ފިލްމު "ދަބަންގް"އިން 2010 ވަނަ އަހަރު ފިލްމީ ދާއިރާއަށް ތައާރަފްވި ބަތަލާ ސޮނާކްޝީ ސިންހާ ބަރުދަން ލުއިކުރީ ފިލްމީ ތަރިއަކަށްވުމަށް ނޫންކަމަށް ބުނެފިއެވެ.

ފިލްމު އިންޑަސްޓްރީއަށް ތައާރަފްވުމުގެ ކުރިން ސޮނާކްޝީ އަކީ ވަރަށް ބޮޑު ބަރުދަނެއް ހުރި މީހެއް ކަމަށާއި، 30 ސިކުންތަށް ދުވުމަކީވެސް އުނދަގޫ ކަމެއްކަމަށް ސޮނާކްޝީ ވަނީ ބުނެފައެވެ.

ބަރުދަން ލުއިކުރުމާމެދު ސީރިއަސްކޮށް ވިސްނަންފެށީ އޭގެ ސަބަބުން ސިއްހީ ހާލަތު ގޯސްވެދާނެކަމުގެ ބިރު ހީވުމުންކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ބަރުދަން ލުއިކުރުމުގެ ވިސްނުމާއެކު އެކަން ކާމިޔާބުކުރެވުނީ ގާތްގަނޑަކަށް ތިން އަހަރު ދުވަހުގެ ވަރަށް ބުރަ މަސައްކަތުން ކަމަށް ކުރީގެ އެކްޓަރު ޝަތުރުގަން ސިންހާގެ ދަރިފުޅު ވަނީ ބުނެފައެވެ.

ސޮނާކްޝީ ސިންހާ ބައްޕަ ޝަތްރުގަން ސިންހާއާ އެކު--ފޮޓޯ/ފިލްމުފެއަ

މަޝްހޫރު ކޮމީޑިއަން ބާތި ސިންގް އާއި ހަރްޝް ލިމްބަޗިއްޔާގެ ޔޫޓިއުބް ޝޯއަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ސޮނާކްޝީ ބުނީ، ބަރުދަން ލުއިކުރުމުގެ ގޮތުން ވަރަށް ގިނަ ކަސްރަތު ޕްރޮގްރާމްތަކުގައި އޭނާ ބައިވެރިވެ އެކަން ތަޖުރިބާކުރި ކަމަށެވެ.

އޭގެތެރޭގައި ކަސްރަތު ކްލާސްތަކަށް ދިއުމާއި، ކާޑިއޯ އާއި ވެއިޓް ޓްރެއިނިންގް އާއި ޔޯގާ އަދި މިފަހުން ފެށި ޕިލާޓޭ ޕްރޮގްރާތައް ވެސް ހިމެނޭ ކަމަށް ސޮނާކްޝީ ވަނީ ބުނެފައެވެ.
އޭނާއަކީ ވެސް އެހެން މީހުންނެކޭ އެއްގޮތަށް ކެއުމަށް ވަރަށް ފޯރި ހުންނަ މީހެއް ކަމަށް ސޮނާކްޝީ ވަނީ ބުނެފައެވެ.

އެހެންނަމަވެސް ކެއުމުގައި ވަކި މިންގަނޑެއް ގެންގުޅުމަށް މިހާރު އާދަވެފައިވާ ކަމަށާއި، ބޭނުންވަނީ އެހެން އަންހެން ކުދިން ނަމޫނާއަކަށް ކަމަށް ސޮނާކްޝީ ވަނީ ބުނެފައެވެ. ސޮނާކްޝީ އެންމެފަހުން ބެލުންތެރިންނަށް ފެނުނީ "ނިކިތާ ރޯއި" އަދި ސުޕަ ނެޗުރަލް ފިލްމު "ޖަތަދާރާ"އިންނެވެ.