ދިވެހި ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކޮށް, އިގްތިސާދު ދިވެހީންގެ ކޮންޓްރޯލްގެ ދަށުގައި ބޭއްވޭނީ ޓޫރިޒަމް އިންޑަސްޓްރީ ދިވެހީންގެ އަތްމަތީ ބާއްވަން ފުރުސަތު ފަހިކޮށްދީގެން ކަމަށް, އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސިޔާމް, މިއަދު މަޖިލީހުގައި ބަޖެޓް ބަހުސްގައި ޓޫރިޒަމް ދާއިރާ ހިންގަނީ ރާއްޖޭގެ މަދު ބަޔަކު ކަމަށް ބައެއް މަޖިލިސް މެންބަރުން ވިދާޅުވާތީ އެކަމަށް ރައްދު ދެއްވައި ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ސެކްޓާގެ 90 ޕަސެންޓް އޮތީ ބޭރު މީހުންގެ އަތްމަތީގައި ކަމަށެވެ. ދިވެހި ރާއްޖޭގެ އިގްތިސާދަށް ޑޮލަރު ލިބެނީ ރާއްޖޭގެ މަދު ވިޔަފާރިވެރިންތަކެއްގެ މަސައްކަތުންކަން އެމްއެމްއޭއަށް އެނގޭނެ ކަމަށް ސިޔާމް ވިދާޅުވިއެވެ.

"ރާއްޖޭގައި ފޮރިން އިންވެސްޓް ކޮށްފައި ހުރި ބޮޑެތި ކުންފުނިތަކުން އެއްވެސް ޑޮލަރެއް ރާއްޖޭގައި ނުބަހައްޓާ. ހަމައެކަނި މުސާރައާ އެއްޗެހި ދޭ ވަރަށް ގެނެސްފައި ބާކީ އެ މީހުންގެ ގައުމުގައި އެ ބަހައްޓަނީ," ސިޔާމް ވިދާޅުވިއެވެ.

އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު -- ފޮޓޯ: މަޖިލިސް
"އެހެން ނަމަވެސް މި ގައުމުގައި މަސައްކަތް ކުރަމުންދާ ޗަމްޕާ އަފީފާއި ކޮލިމޮހެދޭ އާއި މިހެންގޮސް ޔުނިވާސަލްއާއި ގާސިމާ ދެން ތިބި ބަޔަކު މި ގެންނަނީ ދިވެހި ރާއްޖެއަށް ލާރި. ދިވެހި ރާއްޖޭގައި ލާރި ގެންގުޅެނީ."

އެމަނިކުފާން ވިދާޅުވީ މުސްތަގުބަލުގައި ޓޫރިޒަމް އިންޑަސްޓްރީ ދިވެހީންގެ އަތްމަތީގައި ބާއްވަން ޖެހޭ ކަމަށެވެ. އެގޮތުން ދިވެހީންނަށް އެ މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދޭން ޖެހޭ ކަމަށް ސިޔާމް ވިދާޅުވިއެވެ. އެގޮތުން ދިވެހީންނަށް ރިސޯޓް ހަދަން ރަށް ދީފައި އެ ރަށްތައް ހެދޭނެ މަގު ފަހިކޮށް ދޭން ޖެހޭ ކަމަށް އެ މަނިކުފާން ވިދާޅުވިއެވެ.

އެމަނިކުފާންގެ އަމިއްލަ ރިސޯޓެއް ކަމަށްވާ ސިޔާމް ވޯލްޑް ހެދުމަށް ދައުލަތުން ސޮވެރެން ގެރެންޓީ ދިނުމުގެ ނަތީޖާ ހާމަ ކުރައްވަމުން ސިޔާމް ވިދާޅުވީ އާއްމު 10 ރިސޯޓުން ދައްކާ ޓެކްސްއަށް ވުރެން ގިނައިން އެ ރިސޯޓުން އެކަނި ދައުލަތަށް ޓެކްސް ދައްކަމުން އަންނަ ކަމަށެވެ.

"10 ރިސޯޓްގެ ޓެކްސް އެބަ ދައްކާ. ދެހާސް މުވައްޒަފުން އެބަތިބި. އެހެންވީމައި ކީއްވެގެންތޯ މިކަން ނުކުރަންވީ. މިކަން ނުކުރުމުގެ ސަބަބުން މިވާ ގޮތަކީ އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ރަށްތަކެއް ބޭރުގެ ފަރާތްތަކަށް މިލްކްވާ ގޮތަށް އެތައް އަހަރަކަށް ދެވިގެންދަނީ. އޭގެ ސަބަބުން މުޅި އިގްތިސާދަށް އޭގެ ސަބަބުން ފައިދާއަށް ވުރެން ވާނީ ގެއްލުން," ސިޔާމް ވިދާޅުވިއެވެ.

މިއަދު ރާއްޖޭން ކިޔަވައިގެން ނުކުންނަ ކުދިންނަކީ ވަރަށް ހުނަރުވެރި, މޮޅެތި ކުދިން ކަމަށާއި އެ ކުދިންނަށް އެ ފުރުސަތު ފަހިކޮށްދޭން ޖެހޭ ކަމަށް ސިޔާމް ވިދާޅުވިއެވެ. ދިވެހި އިގްތިސާދު ބާއްވަން ޖެހޭނީ ދިވެހި ރައްޔިތުންގެ އަތްމަތީގައި ކަމަށް ސިޔާމް ވިދާޅުވިއެވެ.

"އެކަމަކު މިއަދު އަޅުގަނޑުމެންގެ އަތްމަތިން ބީވެގެން އެ ދިޔައީ މުޅި އިންޑަސްޓްރީގެ 90 ޕަސެންޓް. 90 ޕަސެންޓް ދިޔައީ ބޭރުގެ ގައުމުތަކުގެ ފޮރިން އިންވެސްޓްމަންޓްތަކަށް." ސިޔާމް ވިދާޅުވިއެވެ.

އެމަނިކުފާން ވިދާޅުވީ ރާއްޖޭގައި ޑޮލަރު ހަރުނުލަނީ ޓޫރިޒަމް އިންޑަސްޓްރީ ބޭރުގެ ކުންފުނިތަކުގެ އަތްމަތީގައި އޮތުމުން ކަމަށެވެ. ދިވެހި ވިޔަފާރިވެރިން ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކުގައި ބަހައްޓާ ކަމަށް ސިޔާމް ވިދާޅުވިއެވެ.

ރާއްޖެއަށް އަހަރަކަށް ވުރެން އަހަރެއް ޓޫރިސްޓުން އަންނަ އަދަދު އިތުރުވުމުގެ އިތުރުން އާ ގަވާއިދެއްގެ ދަށުން ރާއްޖޭގެ ބޭންކްތަކަށް, ޓޫރިސްޓުންނަށް ޚިދުމަތްދޭ ތަންތަނުން ޑޮލަރު މާރު ކުރަން މަޖުބޫރު ކޮށްފައިވާއިރުވެސް ޑޮލަރުގެ މައްސަލަ ހައްލެއް ނުވެއެވެ. ބްލެކް މާކެޓުގައި ޑޮލަރެއް ގަންނަން ލިބޭ އަގު ހުރީ 20 ރުފިޔާއިން މަތީގައެވެ.