ގޫގުލް އިން އައްޑޫ ސިޓީގައި އިންވެސްޓުކުރުމަށް ތައްޔާރުވާ ޑިޖިޓަލް މަޝްރޫއު "ދިވަރު" ކުރިއަށްގެންދިއުމަށް އުރީދޫއިން އެ ކުންފުންޏާއެކު ޕާޓްނަޝިޕް ހަދައިފިއެވެ.

ދިވެހިރާއްޖޭގެ ޑިޖިޓަލް ތަރައްޤީއަށް އިންޤިލާބީ ބަދަލެއް ގެނެސް، ބައިނަލްއަޤްވާމީ މުވާސަލާތީ މަރުކަޒަކަށް ރާއްޖެ ހެދުމުގެ މަގްޞަދުގައި، ގޫގުލް އިން ރާއްޖޭގައި ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނެއް ޤާއިމުކުރަން ނިންމިކަން ރޭ ވަނީ ހާމަކޮށްފައެވެ. މިއީ އެތައް ފައިދާއެއް ދިވެހީންނަށް ކުރާނެ ކަމެކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، މިއީ އިންޑިއާ ކަނޑުގައި ރާއްޖެ ސަރަޙައްދީ ކަނެކްޓިވިޓީ ހަބެއްގެ ގޮތުގައި ޤާއިމުވުމަށް ލިބޭނެ ވަރަށް މުހިންމު ފުރުޞަތެއް ކަމަށެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމަދީ ވިދާޅުވީ ރާއްޖޭގައި އައު ކަނެކްޓިވިޓީ ހަބެއް ގާއިމުކުރުމަށް ގޫގުލްއާއެކު ޕާޓްނަޝިޕް ހެދުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މި މަޝްރޫއުއަކީ ޤައުމުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ހަރުދަނާކޮށް، ޑިޖިޓަލް ޓްރާންސްފޯމޭޝަން ކުރިއަށް ގެންދިއުމަށް އެޅި ބޮޑު ފިޔަވަޅެއް ކަމަށް ޚާލިދު ވިދާޅުވިއެވެ.

އަދި މިކަމުގެ ސަބަބުން ސްމާޓް އޮޕަރޭޝަންތަކާއި، ކަސްޓަމަރުންގެ ތަޖުރިބާތައް ރަނގަޅުވެ، ގްލޯބަލް ރީޗް ބޮޑުވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމުގައި އުރީދޫ އިން އަދާކުރާ ރޯލާ މެދު ފަޚުރުވެރިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އުރީދޫ މޯލްޑިވްސް އިން ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީއާއި ޑިޖިޓަލް ޚިދުމަތްތައް މުޅި ރާއްޖޭގައި ފުޅާކުރުމުގެ މަސައްކަތް ކުރިއަށްގެންދާކަން އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. މި ކުރިއެރުންތަކުގެ ސަބަބުން ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ޚާލިދު ވިދާޅުވިއެވެ.

ގޫގުލްގެ "ބައިނަލްއަޤްވާމީ އޭޝިއާ ޕެސިފިކް އޯޝަނިއާ ކަނެކްޓިވިޓީ" މަޝްރޫޢުގެ ދަށުން ޤާއިމުކުރާ މި ލޭންޑިން ސްޓޭޝަނުގެ ސަބަބުން، އިންޑިއާ، އެފްރިކާ އަދި ޔޫރަޕު ގުޅުވާލާ މުހިންމު ކޭބަލްތައް ރާއްޖެއަށް ލޭންޑްކުރާނެއެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑެތި ޑިޖިޓަލް ނެޓްވޯކްތަކާ ރާއްޖެ ސީދާ ގުޅުވާލައި، ބައިނަލްއަޤްވާމީ ކަނެކްޓިވިޓީގެ އިތުބާރުހުރި ދޮރާށްޓަކަށް ރާއްޖެ ވުމަށް މަގުފަހިވާނެ ކަމެކެވެ.

މި އިންވެސްޓްމަންޓުގެ ސީދާ ފައިދާ ދިވެހި ރައްޔިތުންނަށް ކުރާނެއެވެ. ބައިނަލްއަޤްވާމީ ބޭންޑްވިޑްތަކަށް ވާސިލްވުމުގެ ޚަރަދު ކުޑަވުމުން އިންޓަނެޓްގެ ޚިދުމަތްތަކުގެ އަގުހެޔޮވެ، ސްޕީޑާއި ޚިދުމަތުގެ އިތުބާރު ބޮޑުތަނުން ރަނގަޅުވެގެންދާނެއެވެ. މީގެ އިތުރުން، އީ-ކޮމާސް އާއި އޮންލައިން ވިޔަފާރިތައް ފުޅާވެ، ޤައުމީ އިޤްތިޞާދަށް ޑިޖިޓަލް ދާއިރާއިން އާ ދޮރުތަކެއް ހުޅުވިގެންދާނެއެވެ.

މި މަޝްރޫޢު ފެށުމާއެކު، މީގެ ކުރިން ރާއްޖެއާ ގުޅާލާފައިވާ SEA-ME-WE 6، IAX، އަދި PEACE ފަދަ ކޭބަލްތަކުގެ ނެޓްވޯކް އިތުރަށް ވަރުގަދަވެ، ރާއްޖެއަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ޑިޖިޓަލް އިންފްރާސްޓްރަކްޗާގެ މުހިންމު މަރުކަޒެއްގެ ގޮތުގައި ބަލައިގަނެވޭނެއެވެ. މިފަދަ ބޮޑެތި އިންވެސްޓްމަންޓްތަކަކީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން އަވަސްކޮށް، ޤައުމީ ތަރައްޤީއަށް ލިބޭ ބާރެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރެއެވެ.

މީގެ އިތުރުންވެސް، މި މަޝްރޫއުގައި ބޭނުންކުރާ ސަބްސީ ކޭބަލްތަކަކީ ހަކަތަ ސަލާމަތްކޮށްދޭ އެއްޗެއް ކަމަށް ގޫގްލް އިން ބުނެފައިވެއެވެ. އަދި ގޫގްލް ކަނެކްޓިވިޓީ ހަބްގައި ބޭނުންކުރާނީ އާދައިގެ ޑޭޓާ ސެންޓަރަކަށްވުރެ މަދު ހަކަތަ ކަމަށް ގޫގްލް އިން ބުނެފައިވެއެވެ. މި ފެސިލިޓީތަކުގެ ޒަރީޔާއިން އިގްތިސާދަށް ގޫގްލް ޕްރޮޑަކްޓްތަކާ އޭއައިގެ މަންފާތައް ވެސް ލިބިގެންދާނެ ކަމަށް ގޫގްލް އިން ބުންޏެވެ.