18 Nov 2025, 21:21
މާލޭ ގެއެއްގައި 18 އަހަރުގެ އަންހެނަކު ގަދަކަމުން ހިފަހައްޓައި، އަނިޔާކުރި މައްސަލައެއް ފުލުހުން ފަށައިފިއެވެ.
މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ މާލޭ، މާފަންނުގައި ހުރި ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކު، ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިއަދު އިރުއޮއްސި 18:11 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އިތުރު ތަފްސީލެއް ނުދިން ނަމަވެސް ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މަގުމަތިން ފުލުހުންގެ އެހީއަށް އެދިގެން ހޮސްޕިޓަލަށް ގެންދިޔަ އަންހެނަކަށް ޖިންސީ އަނިޔާ ލިބިފައި ހުރި މައްސަލައެއް ވެސް މިފަހުން ވަނީ ފެންމަތިވެފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ޖިންސީ ގޯނާގެ މައްސަލަތައް ރާއްޖޭގައި ވަރަށް އާންމެވެ. އޭގެތެރޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ގިނައިރު، އެފަދަ ކުށްތައް ރިޕޯޓުކުރުން އަދި ވެސް ވަރަށް މަދެވެ.
ހަމައެހެންމެ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ މެޓީރިއަލް ދެކުނު އޭޝިއާއިން އެންމެ ފަސޭހައިން ލިބެން ހުންނަ ގައުމަކީ ރާއްޖެ ކަމަށް ދިރާސާއަކުން ވަނީ ދައްކާފައެވެ.