23 Aug 2012, 10:25
ޓޯކިޔޯ (އޮގަސްޓް 23): ސޫރިޔާގައި މަރާލި ޖަޕާނުގެ އަންހެން ނޫސްވެރިޔާ މީކާ ޔާމާމޫތޫގެ މަރުގެ މައްސަލަ ސޫރިޔާ އިން ތަޙުގީގު ކުރަންޖެހޭނެ ކަމަށާއި އެ މައްސަލާގައި ސޫރިޔާ ސަރުކާރުން ކަންތައްކުރަމުންގެންދާގޮތް ވަރަށް ގާތުން ބަލަމުންގެންދާނެ ކަމަށް ޖަޕާނުން ބުނެފި އެވެ.
ޖަޕާނުގެ ޚާރިޖީ ވަޒީރު ކިޔުޗީރޫ ގިމްބާ ވިދާޅުވީ މީކާ މަރުވުމުގެ ސަަބަބުން މުޅިޖަޕާނަށް ހިތާމަލިބިގެން ހިނގައްޖެ ކަމަށާއި އޭނާ ހުރިތަނަށް ސޫރިޔާގެ ވައިގެ ސިފައިން ޙަމަލާދިން ސަބަބު ބެލެން ޖެހޭނެ ކަމުގަ އެވެ. ޖަޕާނުގެ ނޫސްވެރިޔާ މީކާ މަރުވީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނާ އެކު ޙަލަބްގައި ޙަރަކާތްތެރިވަނިކޮށް ސޫރިޔާގެ ވައިގެ ސިފައިން ދިން ޙަމަލާއެއްގައި ޒަޚަމްވެގެން މިދިޔަ އަންގާރަ ދުވަހު އެވެ.
މީކާގެ ހަށިގަނޑު ސޫރިޔާ އިން ތުރުކީގެ އިސްތަންބޫލަށް ގެންދިޔުމަށް ފަހު ވައިގެމަގުން މިހާރު ވަނީ ޖަޕާނަށް ގެންގޮސް އޭނާގެ ޢާއިލާއާ ޙަވާލުކޮށްފަ އެވެ. މީކާއަކީ މިިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ސޫރިޔާގައި މަރުވި ހަތަރު ވަނަ ނޫސްވެރިޔާ އެވެ. ސޫރިޔާގައި އިއްޔެ ވެސް ނޫސްވެރިއަކު މަރުވެފައިވެ އެވެ. މުސްޢަބް ނަމަކަށްކިޔާ ސޫރިޔާގެ މިނޫސްވެރިޔާ މަރުވީ ދިމިޝްޤުގެ ދެކުނުގައި ޙަރަކާތްތެރިވަނިކޮށް ގޮތްނޭންގޭ މީހަކު ބަޑިންދިން ޙަމަލާތަކެއްގަ އެވެ. މިނޫސްވެރިޔާއަކީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ހަމްދަރްދީވާ ނޫސްވެރިއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
ސޫރިޔާގެ ސިފައިންގެ ޙަމަލާތައް އެންމެ ބޮޑަށް އަމާޒުވެފައިވާ އަދި ޤަތްލުއާންމުތައް އެންމެ ބޮޑަށް ހިނގާކަމަށް ބުނެވޭ ޙަލަބްގެ ޙާލަތު ކަވަރު ކުރާ ނޫސްވެރިން މެރުމުގެ ސިއްރު ނިންމުމެއް ސޫރިޔާގެ އަމްނަބެހޭ މަސްއޫލުވެރިން ނިންމަވާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. ނަމަވެސް މިއީ ތެދެއްކަން ކަށަވަރެއް ނުވެ އެވެ. (އަލްޖަޒީރާ)