17 Nov 2025, 22:56
އަންނަ ޖަނަވަރީ އެކަކުން ފެށިގެން, ނަފުސާނީ ބަލިތަކުގެ ހުރިހާ ޚަރަދެއް އާސަންދައިން ހަމަޖައްސާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ އިއުލާނުކުރައްވައިފިއެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ނަފުސާނީ ބައްޔަކީ ބޮޑު މައްސަލައަކަށް ވާއިރު، އެ ފަރުވާއަށް މިއަދާ ހަމައަށް އާސަންދައިން ޚަރަދު ހަމަނުޖެހޭ ކަމަށެވެ.
އެ ބަލިތަކަށް ކުރާ ފަރުވާ އާސަންދައިން އެއްކޮށް ނުކޮށްދޭތީ އެކަމާ ހައިރާންވެފައި ހުންނެވި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެކަން ނިމުމަކަށް ގެނެސް، އެކެއް ޖަނަވަރީން ފެށިގެން ނަފުސާނީ ބައްޔަށް ކުރާ ހުރިހާ ޚަރަދެއް އާސަންދައިން ކަވަރުވާނެރައީސް ޑރ. މުޙައްމަދު މުއިއްޒު
ފާހަގަކުރެވޭ ގޮތުގައި، ސަރުކާރުން ވަނީ، ނަފުސާނީ ބަލީގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހެލްޕްލައިނެއް ފެބްރުއަރީ 21، 2024ގައި ގާއިމުކޮށްފައެވެ. އެ ހެލްޕްލައިންގެ ގޮތުގައި ގުޅާ ނަންބަރަކީ 1677އެވެ.
ހެލްތު މިނިސްޓްރީން މިދިޔަ އޭޕްރީލް މަހުގައި ބުނީ، އެ ހޮޓްލައިންގެ ޚިދުމަތް ފެށި ދުވަހުން ފެށިގެން، އެ މަހުގެ 22ގެ ނިޔަލަށް 5،364 މީހުން ޚިދުމަތް ހޯދާފައިވާ ކަމަށެވެ.
އޭގެފަހުން، ނަފުސާނީ ބަލީގައި އަމިއްލައަށް މަރުވާ މީހުން މަދުކުރުމަށް އިސްކަންދޭ ސްޓެރެޓެޖީއެއް މިދިޔަ އޮކްޓޫބަރު ދޭއްގައި ވަނީ އިފުތިތާހުކޮށްފައެވެ.
ނަފުސާނީ ބަލީގެ ފަރުވާއަށް، އާސަންދައިގެ ތެރެއިން ވަކި މިންވަރެއް ހަމަޖެއްސުން 2020ގައި ފެށިއެވެ. އެއީ ކޮވިޑް-19އާ ގުޅިގެން ފުރަބަންދުވެ، ނަފުސާނީ ދުޅަހެޔޮކަމުގެ ކަންބޮޑުވުންތައް ވެސް އިތުރުވުމާ ގުޅިގެންނެވެ.