30 Aug 2010, 19:38
00:37
ފިތުރު ޒަކާތުގެ ގޮތުގައި ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާ، ތިރީސް ހަތްހާހަށްވުރެ ގިނަ މީހުން މިހާތަނަށް ދައްކާފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ޒަކާތު ފައިސާ ދައްކާފައި ވަނީ ތިރީސް ހަތްހާސް އަށްސަތޭކަ ތިރީސް ދެ މީހުން ކަމަށެވެ. އަދި ފާއިތުވި 19 ދުވަހު ލިބިފައިވާ ފައިސާގެ ޖުމްލަ އަދަދަކީ ނުވަ ލައްކަ ފަސްދޮޅަސް ހަތަރުހާސް ހަ ސަތޭކަ އަށްޑިހަ ފަހެއް ކަމަށެވެ.
އެކި ފަރާތްތަކުން ހަތް ލައްކައަށްވުރެ ގިނަ ރުފިޔާ ޒަކާތު ފައިސާގެ ގޮތުގައި މިނިސްޓްރީއަށް ދައްކާފައިވާއިރު، އެސްއެމްއެސް އަދި އޮންލައިންކޮށް ވެސް ގިނަ އަދަދެއްގެ ބަޔަލު ފިތުރު ޒަކާތް ދައްކާފައިވޭ. އެގޮތުން ދިރާގު އެސްއެމްއެސް މެދުވެރިކޮށް ޖުމްލަ ހަތަރުހާސް ފައްސަތޭކަ ސާޅީސް ހަތަރު ފަރާތަކުން ޖުމްލަ އަށްޑިހަ އަށްހާސް ހަތަރުސަތޭކަ ހަތާވީސް ރުފިޔާ ދައްކާފައިވެ އެވެ. އަދި ވަތަނިއްޔާގެ ނަންބަރުތަކުން އެސްއެމްކޮށްގެން އެގާރަސްތޭކަ ފަންސާސް ނުވަ ފަރާތަކުން ސައްބީސްހާސް ހަސަތޭކަ ފަސްދޮޅަސް ނުވަ ރުފިޔާ ދައްކާފައިވެ އެވެ.
އަދި އެއްހާސް ސާޅީސް ފަސް މީހުން ކޭޝްކާޑު މެދުވެރިކޮށް ބައްތިރީސްހާސް ހަސަތޭކަ ފަންސާސް ހަ ރުފިޔާ ދައްކާފައިވާއިރު އިންޓެނަޓު މެދުވެރިކޮށް ފައްސަތޭކަ ދިހަ ފަރާތަކުން ހަތްދިހަ ނުވަހާސް ތިންސަތޭކަ ވިހި ރުފިޔާ ދައްކާފައިވެ އެވެ.
ފިތުރު ޒަކާތު ދެއްކުމުގެ ފުރުސަތު މި ރޯދަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިސްލާމިކް މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ.