އެމެރިކާއިން ހުށަހެޅި ޣައްޒާ ޕްލޭން އދ ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފިއެވެ.

ގަރާރެއް ގޮތަށް ހުށަހެޅި އެ ޕްލޭންގައި ޣައްޒާގައި ވަގުތީ ގޮތުން ބައިނަލްއަގުވާމީ ފައުޖެއް ހަރަކާތްތެރިވުމާއި، އިސްރާއީލުގެ ސިފައިން ޣައްޒާއިން އެއްކޮށް ފޭބުމާއި، މުސްތަގުބަލުގައި ފަލަސްތީނު ދައުލަތެއް އުފެއްދުމާ ގުޅޭ ވާހަކަތައް ހިމެނެއެވެ.

އެ ގަރާރު ފާސްވީ ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ ތެރެއިން 13 މެންބަރުންގެ ވޯޓާ އެކުގައެވެ. ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ޗައިނާ އާއި ރަޝިޔާއިން ވޯޓުގައި ބައިވެރިއެއް ނުވެއެވެ.

ބައިނަލްއަގުވާމީ ފައުޖަށް ސިފައިން ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކުރި އަރަބި އަދި އެހެން މުސްލިމް ގައުމުތަކުން މީގެ ކުރިން ވަނީ އެ ގައުމުތަކަށް އެކަން ކުރެވޭނީ އދ ން ގަރާރު ފާސްކުރުމުން ކަމަށް ބުނެފައެވެ.

ޣައްޒާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި ޕްލޭނުގެ ދަށުން ހުށަހެޅި އެ ގަރާރު ފާސްކުރުމުގެ ކުރިން، ގައުމުތަކުގެ މެދުގައި އެމެރިކާއިން މަޝްވަރާކޮށް ގަރާރަށް ވަރަށް ގިނަ ބަދަލުތައް ގެނެސްފައިވެއެވެ.

ހަމާސް އިން ވަނީ ފަލަސްތީނުގެ ހައްގުތަކާއި ޑިމާންޑްތައް ފުއްދައި ނުދެވޭނެ ކަމަށް ބުނެ އެ ގަރާރާ ދެކޮޅު ހަދާފައެވެ.

ޓްރަމްޕުގެ ސުލްހައިގެ ޕްލޭންގެ ދަށުން އިސްރާއީލާއި މިސްރާއި ފަލަސްތީނުން އަލަށް ތަމްރީންކުރާ ފުލުހުންނާ ގުޅިގެން ޣައްޒާގެ ބޯޑަރު ސަރަހައްދުތައް ބަލަހައްޓާނެއެވެ. އަދި އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް (އައިއެސްއެފް) ގެ ނަމުގައި ޣައްޒާއަށް ފައުޖެއް ފޮނުވުމުގެ ހުއްދަ ލިބޭނެއެވެ.

އައިއެސްއެފް އަކީ ސަރުކާރުގެ ބެލުމުގެ ދަށުގައި ނެތް ހަތިޔާރު އެޅި ޖަމާއަތްތަކުގެ ހަތިޔާރު ނައްތާލުމާއި، އާންމުން ހިމާޔަތްކުރުމާއި އިންސާނީ އެހީ ފޯރުކޮށްދޭ މަގުތައް އަމާންކުރުމުގެ ޒިންމާ އޮންނަ ފައުޖެކެވެ.

ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމާ ގުޅޭގޮތުން އެ ގަރާރުގައި ވަނީ ފަލަސްތީނު އޮތޯރިޓީން އިސްލާހުތައް ތަންފީޒުކޮށް، ޣައްޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތް ފެށުމުން ފަލަސްތީނުގެ އަމިއްލަ މިނިވަން ދައުލަތެއް ގާއިމު ކުރުމުގެ ޝަރުތުތައް ހަމަވާނެ ކަމަށެވެ.

އެކަމާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވާފައެވެ. އަދި ދުވަހަކު ވެސް ފަލަސްތީނުގެ ދައުލަތެއް އެ ބިމުގައި ނުއުފެއްދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާ ބެން ގްވީރު ވެސް ވަނީ އެ ފިޔަވަޅާ ދެކޮޅު ހައްދަވައި، ފަލަސްތީނުގެ ދައުލަތަކަށް ތާއީދުކުރާނަމަ، ފަލަސްތީނުގެ އޮތޯރިޓީގެ އޮފިޝަލުން އަވަހާރަކޮށްލުމަށް ގޮވާލާފައެވެ.