ސެމްސަންގެ ކުރިއަށް އޮތް ގެލެކްސީ ބަޑްސް 4 ޕްރޯގައި ހަމައެކަނި ބޮލުގެ ހަރަކާތްތައް ބޭނުންކޮށްގެން އެކި ކަންކަން ކޮންޓްރޯލް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ލީކުތައް ބުނެފިއެވެ.

"ހެޑް ޖެސްޗާސް" ގެ ނަން ދީފައިވާ މި އާ ފީޗާގެ ސަބަބުން، އިޔާބަޑްސްގައި އަތް ނުލައި، ކޯލްތަކަށް ޖަވާބު ދިނުމާއި، ނޮޓިފިކޭޝަންތައް ކޮންޓްރޯލް ކުރުމާއި، އަދި އެލާމްތައް އޮފްކުރުން ފަދަ ކަންކަން ބޯ ހޫރާލައިގެން ކުރެވޭނެއެވެ. މީގެ އިތުރުން ސާދާ ސުވާލުތަކަށް 'އާނ' ނުވަތަ 'ނޫން' ގެ ޖަވާބު ބޮލުގެ ހަރަކާތުން ދެވޭނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި އިންގިލާބީ ފީޗާގެ މައުލޫމާތު ފެންމަތިވެފައިވަނީ ސެމްސަންގެ ދެން އަންނަ އޮޕަރޭޓިން ސިސްޓަމް ކަމަށްވާ ވަން ޔޫއައި 8.5 ގެ ކޯޑްތަކުންނެވެ.

ހެޑް ޖެސްޗާސްގެ އިތުރުން، 360-ޑިގްރީ ރެކޯޑިން، އެޑެޕްޓިވް ނޮއިސް ކޮންޓްރޯލް، އަދި ފޯނު ހޯދުމުގެ އޮޕްޝަން ފަދަ އިތުރު ފީޗާތައް ވެސް މި އާ އިޔާބަޑްސްގައި ހިމެނޭނެ ކަމަށް ލީކުވެފައިވާ އެނިމޭޝަންތަކުން ދައްކައެވެ.

ފީޗާތަކުގެ އިތުރުން، ގެލެކްސީ ބަޑްސް 4 ޕްރޯގެ ޑިޒައިނަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. އިޔާބަޑްސްގެ ދަނޑިގަނޑު (ސްޓެމް) ކުރީގެ ތިނެސްކަން ބައްޓަމުގެ ބަދަލުގައި ފަތިކޮށް ހުންނާނެއެވެ. އަދި ޗާޖިން ކޭސް ވެސް އާ ޑިޒައިނަކަށް ބަދަލުކޮށް، އިޔާބަޑްސްތައް ކޭހަށް ލާނީ ފަތިކޮށް ބޭއްވޭ ގޮތަށެވެ.

ގެލެކްސީ ބަޑްސް 4 ޕްރޯގައި 360-ޑިގްރީ ރެކޯޑިން ފީޗާވެސް ވަނީ އިތުރުކޮށްފައި --

މި އިޔާބަޑްސް 2026 ވަނަ އަހަރުގެ ކުރީކޮޅު، ގެލެކްސީ އެސް26 ސީރީޒާއެކު ލޯންޗުކުރާނެ ކަމަށް ލަފާކުރެވޭއިރު، އޭގެ ކޯޑްނޭމަކީ "ބެޗް" އެވެ. އަދި ސްޓޭންޑާޑް ބަޑްސް 4 ގެ ކޯޑްނޭމަކީ "ހެންޑެލް"އެވެ.

ސެމްސަންގުން މި އިޔާބަޑްސްތަކާ ބެހޭގޮތުން ރަސްމީ މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވި ނަމަވެސް، ލޯންޗުކުރުމުގެ ތާރީޚު ގާތްވަމުން އަންނަ ވަރަކަށް އިތުރު ތަފްސީލުތައް ފެންމަތިވާނެ ކަމަށް ބެލެވެއެވެ.