އިންޑިޔާގައި އިއްޔެ ފެށި ނެހުރޫ ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅޭ މެޗަކީ ރާއްޖެ ބަލިކުރަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ނޭޕާލްގެ ކޯޗު ކްރިޝްނާ ތާޕާ ބުނެފި އެވެ.

"2008ގެ ފަހުން އަހަރުމެން ދިވެހިރާއްްޖެއާއެކު ކުޅޭ މެޗުތަކުގައި މޮޅަށް ކުޅެނީ. އެކަމަކު ރަނގަޅު ނަތީޖާއެއް ނެރެވިފައެއްނެތް. ނަމަވެސް މިފަހަރަކީ ރާއްޖެއާދެކޮޅަށް މޮޅުވާން އަހަރުމެންނަށް ވަރަށް ރަނގަޅު ފުރުސަތެއް އެބައޮތް. މިމުބާރާތަށް އަހަރުމެން ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފަ. މިއީ ސީނިއާ އަދި 22 އަހަރުން ދަށުގެ ކުޅުންތެރިންގެ ތެރެއިން ހޮވާލެވިފައިވާ ރަނގަޅު ޓީމެއް،" ހުސްވި ޖުލައި މަހު ވަގުތީ ގޮތުން ޓީމާ ހަވާލުވި ކޯޗު ބުންޏެވެ.

ރާއްޖެ އާއި ނޭޕާލް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗު ރާއްޖެ ކާމިޔާބުކުރި އިރު އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. މި ދެ ގައުމު އެންމެ ފަހުން ކުޅުނީ މި އަހަރު ނޭޕާލްގައި ބޭއްވި ޗެލެންޖް ކަޕުގަ އެވެ. އެފަހަރު 1-0 އިން ރާއްޖެ މޮޅުވެ، ނޭޕާލް މުބާރާތުން ކެޓީ އެވެ.

ނޭޕާލް ކޯޗު އަދި ބުނީ މުބާރާތް ކާމިޔާބު ކުރުމަކީ މަޖުބޫރުކަމަކަށް ނުވާތީވެ ވިނިން ޕެރްޝަރެއް ނެތް ކަމަށާއި ނެހުރޫ ކަޕަކީ އަންނަ އަހަރު ބާއްވާ ސާފް ގޭމްސް އާއި އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރުވާން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.

"އެކަަމަކު މި މުބާރާތަށް ނޭޕާލް ވަނީ ރަނގަޅަށް ތައްޔާރުވެފަ. މިއީ ސީނިއާ ކުޅުންތެރިންނާއި 22 އަހަރުން ދަށުގެ ޒުވާން ކުޅުންތެރިން ހިމަނައިގެން އެކުލަވާލައިފައިވާ ޓީމެއް. ފައިނަލް ކުޅެން އުއްމީދުކުރަން،" ކޯޗު ބުންޏެވެ.

ރާއްޖޭގެ ކޯޗު އިސްޓަވާން އުރުބާނީ މި މެޗާ ބެހޭ ގޮތުން ބުނީ އޭނާގެ އެންމެ ބޮޑު ހިތްހަަމަ ޖެހުމަކީ ދިވެހި ލީގުގެ އެންމެ ގިނަ ގޯލު ޖެހި ހަތަރު ފޯވަޑުން ވެސް ޓީމުގައި ފިޓްކޮށް ތިބުން ކަމަށެވެ. އަދި ޓީމު އެކުގައި ފަރިތަކުރެވުނުލެއް މަދުވި ނަމަވެސް ހުރިހާ ކުޅުންތެރިން ވެސް ކަށިން ހިތްވަރުނެރެ މޮޅުވާން މަސައްކަތްކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ކޯޗު ބުންޏެވެ.

ނެހުރޫ ކަޕުގައި ރާއްޖެ އާއި ނޭޕާލްގެ އިތުރުން ދެން ވާދަ ކުރަނީ އިންޑިޔާ އާއި ސީރިއާ އަދި ކެމަރޫނެވެ. ފައިނަލަށްދާނީ މި ފަސް ގައުމު ލީގު އުސޫލުން އެއްބުރު ކުޅޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މުބާރާތް ހުޅުވަން އިއްޔެ އިންޑިޔާ އާއި ސީރިއާ ކުޅުނު މެޗު 2- 1އިން ކާމިޔާބުކުރީ އިންޑިޔާ އެވެ.