18 Nov 2025, 23:30
ކްލައުޑްފެއާއަށް ދިމާވި މައްސަލަ ހަތް ވަރަކަށް ގަޑިއިރު ފަހުން ދެންމެ ހައްލުކޮށްފިއެވެ.
ކްލައުޑްފްލެއާ އަކީ "އެތައް މިލިއަން ވެބްސައިޓްތަކަށް އިންޓަނެޓް ރިކުއެސްޓްތައް ފޯރުކޮށްދޭ" އަދި މިވަގުތު 81 މިލިއަނަށްވުރެ ގިނަ ވެބްސައިޓަށް ސީދާ އެކުންފުނިން ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެކެވެ.
އެ މައްސަލަ ދިމާވާން ފެށީ ގާތްގަނޑަކަށް ހަވީރު 16:30 ކަށް ހާއިރުން ފެށިގެންނެވެ. އޭގެފަހުން، މައްސަލަ ހައްލުވީ، އިރުކޮޅެއް ކުރިންނެވެ.
އެ ވަގުތުތަކުގައި ރާއްޖެއިން ވެސް މުހިންމު އެތައް ޚިދުމަތްތަކަކަށް ބުރޫއެރިއެވެ. އެގޮތުން، ރައްޔިތުންނަށް އެންމެ މުހިންމު ޚިދުމްތައް ކަމަށްވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ އޮންލައިން ޚިދުމަތްތައް ހިމެނެއެވެ.
އެ ޚިދުމަތްތަކުގެ އިތުރަށް އެހެނިހެން ގިނަ ވެބްސައިޓުތަކެއް ޑައުންވިއެވެ. އޭގެ ތެރޭގައި ސަރުކާރުގެ ގިނަ އިދާރާތަކެއްގެ ވެބްސައިޓުތަކާއި ނޫސް ވެބްސައިތްތައް ވެސް ހިމެނެއެވެ.
ނަމަވެސް މިރޭ ގަޑިން 20:40 ހާއިރު ރާއްޖޭގެ ގިނަ ސައިޓްތައް ހައްލުވިއެވެ.
ޑައުންޑިޑެކްޓާ އަލުން ބޭނުންކުރެވޭ ގޮތްވީ ފަހުން ދައްކާ ގޮތުގައި ގްރިންޑާ، އެކްސް، ޗެޓްޖީޕީޓީ، ކެންވާ، އަދި ސްޕޮޓިފައިގެ ޚިދުމަތްތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
މި މައްސަލަ ދިމާވިއިރު އެކްސް ވެސް ކުޑަ ވަގުތުކޮޅަކަށް ހުއްޓުނެވެ. ނަމަވެސް، މިހާރު އެ ޕްލެޓްފޯމް އަލުން ބޭނުންކުރެވޭ ގޮތް ވަނީ ހަދައިފައެވެ.
ޑިވެލޮޕަރުންނަށް ކްލައުޑްފްލެއާގެ މައްސަލަ ފާހަގަވުމުން، ގިނަ ބަޔަކު އެކްސް މެދުވެރިކޮށް އެމީހުންގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.