18 Nov 2025, 22:05
ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ފިރިހެން ހޭންޑްބޯޅަ ޓީމު ކުޅުނު ފަހު މެޗުގައި ގަތަރު އަތުން ބަލިވެ މުބާރާތް ނިންމާލައިފިއެވެ.
މިއީ މުބާރާތުގައި ގައުމީ ހޭންޑް ބޯލް ފިރިހެން ޓީމް ކުޅުނު ތިންވަނަ މެޗެވެ. މުބާރާތުގައި ގަތަރު މިހާތަނަށް ކުޅުނު ދެ މެޗުވެސް އެ ޓީމުވަނީ ކާމިޔާބުކޮށްފައެވެ.
ގުރޫޕް އޭގައި ގަތަރު ކުޅުނު ދެ މެޗުން އެ ޓީމު ވަނީ 80 ގޯލު ޖަހައިފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއަށް ގޯލު ޖެހުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗްގެ ހަތްވަނަ މިނެޓްގައެވެ. އަބްދުﷲ ނާޖީ ފޮނުވާލި ބޯޅަ ގަތަރުގެ ކީޕަރުގެ އަތުގައި ޖެހިފައި ނިކުތްވަގުތު ރާއްޖޭގެ އިސްމާޢީލް ފަރުޙާންއަށް ލިބުނެވެ.
ނަމަވެސް ފަރުޙާން ފޮނުވާލި ބޯޅަވެސްވަނީ ގަތަރުގެ ކީޕަރު ދިފާޢުކޮށްފައެވެ. ފުރަތަމަ ހާފްގައި ރާއްޖެއިންޖެހި ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފްގެ 9 ވަނަ މިނެޓްގައި އަބްދުﷲ އައްޒާމެވެ.
މިމުބާރާތުގައި ރާއްޖެއިން މިހާތަނަށް އިރާން އަދި ޔޫއޭއީއާއި ދެކޮޅަށް ކުޅުނު ދެ މެޗުގައިވެސް އެ ދެ ޓީމުގެ ފަރާތުން ވަރަށް އަވަސް ކުޅުމެއް ފެނިގެންދިޔައެވެ. ހާއްސަކޮށް ކައުންޓަރ އެޓޭކްތަކުގައި އަވަސްކޮށް ގޯލް ޖަހަމުންދިޔައެވެ. ނަމަވެސް މިމެޗުގައި ގަތަރުން ކުޅެފައިވަނީ ވަރަށް ބޮޑަށް ހަމަޖެހިލައިގެން، ގިނަވަގުތު ބޯޅަ ހިފަހައްޓައިގެންނެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް 2025 ގައި ރާއްޖެއާއި ގަތަރު ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: އެމްއޯސީ
މެޗުގެ ފުރަތަމަ ހާފްގައި ރާއްޖެއިން ޖެހި ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އަހުމަދު ސައިފްއެވެ. އަދި ރާއްޖެއިން ޖެހި ތިންވަނަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ރާއިދު ރަޝީދެވެ. ރާއްޖެއިން ޖެހި ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދިނީ މުހައްމަދު އަސްލަމެވެ.
ގަތަރުން މަޑުން ކުޅުމުގެ ސަބަބުން، މިމެޗްގައި ރާއްޖެއަށްވެސް ހަމަޖެހިލައިގެން ކުޅުމުގެ ފުރުސަތު ލިބިގެންދިޔައެވެ. ނަމަވެސް ގަތަރުން ރާއްޖޭގެ ގޯލަށް ފޮނުވާލި ގިނަ ހަމަލާތަކެއްވެސް ގޯލްގެ ތިން ދަނޑިން އެތެރެވެފައެވެ. އަދި ބައެއް ހަމަލާތައް ރާއްޖޭގެ ކީޕަރު އަހުމަދު ނަވާޒްވަނީ ދިފާޢުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނުއިރު ބޮޑު ތަފާތަކުން ލީޑުކުރަމުން ދިޔައީ ގަތަރުންނެވެ. އެއީ 24 ގޯލް 4 ގޯލުންނެވެ.
މެޗުގެ ދެވަނަ ހާފް ފެށިގެން ގަތަރުން ހަމަޖެހިލައިގެން ކުޅުނުއިރު، ފުރަތަމަ ހާފުއާއި ހިލާފަށް އެ ޓީމުން ދެވަނަ ހާފްގައި ކުޅެމުން ގޮސްފައިވަނީ ވަރަށް ބޮޑަށް ޑިފެންސް ވަރުގަދަކޮށްގެންނެވެ.
މިއާއެކު ރާއްޖެއިން ގޯލުޖެހުމަށް ކުރަމުންދިޔަ މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. ދެވަނަ ހާފުގައި ރާއްޖެއިން ގަތަރުގެ ގޯލް ފޫއަޅުވާލެވިފައިވަނީ ދެވަނަ ހާފްގެ 14 ވަނަ މިނެޓްގައެވެ.
މި ގޯލް ރާއްޖޭގެ ޓީމްއަށް ކާމިޔާބުކޮށްދިނީ މުހައްމަދު ފިރުނާޝްއެވެ. ރާއްޖެއިން ކުޅުން ރަނގަޅުކޮށްލުމަށް ނެގި ޓައިމް އައުޓްގެ ބޭނުން ވަރަށް ބޮޑަށް ހިފުނެވެ. އެއަށްފަހު ކުޅެން ނިކުމެ ދެވަނަ ހާފްގެ 17 ވަނަ މިނިޓުގައި ފިރުނާޝް ވަނީ ރާއްޖޭގެ ހަވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ.
މެޗު ނިމެން އުޅެނިކޮށް ޒިޔާއުއަށް ގޯލް ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ޒިޔާޢު ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ މަތީ ދަނޑިން ބޭރަށެވެ. މިމެޗް ގަތަރުން ކާމިޔާބުކޮށްފައިވަނީ 44 ގޯލް 6 ގޯލުންނެވެ.
މިމެޗާއެކު ރާއްޖެއަށް ވަނީ މުބާރާތް ނިމިފައެވެ. ގުރޫޕް އޭގައި ރާއްޖެ ވާދަކޮށްފައިވަނީ އިރާން އަދި ޔޫއޭއީއާއެވެ. ކުޅުނު ތިން މެޗުން މޮޅު ގަތަރު ޓީމުންވަނީ ސެމީ ފައިނަލްގެ ޖާގައެއް ހޯދާފައެވެ.