18 Nov 2025, 00:53
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުން މާލޭ ރަށްވެހިންނަށް ދޫކުރާނެކަން ދާދި ފަހުން އިއުލާން ކުރި ފުލެޓުތަކުގެ ކުލި 10،000އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުގެ ސިޔާސަތު "އެންމެނަށް ބޯހިޔާވަހިކަން" ސިޔާސަތު ރޭ ވަނީ އިފުތިތާހުކޮށްފައެވެ. އެ ސިޔާސަތުގެ ދަށުން ފަށާ ފުރަތަމަ ސްކީމްތަކުން މާލޭ ރަށްވެހިންނަށް 15،000 ގޯއްޗާއި 7000 ހައުސިން ޔުނިޓު ދޫކުރާނެކަން ވަނީ އިއުލާންކޮށްފައެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ގޯއްޗާއި ފުލެޓު ދިނުމަށް ކަނޑައަޅައިފައިވާ ގޮތަށް، އެ މަޝްރޫއުތަކުން މި ސަރުކާރުން ވެސް ދޭނެއެވެ. އެގޮތުން ކުރީ ސަރުކާރުގެ ލިސްޓަކަށް ބަދަލު ނުގެނެސް، ހުޅުމާލެއާއި ގުޅިފަޅުން ގޯތިތައް ހަވާލުކޮށްފައިވާ ކަމަށާއި ގިރާވަރު ވެސް ހިއްކަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް މި އަހަރަށް ނިންމައި، އެ ގޯތިތައް ވެސް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، އަންނަ މަހު ބޮޑެތި ޑުރެޖަރުތައް ރާއްޖެ ގެންނަ ކަމަށާއި އެ ޑުރެޖަރުތަކުން ރަސްމާލެ ހިއްކަން ފަށާނެ ކަމަށެވެ.
"އެ ކަންތައް ވެގެންދާނީ މި މާލޭގެ ރަށްވެހިންނަށް، މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ރައްޔިތުންގެ އެންމެ ބޮޑު ކެކުޅުން އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ދާއިމަށް ނިމޭ ކަމަކަށް، އެއް ފަހަރަކުން ނުނިމޭނެ، 15،000 ގޯތި ފުރަތަމަ ބުރުން ދޫކުރަނީ ރަސްމާލެއިން، އެކަމަކު އެއީ އެއްކޮށް އެންމެންނަށް ލިބޭ މިންވަރެއް ނޫން، މުޅި ރަސްމާލެއަކީ 25،000 ގޯތި
ރައީސް ޑރ. މުހައްމަދު މުއިއްޒު
އެ މަނިކުފާނު ވިދާޅުވީ، އަންދާޒަ ކުރެވޭ ގޮތުގައި، ގާތްގަނޑަކަށް މާރިޗު މަހާ ހިސާބަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް ނިމޭނެއެވެ. އަދި ޖަނަވަރީ މަހު ގޯއްޗަށް ކުރިމަތިލާން ހުޅުވާލައި، މީހުން ހޮވުމުގެ މަސައްކަތްތައް ވެސް މާރިޗް މަހަށް ނިންމާލަން މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ކުރިއަށް އޮތް ހަ މަސް ތެރޭގައި، އެއީ އުއްމީދަކީ، ދެން ވެދާ ރިލޭޓެޑް ކަންކަން މި ހުންނަނީ... ހުރިހާ ކަމެއް އެސިއުމްކޮށްފައި ރަނގަޅަށް ދާނެ ކަމަށް ބަލާފައި ހަ މަސް ތެރޭ ނިމޭނެ ކަމަށް މި ދެންނެވީ،" ރައީސް ވިދާޅުވިއެވެ.

ސަރުކާރަށް ދެ އަހަރު ފުރުމުގެ ޖަލްސާގެ ތެރެއިން: މި ސަރުކާރުގެ ސްކީމުން އަޅާ ފުލެޓްތަކުގެ ކުލި 10،000އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް
އެއަށްފަހު މި ސަރުކާރުން ދޫކުރާ ފުލެޓުތަކުގެ ތަފުސީލު ދެއްވަމުން ރައީސް ފާހަގަކުރެއްވީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ސަބްސިޑަރީ ކުންފުންޏެއް އުފައްދައި 3،000 ފުލެޓު އަޅަން ހަވާލުވެފައިވާ ކަމެވެ.
"ދިހަ ހާސް ރުފިޔާއަށް ވުރެ ރެންޓު ބޮޑެއް ނުވާނެ، ތިން ކޮޓަރީގެ ފުލެޓު ލިބިގެންދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ބީއެމްއެލްއިން އަޅާ ފުލެޓުތަކުގެ އިތުރަށް، ބޭރުގެ އެހީއާއެކު 4،500 ފުލެޓު އަޅާނެ ކަމަށާއި އެއާއެކު ޖުމްލަ 7،500 ފުލެޓު އަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނުގެ ވެރިކަމުގެ ދައުރުގައި 18 އަހަރުވެފައިވާ މާލޭގެ ރައްޔިތުންނާއި މާލޭގެ ރަށްވެހިންނަށް "ފުރަތަމަ ގެ" ނުވަތަ "ފަސްޓް ހޯމް" ކަށަވަރުކޮށްދިނުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.