ރާއްޖޭގައި ސިއްހީ ދާއިރާއާ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ, ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ކަސްޓަމަރުންނަށް ރާއްޖެއިން ބޭރަށް ޑޮލަރު ފޮނުވޭ ލިމިޓު ބޮޑުކޮށްފިއެވެ.

ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ން ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުންނަށް، ރެމިޓެންސްގެ ގޮތުގައި އިންޑިއާއަޑް ޑޮލަރު ފޮނުވޭ އަދަދު 150 ޑޮލަރަށް ދަށްކުރަން ނިންމީ މިދިޔަ މަހުގެ 16ވަނަ ދުވަހެވެ.

އެގޮތުން، ރާއްޖޭގައި މަސައްކަތްކުރާ އެ ގައުމުގެ މީހުންނަށް ރުފިޔާ-ރުޕީސް ރެމިޓެންސްގެ ދަށުން މުސާރަ ފޮނުވޭނީ 2،313 ރުފިޔާއާ ހަމައަށް ކަމަށް އެސްބީއައި އިން އެއިރު ބުންޏެވެ. އެއީ، ބޭންކް ރޭޓުން 150 ޑޮލަރެވެ. މިގޮތަށް އަމަލުކުރަން ފެށީ އެ މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.

އެހެންވެ، އޭގެ އިތުރަށް އެސްބީއައި މެދުވެރިކޮށް އިންޑިއާއަށް ޑޮލަރު ފޮނުވަން ބޭނުން ނަމަ ދެން ޖެހެނީ އަގުބޮޑުކޮށް ޑޮލަރު ގަންނާށެވެ.

އެ ނިންމުމާއެކު އިންޑިއާގެ ގިނަ އަދަދެއްގެ މަސައްކަތްތެރިން ކަންބޮޑުވުން ފާޅުކުރިއެެވެ. އެހެންވެ އިންޑިއާ ހައިކޮމިޝަނުން ބުނި ގޮތުގައި އެ މައްސަލަ ހައްލުކުރުމަށް މަޝްވަރާތައް ވެސް އެއިރު ފެށިއެވެ.

އޭގެ ފަހުން މަހެއްވާން ގާތްވަނިކޮށް މިއަދު އެސްބީއައި އިން ނެރުނު އިއުލާނެއްގައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެންގުމުގެ މަތިން އިސްލާހުކޮށްފައިވާ ފޮރިން ކަރަންސީ އެލޮކޭޝަންއާ އެއްގޮތަށް އެސްބީއައި އިން މަހުން މަހަށް ރާއްޖެއިން ބޭރުކުރެވޭ އެމެރިކާ ޑޮލަރުގެ ލިމިޓް ބޮޑުކުރަން ނިންމާފައިވާ ކަމަށް ބުނެފައެވެ.

އެސްބީއައި އިން ބުނީ އެމްއެމްއޭގެ އިރުޝާދުގެ ދަށުން މިހާރު ރާއްޖޭގައި ދިރިއުޅޭ އެ ބޭންކުގެ ކަސްޓަމަރުންގެ ތެރެއިން ސިއްހީ އަދި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް މަހެއްގެ މައްޗަށް އެންމެ ގިނަވެގެން 300 ޑޮލަރު، ރާއްޖެއިން ބޭރަށް ފޮނުވޭނެ ކަމަށެވެ. އެހެން ނަމަވެސް މި ނޫން އެހެން ދާއިރާތަކުގައި މަސައްކަތްކުރާ އެ ބޭންކުގެ ކަސްޓަމަރުންނަށް ރާއްޖެއިން ބޭރަށް ފޮނުވޭނީ އެންމެ ގިނަވެގެން 150 ޑޮލަރު ކަމަށް އެސްބީއައި އިން ބުނެފައިވެއެވެ.

އެސްބީއައި އިން ބުނީ މި ބަދަލު ގެނެސްފައިވަނީ އިންޑިއާ ހައިކޮމިޝަނާއި އެމްއެމްއޭއާ ދެމެދު ކުރި މަޝްވަރާތަކަށްފަހު ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއިން ބޭރަށް ޑޮލަރު ފޮނުވޭނެ ލިމިޓު އިތުރުކުރުމަށް އެ ބޭންކަށް ވަކާލާތުކުރަން ފަސޭހަވާނީ އެސްބީއައި ކަސްޓަމަރުންނަށް ލިބޭ މުސާރަ ސީދާ އެ ބޭންކަށް ޖަމާކުރުމުން ކަމަށް ބޭންކުން ބުނެފައިވެއެވެ.

އެހެން ނަމަވެސް، ޑޮލަރު އެކައުންޓު ގެންގުޅޭ ކަސްޓަމަރުންނަށް ޑޮލަރު ބޭރަށް ފޮނުވުމުގައި އެއްވެސް ލިމިޓެއް ނެތްކަމަށް އެ ބޭންކުން ބުނެފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ މަސައްކަތްތެރިން އެބަތިއްބެވެ. ޚާއްސަކޮށް ރާއްޖޭގެ ގިނަ އަދަދެއްގެ ސްކޫލުތަކުގައި ވެސް އިންޑިއާއަށް ނިސްބަތްވާ ޓީޗަރުން މަސައްކަތްކުރެއެވެ.

ރާއްޖޭގައި ޑޮލަރުގެ މައްސަލަ ބޮޑުވެފައިވާއިރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 20 ރުފިޔާއިން މަތީގައެވެ.

ދަރަނި ބޮޑުވުމުގެ ސަބަބުން މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވަނީ ދިވެހިރާއްޖޭގައި ހިންގާ ބޭންކްތަކަށް ވަންނަ ޑޮލަރުގެ 90 އިންސައްތަ އެ ބޭންކަށް މާރުކުރަން އަންގާފައެވެ. އޭގެ ތެރެއިން ވަކި އިންސައްތައެއް އަނބުރާ ބޭންކްތަކަށްދޭ ކަމަށް އެމްއެމްއޭއިން ބުނެއެވެ.