18 Nov 2025, 01:05
މަގުމަތިން ފުލުހުންގެ އެހީއަށް އެދިގެން ހޮސްޕިޓަލަށް ގެންދިޔަ އަންހެނަކަށް ޖިންސީ އަނިޔާ ލިބިފައި ހުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، މިދިޔަ އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި މާލެ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އަންހެނަކު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ.
އައިޖީއެމްއެޗުން ބެލުމަށް ފަހުގައި، އަންހެން މީހާއަށް ޖިންސީ އަނިޔާ ލިބިފައި ހުރި ކަމަށް ހަމަ އެ ދުވަހު ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަނިޔާ ލިބިފައި ވަނީ 24 އަހަރުގެ އަންހެނަކަށްވާއިރު، މި ކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ވަނީ ތަހުގީގު ކުރަން ފަށާފައެވެ.
މި މައްސަލައިގައި އަނިޔާ ލިބިފައިވާ އަންހެން މީހާއަށް ބޭނުންވާ ސިއްހީ ފަރުވާއާއި ސައިކޯސޯޝަލް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން ފުލުހުން ފާހަގަކުރިއެވެ.
ފާހަގަކުރެވޭ ގޮތުގައި، ޖިންސީ ގޯނާގެ މައްސަލަތައް ރާއްޖޭގައި ވަރަށް އާންމެވެ. އޭގެތެރޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ގިނައިރު، އެފަދަ ކުށްތައް ރިޕޯޓުކުރުން އަދި ވެސް ވަރަށް މަދެވެ.
ހަމައެހެންމެ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ މެޓީރިއަލް ދެކުނު އޭޝިއާއިން އެންމެ ފަސޭހައިން ލިބެން ހުންނަ ގައުމަކީ ރާއްޖެ ކަމަށް ދިރާސާއަކުން ވަނީ ދައްކާފައެވެ.