18 Nov 2025, 10:10
"އެކުއާ ޑްރީމްސް"ގެ ނަމުގައި އައިޝަތު ޝަމްލާގެ ދެމައިން އަންނަ ބުރާސްފަތި ދުވަހު އާޓް އެގްޒިބިޝަނެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
'ސަން'އަށް މައުލޫމާތު ދެމުން ޝަމްލާ ބުނީ، މި އެގްޒިބިޝަނުގައި ބައިވެރިކުރަނީ ކޮވިޑު19ގެ ތެރޭގައި ދަރިފުޅު ޔޫނުސް މުޙައްމަދު އާމިރާއި އެ ދެމައިން ކުރެހި ކުރެހުންތަކާއި އަތުން ހަދާފައި ހުރި ބައެއް ތަކެތި ވެސް ހުންނާނެ ކަމަށެވެ.
އެއީ، އެ ދުވަސްވަރު ސިކުނޑި ހަމަޖައްސާލަން ކުރެހި ކުރެހުންތަކެއް ކަމަށާއި ވިއްސަކަށް ކުރެހުން ހުންނާނެ ކަން ޝަމްލާ ފާހަގަކުރިއެވެ.
މި އެގްޒިބިޝަނަށް ނަން ކިޔާފައިވާ ގޮތް ވެސް ޚާއްސަވެފައި ތަފާތެވެ. އެގޮތުން، މި އެގްޒިބިޝަން ނަން ކިޔާފައި ވަނީ، ޝަމްލާގެ ހުވަފެންތަކާއި ދަރިފުޅަށް ކަމުދާ މޫދާ ގުޅުވާފައި ކަމަށް ޝަމްލާ ބުންޏެވެ.
"އަޅުގަނޑުގެ ދަރިފުޅު ޔޫނުސްއަކީ ވަރަށް މޫދަށް ލޯބި ކުރާ ކުއްޖެއް. އޭނާ ދީފައި އިން ނަމެއް އެއީ. އަޅުގަނޑު ދެންނެވިން މަންމަގެ އެބަހުއްޓޭ ބައިވަރު ހުވަފެންތައް. މަންމަގެ ހުވަފެންތައް އެބަ ޖިހެޔޭ [ނަމުގައި] ހިމަނަން. އެހެންވީމަ އެކުއާ ޑްރީމްސްއަށް ވީ" ޝަމްލާ އިތުރަށް ތަފްސީލުކޮށްދިނެވެ.
މޫދާ ގުޅުވާފައި ނަން ކިޔާފައި ހުރި ނަމަވެސް، އެގްޒިބިޝަނުގައި ރާއްޖޭގެ ސަގާފަތާއި ތާރީޚާ ގުޅޭ ތަކެތި ވެސް ބަހައްޓަން ނިންމާފައިވާއިރު، އެ ހުރިހާ އެއްޗެއް ވިއްކުމަށް ޝަމްލާގެ ދެމައިން ވަނީ ނިންމާފައެވެ.
ޝަމްލާ ބުނި ގޮތުގައި، އެ އެގްޒިބިޝަނުގައި ރިސޯޓުތަކުން ބޭނުންވާ ފަދަ ބޮޑެތި ކުރެހުންތައް ވެސް ހުންނާނެ ކަމަށެވެ.
އޭގެއިތުރަށް، މި އެގްޒިބިޝަން ހުޅުވުމަށް ހަމަޖެހިފައި ވަނީ، އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 16:00ގައި ނެޝަނަލް އާޓް ގެލެރީގައެވެ. އެކަމަކު، އާންމުންނަށް މި މައުރަޒު ހުޅުވާލާނީ ޖެހިގެން އަންނަ ހުކުރު ދުވަހެވެ. އެ ދުވަހު ހުޅުވާލުމަށް ފަހު، މި އެގްޒިބިޝަން ކުރިއަށް ދާނީ މިމަހުގެ 30ގެ ނިޔަލަށެވެ.