ދެހާސް ފަނަރަވަނަ އަހަރުން ފެށިގެން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކުރީކޮޅާ ހަމައަށް، އެމްޕީއެލްގައި ރަނގަޅު މިންވަރަކަށް ފައިސާ ހުރި ކަމަށާއި، ނަމަވެސް މިއަދު އެ ކުންފުނީގައި މާ ގިނަ ފައިސާއެއް ނެތް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ބަޖެޓު ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް ކޮމިޓީތަކުގެ މައްސަލަތައް ހިނގަމުންދާ ގޮތާ މެދު ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެމްޕީއެލަކީ މީގެ ކުރިން މާލީ ސިއްހަތު ރަނގަޅު، ވަރުގަދަ ބޭންކް ބެލެންސެއް އޮތް ކުންފުންޏެއް ކަމަށެވެ.

ނަމަވެސް އޭނާ ވިދާޅުވިގޮތުގައި، އެ ކުންފުނީގެ ބޭންކް ބެލެންސްގައި ހުރި ފައިސާތައް ގާތްގަނޑަކަށް ހުސްވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެ ކުންފުނީގެ މުވައްޒަފުންނަށް އިމާރާތްކުރި ތިން ޓަވަރު ބިނާކުރުމަށް ކުރި 600 މިލިއަން ރުފިޔާގެ ޚަރަދާއި، ތިލަފުށީގައި ބިން ހިއްކުމަށް 100 މިލިއަން ރުފިޔާ ޚަރަދުކުރުމުގެ ސަބަބުންނެވެ.

"އެ މަޝްރޫއު ފެށީ އެއީ ކޮންޓްރެކްޓަރު ފައިނޭންސް މަޝްރޫއެއް ގޮތަށް ކިޔައިގެން، އެހެންނަމަވެސް ވަކި ހިސާބަކުން ކޮންޓްރެކްޓަރަކު ފައިނޭންސެއް ނުކުރި، ދެން އައީ އެންޑް-ޔޫޒާ ފައިނޭންސިން، އޭގެ މާނައަކީ ކުންފުނީގެ މުވައްޒަފުން ލޯނު ނަގައިގެން އެ ލޯނުގެ ބޭނުންކޮށްގެން ހަދާ އިމާރާތެއް ގޮތުގައި، އެކަން ވެސް ސަރުކާރުން ބަދަލުކޮށްލީ،"

"މިއަދު އެކައްޗެއް ވެސް ނެތް، އެ ތަނުގަ ބޭނުންވާ ތަރައްގީގެ މަޝްރޫއު ކުރިއަށް ގެންދެވޭނެ ގޮތެއް ވެސް ނެތް،"

ނާޒިމް ވިދާޅުވީ މިހާރު ކެޕިޓަލް އިންވެސްޓްމެންޓްކުރާނެ ފައިސާއެއްވެސް އެމްޕީއެލްގައި ނެތް ކަމަށެވެ.

މީގެ އިތުރުން މި މަހުގެ ކުރީކޮޅު އެމްޕީއެލާ ދިމާލުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ދެ މީހަކު މަރުވި ހާދިސާއާ ގުޅޭގޮތުން ނާޒިމް ވިދާޅުވީ، އެ ހާދިސާ ހިނގީ ކޮޅުވެއްޓިން ބޭލި ހައިމާކު ބޭލޭނެ ވަރު މަގަތު ފާލަމުގައި ނެތިގެން ކަމަށެވެ.

އަދި ރާއްޖޭގެ ވިޔަފާރި ބަނދަރަށް އަންނަ ބޯޓުފަހަރުގެ މުދާ ހުސްކުރުން ލަސްވާތީ ބޮޑެތި ބޯޓުފަހަރު ރާއްޖޭގައި ބަނދަރުކުރަން ދެކޮޅު ހަދާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ މިއަދު ފެންނަން އޮތް ހަގީގަތަކީ ރާއްޖޭގެ އިގްތިޞާދު ވަރަށް ބޮޑަށް އަޑިއަޅާލުމަށްފަހު މިހާރު އިގްތިޞާދުގެ ދިރުން މަޑުމަޑުން ފެންނަން ފެށި މަންޒަރު ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ނިމި، އެ މަޝްރޫއުތަކުން ފައިދާ ލިބެން ފެށި މަންޒަރު ކަމަށެވެ.

"ޖުމްލަގޮތެއްގައި އެއްޗެއް ދަންނަވާ ކަމަށް ވަންޏާ އަޅުގަނޑު ދަންނަވާނީ މި ސަރުކާރުން ކުރެވޭ މަސައްކަތަކީ އަޅުގަނޑުމެންގެ ގައުމަށް ލިބި، ބޭނުން ނުކުރެވިދިޔަ އެތައް ފުރުސަތުތަކެއް ބޭނުންކުރުމަށް ވަނީ ފެށިފަޔޭ،"

މެލޭޝިއާއާއި ސިންގަޕޫރަށް ލިބިފައިވާ ތަރައްގީން މިސާލު ނެންގެވުމަށްފަހު ކުރީ ސަރުކާރަށް އިޝާރާތްކުރައްވައި ނާޒިމް ވިދާޅުވީ، އެމްޑީޕީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބި ގައުމު ތަރައްގީކުރަން ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނު ކަމަށެވެ. ނަމަވެސް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލު ގެނެސްގެން މި ސަރުކާރުން ކުރަން ފަށާފައިވަނީ އެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.

"ދެން ހަމަ އެއާ އެއްކޮށް ޔޫއެސް ޑޮލަރުގެ މޮނޮޕޮލީ އޮތީ ވަކި ބައެއްގެ އަތުގައު، މި ސަރުކާރުން ވަނީ އެ މޮނޮޕޮލީ ބްރޭކްކޮށްލާފަ،"

އަދި ޓޫރިޒަމް ގާނޫނަށް ބަދަލު ގެނައުމުން އައްޑޫގެ ޝަންގްރިއްލާ ރިސޯޓު މިއަހަރުގެ ފަހުކޮޅު ހުޅުވަން މަގުފަހިވެއްޖެ ކަމަށާއި، އެއާއެކު ގާނޫނާއި ގަވައިދުތަކާ ޚިލާފުވެ ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ނުދައްކާތީ އަލަށް ރިސޯޓަކަށް ޓާމިނޭޝަން ނޯޓިސް ވެސް ދީފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.