18 Nov 2025, 08:59

ސައުދީ އަރަބިއާގެ ރިޔާދުގައި ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ފިރިހެން 100 މީޓަރު ދުވުމުގައި އޭނާ ވާދަކުރި ހީޓުގެ ހަވަނަ ލިބިއްޖެއެވެ.
ސާއިދު މިއަދު ފުރަތަމަ ބުރުގައި ވާދަކުރީ ހީޓް އެކެއްގައެވެ. އެ ހީޓްގައި ވާދަކޮށް، އޭނާ ރޭސް ނިންމީ 11.18 ސިކުންތުންނެވެ. ސާއިދު ހީޓްގެ ހަވަނައިގައި ނިންމާލިއިރު، އެ ހީޓުގެ އެއްވަނަ ހޯދީ ކެމަރޫންގެ އެސެމޭ އަމަނުއެލް އަލޮބްވޭޑޭއެވެ. އޭނާގެ ޓައިމިންއަކީ 10.37 ސިކުންތެވެ.
ސާއިދަކީ ރާއްޖޭގެ ތާރީހުގައި އެންމެ ކާމިޔާބު ދުވުންތެރިޔާއެވެ. އޭނާއަކީ އަދިވެސް 100 މީޓަރު ދުވުމުގެ ރެކޯޑުވެސް އޮންނަ ދުވުންތެރިޔާއެވެ. ސާއިދު ހަދާފައިވާ ރިކޯޑުގެ ޓައިމިންއަކީ 10.33 ސިކުންތެވެ.
ސާއިދު ވަނީ މީގެ ކުރިން ތުރުކީގެ ކޮންޏާގައި އޮތް އިސްލާމިކް ސޮލިޑާރިޓީ ގޭމްސްއާއި އޭގެ ކުރިން އަަޒަރުބައިޖާންގެ ބަކޫގައި އޮތް ގޭމްސްގައިވެސް ވާދަކޮށްފައެވެ. ބަކޫގައި އޮތް ގޭމްސްގެ ފައިނަލުގައި އޭނާ ވާދަކުރިއެވެ.