އައިސް، މަސް ބާނަން ފަށައިފީމެވެ.

އެކަމުގައި އުޅެނިކޮށް ހަވީރު ވެއްޖެއެވެ. އޭރު ފަރު ނުވަތަ ތޮށިމަތި އޮތީ ހިކެން ފަށާފައެވެ. ތިން މީހުން ވެސް ބޭނުންވީ ފަރުމައްޗަށް އަރާށެވެ. އެ ތަޖުރިބާކޮށްލައި، ހިތް އުފާކޮށްލާށެވެ.

ތައްޔާރުވެލައިގެން، ފަރުމައްޗަށް އެރުނުއިރު ހުރީ އިރުއޮއްސެން ކައިރިވެފައެވެ. ވަކި ހިސާބަކުން އެހެން އެކުވެރިންތަކެއް ވެސް އަހަރެމެންނާ ބައިވެރިވިއެވެ.

ފަރުހިކިފައި އޮތް ރެއެއްގައި ހަނދުވަރު ދީފައި --- ފޮޓޯ/ ޒަމްޒަމް ފާރިޝް

މިއީ، ހަމައެކަނި އަހަރެމެން އެކަނި ކުރި ތަޖުރިބާއެއް ނޫނެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ފަރު ހިކެއެވެ. ދަޅަ މައްޗަށް ބޮޑު ސަރަހައްދެއްގެ ފަރު އޮންނަނީ ހިކިފައެވެ. އެއާ އެއްކޮށް، ގިނަ ބަޔަކު އެއްވަނީ އެ ތަނަށެވެ. ކުޑަކުދިންނާއި އެކި އުމުރުގެ މީހުންނެވެ.

އަހަރެމެން ފަރުމައްޗަށް އެރިއިރު، ރަތްވިލާ ލާން ފަށައިފިއެވެ. އިރު އޮއްސި، އަނދިރިވާން ފަށައިފިއެވެ. ގުދުރަތީ ރީތިކަމުން ހިތް އުފާކުރަމުން ފަރުމަތީގައި ހިނގަމުން ދިޔައީމެވެ. ބާލީދީތަކާއި ފަސް ލީޓަރުގެ ފެން ހުސްކުރި ފުޅި ހިފައިގެންނެވެ.

އެ އަނދިރި ކަމުގައި ލައިޓުތައް ދިއްލައިގެން ހޯދަން ފެށީ ގޮޅަޔާއި ސަނދަރައެވެ. މި ތަކެއްޗަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މީހުން އެކި ނަންނަމެވެ. މިހެން ކިޔައިދިނަސް މިއީ، އެހާ ފަސޭހަ ކަމެއް ނޫނެވެ. އާދައިގެ ފައިވާނުގައި ފަރުމައްޗަށް އަރައިފިނަމަ، ގިނަ ފަހަރަށް އަންނާނީ ފައިވާން އެއްލާލައިފައެވެ. އެހެންވެ، ގިނަ މީހުން ފަރަށް ދަނީ ބޫޓަށް އަރައިގެނެވެ. އެހެނަސް ގޮޅާ ފަދަ ތަކެތި ނެގުމަށް އެތައް ވަގުތެއް ހޭދަކުރަން ބޫޓަކީ ވަކި އަރާމު ގޮތެއް ނޫނެވެ.

އެކި ސައިޒުގެ ގާތަކުގެ މަތީގައި ހިނގާއިރު، މިއީ ވަރަށް ތަފާތު ތަޖުރިބާއަކަށްވާނެއެވެ. ދުރުން ބަލާ ބަޔަކަށްނަމަ ފެންނާނީ އަލިތަކެއް އެކަންޏެވެ. އެއީ، ބަލައިލަން ހިތްގައިމު މަންޒަރެކެވެ.

އަނދިރިކަން ވެރިވަމުން ދިޔަ އެ ވަގުތު އެއް ފަރާތުގައި އޮތީ ގަސްތަކެވެ. އެކި ވާހަކައިގައި ތިބެގެން ގޮޅާ ހޮވަމުން އެކި އެތި ދިޔައީމެވެ. އަހަރެމެންނާ އެކީ އަލަށް އެ ތަޖުރިބާ ކުރި މީހުން ވެސް ތިއްބެވެ. އެ މީހުންނަށް ގޮޅާ ވަކި ކުރާ ގޮތް ކިޔައިދެމުން އެންމެން އަވަދިނެތި އުޅުނީ ގޮޅާ ހޮވުމުގައެވެ.

މަޖާ ގޮތެއްގައި ބުނާނަމަ، ވެނެއް ފެނިދާނެތީ ބިރުން ހުށިޔާރުވެގެން އުޅުނު އެކުވެރިންތަކެއް ވެސް އުޅުނެވެ. މި ތަކެތި ހޮވައިގެން އެކި މީހުން ތައްޔާރު ކުރަނީ އެކި އެއްޗިއްސެވެ. ފެނު ކައްކައިގެން، ހުހަށް ވެސް ކައިއުޅެއެވެ. ނުވަތަ ބަތާއި ނޫޑްލިސް ކަހަލަ އެއްޗަކަށް އަޅައިގެން ވެސް ކައެވެ.

ސަނދަރައެއް ----

މި ކަމުން ހަނދާނަށް އަންނަނީ ކުޑައިރެވެ. އެކުވެރިންނާ އެކީ ފަރުމައްޗަށްދާ ހަނދާނެވެ. ނަވާރަ ސަތޭކައިގެ އަހަރުތަކުގައި އުފަންވި މީހުންނަށް އެއީ، ރަނުގެ ހަނދާންތަކެކެވެ.

މަޖާޒީ މާނައެއް މި ކަމުން ނަގާ ބަޔަކު ވެސް އުޅުން އެކަށީގެންވެއެވެ. އެއީ، ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި މަޝްހޫރު އަދަބީ ބަސް "އަމާ ބުނީތީ ފަރަށް ދިޔުމާ" ގުޅުވާފައެވެ.

ކޮންމެއަކަސް އަހަރެމެނަށް މި މަޖާ ދަތުރުން ހަނދާންކޮށްދިނީ މާޒީއެވެ. ޚިޔާލެއް ފިކުރެއް ނެތި، އުޅުނު ޅަފަތުގެ ދުވަސްތަކެވެ. އެ އުފާވެރި ހަނދާންތަކެވެ. މިއީ، އާއިލާއާ އެކު ނުވަތަ ރައްޓެހިންނާ އެކީ ކޮށްލަން ރަނގަޅު ތަޖުރިބާއެކެވެ. ނުވަތަ ބިޒީ ސިކުނޑިއަށް ލުޔެއް ހޯދަން ރަނގަޅު ގޮތެކެވެ.