ޕެންޝަން އޮފީހުގެ ގަވައިދުތަކާ ޚިލާފަށް މެނޭޖުމަންޓުން އަމަލުކޮށްފައެއް ނުވާނެ ކަމަށާއި ޕެންޝަން ފަންޑުގެ ރައްކާތެރިކަން ދަމަހައްޓާނެ ކަމަށް އެ އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒް މިއަދު ވިދާޅުވެއްޖެއެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އާއި ޕެންޝަން ފަންޑުން ކުރާ މުއާމަލާތެއްގެ ދަށުން، އެމްއެމްއޭއިން އެ ފަންޑުގައި 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ފަހު، އެ ފައިސާ ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމަށް ވަނީ ނިންމާފައެވެ.

އެއީ ފައިސާ ޗާޕުކުރުން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

އެ ނިންމުމާ ގުޅިގެން، ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމް ވަނީ މިދިޔަ މަހުގެ 22ގައި އިސްތިއުފާ ދެއްވައިފައެވެ. އެއަށްފަހު، މި މަހުގެ ނުވަ ވަނަ ދުވަހު، ވަކި ސަބަބެއް ހާމަ ނުކުރައްވައި، ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ)ގެ މަގާމުގައި ހުންނެވި ހައްވާ ފަޖުވާ ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.

ޕެންޝަން އޮފީހަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި، މިއަދު އިނާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ޕެންޝަން އޮފީހާ ގުޅުން ހުރި ގާނޫނުތަކާއި ގަވައިދުތަކާއި ސިޔާސަތުތަކާއި އުސޫލުތަކާ ޚިލާފަށް އެ ބޯޑާއި މެނޭޖުމަންޓުން އަމަލުކޮށްފައި ނުވާނެ ކަމުގެ ޔަގީންކަންދެއްވާ ކަމަށް ވިދާޅުވެފައެވެ.

ޕެންޝަން ފަންޑުގެ ރައްކާތެރިކަން ދެމެހެއްޓުމަކީ އެ ބޯޑުގެ ޗެއާޕާސަންގެ ހައިސިއްޔަތުން އެންމެ އިސް ވާޖިބު ކަމުގައި ދެކޭ ކަމަށް އިނާޒް ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮންމެ ސަރުކާރެއްގައި ވެސް މާލީ ސިޔާސަތުގެ ސަބަބުން ޕެންޝަން ފަންޑުގެ ދެމެހެއްޓެނިވި ކަމަށް އަތުވެދާނެ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް މަޝްވަަރާ ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ އެ މުއާމަލާތް ހިންގަނީ އަމިއްލަ ކުންފުނިތަކަށް ފައިސާ ދައްކަން ކަމަށް ބުނެފައެވެ.

އެހެންނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަމިއްލަ ކުންފުނިތަކަށް 2.3 ބިލިއަން ރުފިޔާ ދީ ނިންމާނީ ފައިސާ ޗާޕުނުކޮށް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ރައީސް އެހެން ވިދާޅުވެފައި ވަނިކޮށް، މި މަހުގެ 10 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރުން ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ޓަކައި އިންޓްރެސްޓާއެކު ފަހުން ދޭ ގޮތަށް ފައިސާ ހޯދުމަށް، ތިން ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން އިއުލާންކޮށްފައެވެ. އަދި ޕެންޝަން އޮފީހުން ކުރިން ގަނެފައިވާ 2.37 ބިލިއަން ރުފިޔާގެ ބޮންޑު ވިއްކަން ސްޓޮކް އެކްސްޗޭންޖުގައި ވަނީ ޖަހައިފައެވެ.

ޕެންޝަން ފަންޑުން ސަރުކާރުގެ ބޮންޑުތަކަށާއި ޓީބިލަށް ބޮޑަށް ބަރޯސާވުމަކީ ބައެއް ވިޔަފާރިވެރިންގެ ކަންބޮޑުވުމެކެވެ. އެއީ ސަރުކާރުގެ ބޮންޑާއި ޓީބިލުން ރިޓާންގެ ގޮތުގައި ކޮންޓްރިބިއުޓާސްއަށް ލިބޭ އެއްޗެއް ކުޑަވުމުގެ ސަބަބުންނެވެ. އޭގެ ބަދަލުގައި އަމިއްލަ ވިޔަފާރި މާކެޓަށް އެ ފައިނޭންސް ދޫކުރާނަމަ ޕެންޝަން ފަންޑަށް ފައިސާ ލާ މީހުންނަށް މާ ބޮޑު ރިޓާންއެއް ލިބޭނެ ކަމަށް ބައެއް ވިޔަފާރިވެރިން ދެކެއެވެ.

އެ ކަންބޮޑުވުތައް ފާޅުކުރަމުން ދަނިކޮށް، މިދިޔަ ހޮނިހިރު ދުވަހު ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ، އެމްއެމްއޭއިން ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ފަހު، އެ ފައިސާ ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމުން އަތުވެދާނެ ޕްރެޝަރު ކުޑަކުރަން ގެންނަން ޖެހޭ ބަދަލެއް ގެންނާނެ ކަމަށެވެ.