18 Nov 2025, 21:39
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ މަސައްކަތްތަކަށް 7،000 އަށްވުރެ ގިނަ އޮފިޝަލުން ހޯދުމަށް، އިލެކްޝަންސް ކޮމިޝަނުން (އީސީ)އިން އިއުލާނުކޮށްފިއެވެ.
އީސީން ކުރި އިއުލާނުގައި އޮފިޝަލުންނަށް ދޭ އެލަވަންސްގެ ތަފްސީލުތައް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން މި އިންތިޚާބުގައި އޮފިޝަލުންނަށް ދިނުމަށް ހަމަޖެހިފައިވާ އުޖޫރައަކީ:
ވޯޓުލާ މަރުކަޒުގެ ވެރިޔާ 2،900 ރުފިޔާ
- ވެރިޔާގެ އެހީތެރިޔާ 2،600 ރުފިޔާ ލިބޭނެ
- ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އެހެން އޮފިޝަލުންނަށް 2،300 ރުފިޔާ
- ވޯޓު ގުނާ އޮފިޝަލަކަށް ހަރަކާތްތެރިވާ ފަރާތަކަށް 1،800 ރުފިޔާ
- ރިޒާވް އޮފިޝަލުންނަށް 1،000 ރުފިޔާ
މީގެ އިތުރުން މަސައްކަތްކުރާ ގަޑިތަކަށް ބަލައި، ކެއުމާއި ސައިގެ އެލަވަންސް އަދި އިތުރުގަޑީގައި ފައިސާ ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް އީސީއިން ވަނީ ބުނެފަައެވެ.
ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަންގެޕޯޓަލްމެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އީސީއިން ބުންޏެވެ. އެގޮތުން، ވެރިފައިޑް އީ-ފާސް އެކައުންޓެއް މެދުވެރިކޮށް ޕޯޓަލްއަށް ލޮގިންވެވޭނެ ކަމަށާއި، ޕޯޓަލްއަށް ލިޔެކިއުންތައް ހުށަހެޅުމަށް ބޭނުންކުރެވޭނީ ހަމައެކަނި ޕީޑީއެފް ފައިލް ކަމަށް ވެސް އީސީއިން ބުންޏެވެ.
މި މަގާމަށް ހުށަހަޅާ ފަރާތްތަކަށް، ފޯމުގެ ސްޓޭޓަސް ޕޯޓަލްއިން ޗެކްކުރެވޭނެ ގޮތަށް އީސީއިން އިންތިޒާމްކޮށްފައިވެއެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް:
އުމުރުން 18 އަހަރުވެފައިވާ މީހެއްކަމުގައިވުން
- އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުން
- އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން
- އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ޢާއިލީ މެންބަރެއް ކަމުގައި ނުވުން
- ކެންޑިޑޭޓެއްގެ މަންދޫބެއް، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއްގެ ގޮތުގައި ކުރިމަތިލައިފައިވާ މީހަކު ކަމުގައި ނުވުން
- ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން ހިމެނޭ
އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ޑިސެންބަރު 21 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން އީސީން ވަނީ އެދިފައެވެ.
މިވަގުތަށް އިންތިޚާބު ބާއްވަން ރާވާފައި އޮތް ތާރީޚެއް ކަމަށް މިހާރު އޮތީ އަންނަ އަހަރުގެ މާޗް 28 ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުޙައްމަދު ޒާހިދު ވަނީ ވިދާޅުވެފައެވެ. ޒާހިދު ލަފާކުރެއްވި ގޮތުގައި ކައުންސިލު އިންތިހާބަށް ގާތްގަނޑަކަށް 70 އާއި 80 މިލިއަނާ ދެމެދުގެ މިންވަރަކަށް ރުފިޔާ ޚަރަދުވާނެއެވެ.