18 Nov 2025, 20:18
ކްލައުޑްފްލެއާ އަށް ދިމާވި ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް މިލިއަން ބަޔަކަށް އިންޓަނެޓްގެ ޚިދުމަތް ނުލިބި ވެބްސައިޓްތައް ވެސް ހުއްޓުމަކަށް އައިސްފި އެވެ.
ވެބްސައިޓްތަކާއި އެޕްތަކާ ގުޅުވައިދޭ ގްލޯބަލް ނެޓްވޯކް ކަމަށްވާ ކްލައުޑްފްލެއާ އަށް ދިމާވި މައްސަލައެއް އެ ކުންފުނިން ދަނީ ބަލަމުންނެވެ. ކްލައުޑްފްލެއާ އަކީ "އެތައް މިލިއަން ވެބްސައިޓްތަކަށް އިންޓަނެޓް ރިކުއެސްޓްތައް ފޯރުކޮށްދޭ" އަދި މިވަގުތު 81 މިލިއަނަށްވުރެ ގިނަ ވެބްސައިޓަށް ސީދާ އެކުންފުނިން ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެކެވެ.

ގިނަބަޔަކުވަނީ އެކްސްގައި ކަންބޮޑުވުން ފާޅުކޮށްފައި ---
އެ ކުންފުނީގެ ސްޓޭޓަސް ޕޭޖްގައިވާ ގޮތުން، "ކްލައުޑްފްލެއާ އަށް ދިމާވެފައިވާ މައްސަލައެއް ފާހަގަވެފައިވާއިރު، އެއީ ގިނަ ކަސްޓަމަރުންނަށް އަސަރުކުރާނެ މައްސަލައެއްތޯ ދަނީ ބަލަމުންނެވެ. އިތުރު މައުލޫމާތު ލިބުމުން ހިއްސާ ކުރާނެ" ކަމަށް ބުނެފައިވެ އެވެ.
ސްޓޭޓަސް ޕޭޖުން ދައްކާ ގޮތުގައި ގުއަޓެމާލާ ސިޓީ، ޝިކާގޯ، އެޓްލާންޓާ، މިއާމީ، އަދި ލޮސް އެންޖެލިސް އަށް އެކި އަޕްޑޭޓްތައް ވަނީ ތާވަލުކުރެވިފައެވެ. ނަމަވެސް މައްސަލަ ދިމާވީ މި އަޕްޑޭޓްތަކުގެ ސަބަބުން ކަމެއް ސީދާ ސާފެއް ނޫނެވެ.
މި މައްސަލައިގެ ސަބަބުން ސައިބަނިއުސް އަށް ވެސް ޑައުންޑިޑެކްޓާ އަށް ވެސް ވަދެވޭ ގޮތް ނުވިއެވެ. ޑައުންޑިޑެކްޓާ އަކީ ވެބްސައިޓްތަކަށް ދިމާވާ މައްސަލަތައް ރިޕޯޓްކުރާ ޕްލެޓްފޯމެކެވެ.
މީގެ ކުރިން އޭޑަބުލިއުއެސް އަށް ދިމާވި ބޮޑު މައްސަލައަށް ފަހު، މިހާރު ކްލައުޑްފްލެއާ އަށް ވެސް މައްސަލައެއް ދިމާވެފައިވާއިރު، މިއީ ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް އަސަރުކުރި ކަމެކެވެ.

ދުނިޔޭގެ އެތައް މިލިއަން ވެބްސައިޓަކަށްވަނީ މައްސަލަ ދިމާވެފައި ---
ޑައުންޑިޑެކްޓާ އަލުން ބޭނުންކުރެވޭ ގޮތްވީ ފަހުން ދައްކާ ގޮތުގައި ގްރިންޑާ، އެކްސް، ޗެޓްޖީޕީޓީ، ކެންވާ، އަދި ސްޕޮޓިފައިގެ ޚިދުމަތްތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
ސައިބަނިއުސް އިން ކަށަވަރުކޮށްދޭ ގޮތުގައި އެކްސް ވެސް ކުޑަ ވަގުތުކޮޅަކަށް ހުއްޓިފައި ހުރި ނަމަވެސް، މިހާރު އެ ޕްލެޓްފޯމް އަލުން ބޭނުންކުރެވޭ ގޮތްވެފައިވެއެވެ.
ޑިވެލޮޕަރުންނަށް ކްލައުޑްފްލެއާގެ މައްސަލަ ފާހަގަވުމުން، ގިނަ ބަޔަކު އެކްސް މެދުވެރިކޮށް އެމީހުންގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.