23 Aug 2012, 10:01
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެންމެ އިޚުލާސްތެރި ބޭފުޅަކީ މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ކަމަށް ނަޝީދު ވިދާޅުވާ އޯޑިއޯއެއް ދިޓީވީން ލީކްކޮށްލައިފި އެވެ.
މާރިޔާއަށް ތައުރީފް ކުރައްވައި ރައީސް ނަޝީދު ދައްކަވާފައިވާ އެ ވާހަކައިގައި ފެބްރުއަރީ އަތް ވަނަ ދުވަހު ފުލުހުންނާ ކުރިމަތިލުމަށް އިހުލާސްތެރިކަމާ އެކު ނުކުމެވަޑައިގެން ހަމައެކަނި ބޭފުޅަކީ މާރިޔާ ކަމަށް ވިދާޅުވެ އެވެ.
ދިޓީވީން ލީކްކޮށްލި 36 ސިކުންތުގެ އެ އޯޑިއޯގައި ރައީސް ނަޝީދު ވިދާޅުވަނީ ވެރިކަން ބަދަލުވި ދުވަހު މާރިޔާ ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ވެރިކަން ދިފާއު ކުރެއްވުމަށް ކަމަށެވެ. އަދި އެ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ މާރިޔާއާ އެކު ވަޑައިގެންނެވި ނަމަވެސް އިހުލާސްތެރިކަމާ އެކު ވަޑައިގެންނެވި ހަމައެކަނި ބޭފުޅަކީ މާރިޔާ ކަމަށް ވެސް ނަޝީދު ވިދާޅުވެ އެވެ.
މީގެ އިތުރުން އެ އޯޑިއޯގައި ނަޝީދު ވިދާޅުވަނީ ވެރިކަން ބަދަލުވި ދުވަހު ޖުމްހޫރީ މައިދާނަށް އީސާ ވަޑައިގަތީ ކޮންމެހެން އިހުލާސްތެރިކަމުން ނޫން ކަމަށާއި އިލްޔާސް އެތަނަށް ވަޑައިގެންނެވީ މާރިޔާ ވަޑައިގަންނަވާތީ މަޑުކުރައްވަން ކެރިވަޑައި ނުގަންނަވާތީ ކަމަށެވެ.
ނަޝީދުގެ އެ އޯޑިއޯގައި މާރިޔާއަކީ ރާއްޖޭގެ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް [އެޓާނީ ޖެނެރަލް] ކަމަށާއި އަދި އޭނާއަކީ ރާއްޖޭގައި ހުރި ހަމައެކަނި "ބެރިސްޓާ" ކަމަށް ވެސް ވިދާޅުވެ އެވެ.
"މާރިޔާ އަކީ މިރާއްޖޭގެ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް [އެޓާނީ ޖެނެރަލް] އިނގޭތޯ. އޭނައަކީ ހަމައެކަނި މިތަނުގައި ހުރި ހަމައެކަނި ގައިސްޓަރު. ދެން އޭނައަކީ ވެރިކަމުގެ ސެންސެއް ހުންނަ ބޭފުޅެއް. މިރާއްޖޭގެ ވެރިކަމުގެ އާއިލާތަކުން އައިސްފައި ހުރި ބޭފުޅެއް. އޭނާއެއް ނީންނާނެ އެހެންނެއް. އަޅުގަނޑަށް އޮނަރަބަލް މީހަކީ އޭނަ އެކަނި. އަޅުގަނޑަށް އޮނަރަބަލް މީހަކީ އޭނަ އެކަނި. އަޅުގަނޑަކަށް ނުފެނޭ އަޅުގަނޑަށް ފެނުނީ މާރިޔާ އާއި އިވާއާއި އިލްޔާސް އަނެއް އީސަ އާއި އީސަ ވެސް ރަނގަޅަށް ވެއްޖެއްޔާ މާރި ވަޑައިގަންނަވާތީ ނުކެރޭނެތާ ކައިރީ ހުރެފަ ދާކަށް. އެ ނޫނިއްޔާ އަޅުގަނޑަކަށް ނުފެނުނު އޮނާއެއް ހުރި މީހަކު،" ދިޓީވީން ލީކްކޮށްލި އޯޑިއޯގައި ނަޝީދު ވިދާޅުވެ އެވެ.
އެ އޯޑިއޯއާ ބެހޭ ގޮތުން ކޮމެންޓެއް ހޯދުމަށް އެމްޑީޕީގެ ސްޕޯކްސްޕާސަން، އިންޓަނޭޝަނަލް އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރާ ގުޅި އިރު ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ އޭނާގެ ކޮމެންޓެއް ލިބޭގޮތް ނުވެފަ އެވެ.
ލިޔުމާ ގުޅޭ ވީޑިއޯ
http://www.youtube.com/watch?v=u_kAQsJSbyg