އައްޑޫ ސިޓީ ހިތަދޫގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރުމަށް ގޫގުލްއިން ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ގޫގުލްއިން ރާއްޖޭގައި އިންވެސްޓުކުރުމަށް ނިންމުމުން އެކަމަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. އެއީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާއަށް ވަޑައިގެން، ގޫގުލްގެ އިސް ވެރިންނާއެކު ކުރެއްވި މަޝްވަރާތަކަށްފަހު، ގޫގުލްއިން ނިންމި ނިންމުމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ ނިންމުމުގެ ސަބަބުން، ދުނިޔޭގައި ކުރިއަރަމުންދާ ޓެކްނޮލޮޖީއާއި އިނޮވޭޝަންގެ ދާއިރާގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާ ކުރުމަށް މަގުފަހިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، ހިތަދޫގައި ގާއިމްކުރާ ފެސިލިޓީ ވާނީ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްތައް ލޭންޑުކުރުމުގެ ގާބިލުކަން ލިބިފައިވާ ފެސިލިޓީއަކަށް ކަމަށެވެ. އެ މަޝްރޫއުގެ ސަބަބުން ރާއްޖެ ވާނީ އޭޝިއާ، އޯޝޭނިއާ، އެފްރިކާ، މެދުއިރުމަތި، އަދި ޔޫރަޕް ގުޅުވައިދޭ އިތުބާރު ހުރި ޑިޖިޓަލް ގޭޓްވޭއަކަށް ކަމަށް ބަޔާނުގައިވެއެވެ.

މިނިސްޓްރީން ބުނީ މި ފެސިލިޓީއާއެކު، އިންޑިއާ ކަނޑުގެ ޑިޖިޓަލް ކަނެކްޓިވިޓީ ކޮރިޑޯގައި ރާއްޖެ މައި ހަބެއްގެ ގޮތުގައި ގާއިމުވުމަށް ފުރުސަތު ލިބޭ ކަމަށެވެ. މާލޭގެ އިތުރުން، ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ކަނެކްޓިވިޓީ ޕޮއިންޓާއި ހިތަދޫގައި ގާއިމުކުރާ އިންޓަނޭޝަނަލް ކަނެކްޓިވިޓީ ޕޮއިންޓުތަކާއެކު، ރާއްޖޭގެ އިގުތިސާދީ ތަރައްގީއަށް މަގުފަހިވެ، ސަރަހައްދީ މުވާސަލާތީ މަރުކަޒެއްގެ ގޮތުގައި ރާއްޖެ ވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"ގޫގުލްގެ މި އިންވެސްޓްމެންޓުގެ ސަބަބުން ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި އިންވެސްޓަރުން ދިވެހިރާއްޖޭގައި އިންވެސްޓު ކުރުމަށް ޝައުގުވެރިވާ މިންވަރު އިތުރަށް ހާމަވެގެންދާނެއެވެ. އަދި ކްލައުޑް ސާވިސަސް، ފިންޓެކް، ޑިޖިޓަލް ކޮންޓެންޓް، އަދި ޓެކްނޮލޮޖީ ސްޓާޓް އަޕްސް ފަދަ ދާއިރާތައް ދިވެހިރާއްޖޭގައި އިތުރަށް ތަރައްގީ ކުރުމުގެ ފުރުސަތު އޮތް މިންވަރު ދައްކުވައިދެއެވެ." ބަޔާނުގައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، އެ މަޝްރޫއަކީ ފަތުރުވެރިކަމުގެ އިތުރުން ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް، ވަޒީފާގެ ފުރުސަތުތައް ފަހިކޮށް ދިނުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫއެއް ކަމަށެވެ.

އެ މަޝްރޫއު ކުރިއަށްގެންދާނީ ދިރާގާއި އުރީދޫ މޯލްޑިވްސްގެ ބައިވެރިވުމާއެކުކަން މިނިސްޓްރީން ފާހަގަކުރިއެވެ. އަދި އެކަމުން ދައްކުވައިދެނީ، ޓެލެކޮމިއުނިކޭޝަން ދާއިރާގައި ރާއްޖޭގައި ހަރަކާތްތެރިވާ ފަރާތްތަކަށް މަޝްރޫއު ތަންފީޒު ކުރުމުގެ ތެރެއިން މައުލޫމާތާއި ތަޖުރިބާ ފޯރުކޮށްދިނުމަށް ގޫގުލްގެ ފަރާތުން ދޭ އަހަންމިއްޔަތުކަން ކަމަށް މިނިސްޓްރީން ބުންޏެވެ.

"ގޫގުލްގެ މި އިންވެސްޓްމެންޓުގެ ސަބަބުން ރާއްޖެއާ މެދު މީގެ ކުރިން އުފެދިފައި ނުވާ ޔަގީންކަމާއި އިތުބާރު އިންވެސްޓަރުންގެ މެދުގައި އުފެދިގެންދާނެއެވެ. މި އިންގިލާބީ މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކާމިޔާބުކަމާއެކު ތަންފީޒު ކުރުމަށް ޓަކައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިދެވޭނެކަމުގެ ޔަގީންކަން ދެމެވެ." ބަޔާނުގައިވެއެވެ.

ގޫގުލްގެ ނިންމުމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެއީ ރާއްޖޭގެ އިންވެސްޓަރުންނާ ރައްޓެހި މާހައުލަށް އިތުބާރު އޮތް މިންވަރު ދައްކުވައިދޭ ނިންމުމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

ރައީސް ވިދާޅުވީ އެ މަޝްރޫއަކީ، ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް، ޑިޖިޓަލް ގޮތުން ބާރުވެރި އިގުތިސާދަކަށް ހެދުމަށް ކުރާ މަސައްކަތަށް ލިބޭ ބާރެއް ކަމަށެވެ. އަދި ރާއްޖެ އޮތީ، ބައިނަލްއަގުވާމީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ކުރިއެރުމުވުމުގައި މުހިންމު ދައުރެއް އަދާކުރަން ތައްޔާރަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.