18 Nov 2025, 08:47
އަންނަ އަހަރު އެމެރިކާގައި ބާއްވާ ފީފާ ވޯލްޑްކަޕަށް ޖަރުމަނާއި ނެދަލެންޑްސް ކޮލިފައިވެއްޖެއެވެ.
ވޯލްޑްކަޕުގެ ޗެމްޕިއަންކަން 2014 ވަނަ އަހަރު ހޯދި ޖަރުމަނުން މިފަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވީ ޔޫރަޕްގެ ކޮލިފައިންގެ ގްރޫޕް އޭގައި ރޭ 6-0 ގެ ނަތީޖާއަކުން ސްލޮވާކިއާ ބަލިކޮށްގެންނެވެ.
މަޝްހޫރު ރެޑްބުލް ލިޕްޒިގްގެ ދަނޑުގައި ކުޅުނު މި މެޗުގައި ޖަރުމަނުން ލީޑުނަގާފައިވަނީ މެޗުގެ 18 ވަނަ މިނިޓުގައެވެ. މިއީ ނިކް ވޮލްޓެމޭޑް ކާމިޔާބުކުރި ލަނޑެކެވެ.
ޖަރުމަނުން ލީޑު ފުޅާކުރި ލަނޑު، މެޗުގެ 29 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ނަބްރީ އެވެ. މިއީ ގޮރެޓްޒްކާ ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
އެއަށްފަހު ދެން ފެނުނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ގާތްގާތުގައި ލެރޯއީ ސާނޭ ކާމިޔާބުކުރި ދެ ލަނޑެވެ. އެއާއެކު ފުރަތަމަ ހާފު ނިމުނީ 4-0 އިން ޖަރުމަނު ކުރީގައި އޮވެގެންނެވެ.
ޖަރުމަނުން މި މެޗުގައި ޖެހި ފަސްވަނަ ލަނޑާއި ހަ ވަނަ ލަނޑަކީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި ރިޑްލް ބާކޫ އާއި އަސާން ވެޑާއޮގޯ ކާމިޔާބުކޮށްދިން ދެ ލަނޑެވެ.
މި މޮޅާއެކު ޖަރުމަނު ވޯލްޑްކަޕަށް ކޮލިފައިވީ ގްރޫޕްގެ އެއްވަނަ ހޯދައިގެންނެވެ. އެއީ ކުޅުނު ހަ މެޗުން ލިބުނު 15 ޕޮއިންޓާއެކު އެވެ.

ނެދަލެންޑްސް އާއި ލިތުއޭނިއާ ބައްދަލުކުރި މެޗުގެ ތެރެއިން--
ވޯލްޑްކަޕުގެ ޖާގައެއް ނެދަލެންޑްސް ހޯދީ ރޭ ލިތުއޭނިއާގެ މައްޗަށް 4-0 އިން ކުރިހޯދައިގެންނެވެ.
މި މެޗުން ލިބުނު މޮޅާއެކު ނެދަލެންޑްސް އޮތީ ކުޅުނު އަށް މެޗުން ލިބުނު 20 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. އެ ޓީމު އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. އެގޮތުން ހަ މެޗުން މޮޅުވިއިރު، ދެ މެޗުން ވަނީ އެއްވަރުވެފައެވެ.
ނެދަލެންޑްސްގެ ޔޯހަން ކްރައިފް އެރީނާގައި ކުޅުނު މި މެޗުގެ 16 ވަނަ މިނިޓުގައި ނެދަލޭންޑްސް ވަނީ ލީޑުނަގާފައެވެ. މިއީ ސިޓީގެ މިޑްފީލްޑަރ ތިޖާނީ ރޭންޑާރސް ކާމިޔާބުކުރި ލަނޑެކެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ނެދަލެންޑްސްއަށް ލީޑު ފުޅާކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ކޯޑީ ގެކްޕޯއެވެ.
ތިންވަނަ ލަނޑު މެޗުގެ 60 ވަނަ މިނިޓުގައި ޓޮޓްނަމް ހޮޓްސްޕަރގެ ޒަވީ ސައިމަންސް ކާމިޔާބުކޮށްދިން އިރު އެ ޓީމުގެ ހަތަރުވަނަ ލަނޑު ފެނުނީ މި ލަނޑު ޖެހިތާ ދެ މިނިޓުފަހުންނެވެ. މިއީ ޑޮންޔެލް މަލޭން ކާމިޔާބުކުރި ލަނޑެކެވެ.