18 Nov 2025, 13:51
ފުރަތަމަ ދެ އަހަރު ދުވަހުގެ ކާމިޔާބީ ރައްޔިތުންނަށް ތަފްސީލްކޮށްދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރޭ އެ ހާމަކުރެއްވީ އާދައިގެ ވާހަކަފުޅެއް ނޫނެވެ. ނުރައްކާތެރި ގޭންގެއް ކަމަށް ލޭބަލްވާހާ ނުރައްކާ ބަޔަކު މިހާރު މި ރާއްޖޭގައި ނެތްކަމަށް އެ އިއުލާނުކުރެއްވީއެވެ. އެ މަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުން ނިކަން ބާރަށް އަތް ޖެއްސެވިއެވެ.
"ހޯމް މިނިސްޓަރު ވަރަށް އުފާވެފައި ވިދާޅުވީ މިހާރު ނެތޭ، ތިމަންނަމެން ޕީޖީއަށް ފޮނުވައިގެން، ޕީޖީ ވިދާޅުވެއްޖެއޭ ނެތޭ އަދި ތި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް. މިހާރު ކުރީގައި މި ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި. ގޭންގް ކުށް ހުއްޓާލައިފި. މިހާރު އެ ބޭފުޅުން އެ ކުދިން ޒުވާނުން މިހާރު ވިޔަފާރި ކުރުމާއި އަބުރުވެރި ދިރިއުޅެއް އުޅެވޭތޯ ނޯމަލް ލައިފްއަކަށް ގޮސްފި މިހާރު މި ގޭންގުތަކުގެ ގޮތުގައި މި ކިޔާ ގޭންގުތައް ވަރަށް މަދުވެއްޖެޔޭ އެހެންވީމަ ތިމަންނަމެން މިހާރު ގޭންގެއްގެ ގޮތުގައި ކަނޑައަޅާނެ ފަރާތެއް ނުފެނިގެންނޭ މި އުޅެނީ،"
ގޭންގު ކުށްތަކާ ބެހޭ ގާނޫނެއް ވުޖޫދުވުމާއެކު، ހަމަ ކުއްލިއަކަށް އެ ހުރިހާ "ގޭންގުތައް" ގެއްލުނީ ހެއްޔެވެ؟ އެ ގާނޫނަށް އަދިވީ އެންމެ ތިން މަހެވެ. އެ ފަދައިން އެ މަނިކުފާނު އެ އިއުލާނު ކުރެއްވީ ކޮން ހަމައަކުން ހެއްޔެވެ. ގާނޫނުގައި ބުނާ ޝަރުތުތައް ހަމަވެގެން ނޫނީ، ރަސްމީކޮށް "ގޭންގެއްގެ" ލަގަބު ލިބިފައި ތިބި ބަޔަކު ނެތުމަކީ ރާއްޖެއިން ގޭންގުތައް މަދުވުން ކަމަށް ބެލެވިދާނެ ހެއްޔެވެ؟ ގޭންގު ކުށްތަކުގެ ބިރުވެރިކަން މި ރާއްޖެއިން އެއްކޮށް ފިލައިދިޔައީ ހެއްޔެވެ؟

ސްޕެޝަލް އޮޕަރޭޝަން ( އެސްއޯ) ފުލުހުން ނިކުމެ މާލޭގެ އެކި ސަރަހައްދުތަކާއި މީހުން ބަލާ ފާސްކުރަނީ -- ސަން ފޮޓޯ
ފަނޑިޔާރުކަމާ ހަވާލުވާން މި ސަރުކާރުގެ ހޯމް މިނިސްޓްރީގެ ނައިބު ކަމުން އިސްތިއުފާދެއްވި މުހައްމަދު ޝަހީދު، އެ މަގާމުގައި ހުންނަވައިގެން މި އަހަރުގެ އެޕްރީލް މަހު މީޑިއާއަށް ހިއްސާކުރެއްވި ގޮތުގައި، ރާއްޖޭގައި ޖުމުލަ 83 ގޭންގު އުފެދިފައިވެއެވެ. އެ ގުރޫޕުތަކުގައި އެކްޓިވްކޮށް 3،500 އަށް ވުރެ ގިނަ މެންބަރުން ހަރަކާތްތެރިވާއިރު، މާލޭގައި އެކަނި 45 ގޭންގު އޮތް ކަމަށް ވިދާޅުވެފައިވެއެވެ. މާލޭގައި އުފެދިފައިވާ ގޭންގުތަކުގައި 85 ކުޑަކުދިންނާއި 2،500އަށް ވުރެ ގިނަ މެންބަރުން ހިމެނޭކަމަށް ވިދާޅުވިއެވެ. އަދި 31 ގޭންގެއް އަތޮޅުތެރޭގައި އޮޕަރޭޓުކުރާކަމަށް ވިދާޅުވިއިރު އޭގެ ތެރޭ 10 ކުޑަކުދިންނާއި ހާހަކަށްވުރެ ގިނަ މެންބަރުން އެ ހަރާކާތްތެރިވާ ކަމަށް ތުހުމަތުކުރެއްވިއެވެ.
ގާނޫނުގައި ބުނާ "ގޭންގް"އަކީ ކޮބާ؟
މި އަހަރުގެ މޭ މަހުގެ 25ވަނަ ދުވަހު ރައީސް ގޭންގު ކުށްތަކުގެ ބިލު ގާނޫނަކަށް ރައީސް ތަސްދީގުކުރެއްވިއިރު، މުހިންމު އެތައް ކަމެއް ވަނީ ވަރަށް އާދައިގެ އިބާރާތްތަކަކަށް ބަދަލުކޮށްފައެވެ.
ގޭންގެއް ކަމަށް ކަނޑައަޅަން ބިލުގައި ހިމެނި، ގޭންގެއްގެ ބައެއް ސިފަތައް ކަމަށް ބެލެވޭ، ވަކި ސަރަހައްދަކީ އެ ފަރާތެއްގެ ތަނެއް ކަމަށް ބެލެވޭނެ ގްރެފިޓީއެއް ނުވަތަ ނިޝާނެއް ކުރެހުމާއި، އެ ސަރަހައްދެއްގައި ގިނަ ވަގުތު ހޭދަ ކުރުން ފަދަ އެތައް ކަމެއް ވަނީ އުނިކޮށްފައެވެ.
ތަސްދީގުކުރި ބިލުގައިވާ ގޮތުންނަމަ، ޕްރޮސެކިއުޓާ ޖެނެރަލަށް ގޭންގެއް ކަމަށް ކަނޑައަޅަން ހައިކޯޓަށް ދެވެނީ، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި، ހެއްކާއެކު ފުލުހުންގެ ކޮމިޝަނަރު ޕީޖީއަށް އެކަމަށް އެދި ހުށަހަޅައިގެންނެވެ. އަދި އެ ގްރޫޕަކީ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ވަކި "ސަބަބުތަކެއް" ހުރި ކަމަށް ފެންނަ ނަމަ އެކަންޏެވެ. އެ ސަބަބުތަކަކީ:
އެ ޖަމާޢަތަކީ ޖިނާއީ ބޮޑެތި ކުށްތަކާ ގުޅިފައިވާ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ޤަބޫލުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރުން؛ އަދި
- އެ ޖަމާޢަތުގެ ޢަމަލުތަކުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުވަތަ އަމަންއަމާންކަމަށް ނުރައްކަލެއް ކުރިމަތިވަމުންދާކަމަށް ޤަބޫލުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރުން؛ އަދި
- އެ ޖަމާޢަތަކީ އެ ހުށަހެޅުން ހުށަހަޅާއިރު ޙަރަކާތްތެރިވަމުންދާ ޖަމާޢަތެއް ކަމަށްވުން.
ތަސްދީގު ކުރި ބިލުގައި، ފުރަތަމަ އެކުލަވައިލި ޑްރާފްޓުގައި ހުރި ހަރުކަށި އިބާރާތްތަކެއް ނެތެވެ. އެހެންވީމާ އެ ސިފަތަކާއި ކަންކަން، ގާނޫނުގެ ދާގަނޑުން ބޭރުން ސަލާމަތްވާން އެ ދިނީ ބޮޑު ފުރުސަތެކެވެ. ނޫނީ ހަމަ ޝަރުތު ހަމަވާ މިންވަރު ނެތީއެވެ.

ގޭންގުކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީގުކުރައްވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
"އަތް ޖެހިޔަސް، ކައިރީގައި އުޅޭ ބަޔަކު ވެސް ގަބޫލުނުކުރާނެ"
"މަށަށް މި އުޅެވެނީ އަދި އެހެން ރާއްޖެއެއްގައި ކަންނޭނގެ،"
އެއީ ރޭ ރައީސް ދެއްކެވި ވާހަކަފުޅާ ގުޅުވައި ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުން އަންނަ އެތައް ރައްޔިތެއްގެ ޝުއޫރުތައް ހުރި ގޮތެވެ. ކުށްކުރާ ގޭންގެއް ނެތޭ ހަމަ ކުއްލިއަކަށް ވިދާޅުވުމުން އެ ކަން ގަބޫލުކުރަން ގިނަ ބަޔަކަށް ތިބީ ނޭނގިފައެވެ. ހަމަ ކުއްލިއަކަށް އެހާ ބޮޑު އަމާންކަމަކާއި ރައްކާތެރިކަމެއް ގާއިމްވުމުން، އެއީ ކިހިނެއްވީ ކަމެއްތޯ ވިސްނައިލަން ނޭނގިފައެވެ.
ސަބަބަކީ ގޭންގުތައް ހުއްޓުވަން ކުރި މަސައްކަތެއް، ހުއްޓުވި ގޭންގެއް، ނުވަތަ އެ ފަދައިން ކުށްކުރަން ހަދައިގެން އުޅޭ ގްރޫޕެއްގެ ބޮޑެއް އަތުލައި އެ ކަމުގެ އެއްވެސް ތަފްސީލެއް މިއަދާ ހަމައަށް ވެސް ހިއްސާ ކުރެވިފައި ނެތުމުންނެވެ. ގާނޫނެއް ވުޖޫދުވުމަކުން އެ ގާނޫނަށް ތަބާވާނަމަ މިއަދު ރާއްޖޭގައި ކުށްކުރާ، އެއްވެސް ބަޔަކު ނޫޅޭނެއެވެ.
ގޭންގުތައް ހުއްޓުވުމާއި، މަސްތުވާތަކެތީގެ ވަބާ ހައްލުކުރުމަށް ހަރުކަށި ފިޔަވަޅު އަޅަން އަބަދުވެސް ވަކާލާތުކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ގޮތުގައި ގޭންގުތައް އަދިވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. ރައީސް ރޭ ކުރެއްވި ކަމަކީ ގޭންގުތައް "ރީބްރޭންޑު" ކޮށްލުން ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.
"ކުރިން ވެސް އަޅުގަނޑު ދަންނަވައިފައި އޮންނާނެ މި ގާނޫނަކުން ކުރާނެ އެއްވެސް ކަމެއް ނޯންނާނޭ. ހަމަ ގާނޫނު އޮންނާނީ ގާނޫނު އޮންނަ ގޮތަށޭ،"

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު "ސަން"ގެ ޕްރޮގްރާމެއްގައި -- ސަން ފޮޓޯ
އުމަރު ތުހުމަތުކުރެއްވި ގޮތުގައި ގޭންގު ކުށްތަކާ ބެހޭ ގާނޫނު ހަދައިފައި އޮތީ މިހާރު ވެސް އޮޕަރޭޓުކުރަމުން އަންނަ ގޭންގުތައް ގާނޫނަށް ނުފެތޭނެހެންނެވެ. އެއީ ސަރުކާރަށް ގޭންގުތަކުގެ ނުފޫޒު ފޯރައިފައި އޮތްކަން ހާމަވާ އެންމެ ބޮޑު އެއް ކަންތައް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ފަދަ ނުރައްކާތެރި ގްރޫޕުތަކުން ހިންގާ ބޮޑެތި ކުށްތައް ފެނުނަސް، ހައްދަވާނީ ނުފެންނަކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަރިހުގައި ތިއްބެވި ބޭފުޅުން ވެސް ކިތަންމެ ބާރަށް ރައީސްގެ ވާހަކަފުޅަށް އަތް ޖެއްސެވި ނަމަވެސް އެ ކަން ޚުދު އެ ބޭފުޅުން ވެސް ގަބޫލުނުކުރާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
"މިއަދު މި ކަން ނުދަންނަ އެއްވެސް މީހަކު ދިވެހިރާއްޖެއަކު ނުހުންނާނެ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވަނީ ދެ އަހަރުގެ ތެރޭ އެއްވެސް ގޭންގެއްގެ ވެރިއަކު ހައްޔަރުކުރެވުނުތޯ ސުވާލު އުފައްދަވައިފައެވެ. ހަމައެކަނި ފެނުނީ ދެ އަހަރު ތެރޭ އެންމެ ދެ މީހަކު ހައްޔަރުކުރި ތަން ކަމަށާއި، އެއީ މާ ބޮޑު ކާމިޔާބެއް ނޫން ކަމަށް އުމަރު ވިދާޅުވިއެވެ.
ހަގީގަތަކީ ބާރުހުރި މީހުން ފޮރުވިގެން ތިބެ ހިންގާ ގޭންގުތަކުގެ ސަބަބުން ދިވެހި އެތައް އާއިލާއަކަށް އެ ކަމުގެ ނޭދެވޭ އަސަރު ފޯރައިފި ކަމެވެ.
އަސްލު މައްސަލައަށް ހައްލު އަންނާނީ ކިހިނެއް؟
ގޭންގުތައް ނައްތައިލަން ކުރަންޖެހޭ ކަންކަން ވެސް ސަރުކާރުތަކަށް ސާފެވެ. އެ ގޭންގުތަކަށް ފަންޑުކުރާ ބޮޑުން ހައްޔަރުކޮށް ދިގު މުއްދަތަށް ޖަލަށްލައި ހަރުކަށި އަދަބު ދިނުމެވެ. އެ ގޭންގުތަކުގެ ޝިކާރައަކަށްވެ، ނުނިކުމެވިފައި ތިބި ޒުވާނުންނަށް އާދައިގެ ދިރިއުޅުމެއް އުޅެވޭނެ މަގުފަހިކޮށްދޭން އެ މީހުންނަށް ބޭނުންވާ ރިހެބިލިޓޭޝަން ފަދަ ފަރުވާތައް ދިނުމެވެ.
"ގޭންގުތަކުގައި މަސައްކަތްކުރާ ގިނަ މީހުންނަކީ ހަމައެކަނި އެންމެ އާދައިގެ މީހުން. އެ މީހުންނަކީ ރިހިބެލިޓޭޝަނާއި، އެހެން މަސައްކަތްތަކަށާއި ކަންކަމަށް ގެންދެވިދާނެ މީހުން. އެކަމަކު އިސްކޮށް މަސައްކަތްކުރާ އިސް ލީޑަރުން ޖެހޭނީ ހަމަ ހައްޔަރުކޮށް ދިގު މުއްދަތަށް ޖަލަށް ލާން ޖެހޭނީ،" އުމަރު ވިދާޅުވިއެވެ.
ހަމައެއާއެކު ސިޔާސީ ޕާޓީތަކުގެ ނިޒާމު ވެސް ހަރަކާތްތެރިވަނީ ގޭންގުތަކުގެ ހިޔަނީގައި ކަމަށް އުމަރު ތުހުމަތުކުރެއްވިއެވެ. ގޭންގުތަކުގެ މައްސަލައަށް ހައްލު ގެންނަ ނަމަ ސިޔާސީ ވެރިން އިސްލާހުވުން ނޫން ގޮތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގޭންގުތައް ހަމަ ކުއްލިއަކަށް ނެތިގޮސްފި ކަމަށް ވިދާޅުވި ނަމަވެސް ގޭންގު ކުށްތަކުގެ ގާނޫނު ވުޖޫދުވުމަށްފަހު އެ ކަމަށް ބާރު ދޭ އެއްވެސް ކަމެއް ފެންނާކަމަށް ނެތެވެ. މިއީ އިހުސާސްނުވާހެން ނުވަތަ ނުފެނި ހާސިލްވާ ފަދަ ކުރިއެރުމެއް ނޫނެވެ. މަގުތައް އަމާންނަމަ، އެ ކަން ފެންނާނެއެވެ. އިހުސާސްވާނެއެވެ. މުހިންމީ ހާމަކަން ބޮޑުކޮށް، ގަބޫލުކުރެވޭ ފެންވަރަށް އެ މަންޒަރު ފެނުމެވެ.