ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ މައްޗަށްކޮށްފައިވާ ދައުވާ ސާބިތުވެ، މަރަން ހުކުމް ކުރުމާ ގުޅިގެން ޙަސީނާ އެ ގައުމާ ހަވާލު ކުރުމަށް ބަންގްލަދޭޝްއިން އިންޑިއާގައި އެދިއްޖެއެވެ.

ބަންގްލަދޭޝްގެ ދަރިވަރުންތަކެއް އިސްކޮށް ތިބެގެން މިދިޔަ އަހަރުގެ ޖުލައި މަހު ކުރި މުޒާހަރާތަކެއްގައި، އެ ގައުމުގައި ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ޝައިޚް ހަސީނާގެ ވެރިކަން ވަނީ ބަދަލުކޮށްފައެވެ. އެ މުޒާހަރާތަކުގައި ބޮޑުވަޒީރުގެ ގެކޮޅަށާއި ސަރުކާރުގެ އެހެން ވެރިންގެ ގެތަކަށް ވަދެ، ގެއްލުންދީފައިވެއެވެ.

އެ މުޒާހަރާތަކާ ގުޅިގެން ހަސީނާ ފިއްލަވައިގެން ވަޑައިގަތީ އިންޑިއާއަށެވެ.

އެ މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކުރުމާ ގުޅިގެން ގިނަ އަދަދެއްގެ މީހުން މަރުވިއެވެ. އެ މައްސަލައިގައި ހަސީނާގެ މައްޗަށް ކުރި ދައުވާތައް ސާބިތުވުމުން އޭނާ މަރަން, މައްސަލަ ބެލި ޓްރައިބިއުނަލުން މިއަދު ވަނީ ހުކުމްކޮށްފައެވެ.

އެ ހުކުމާ ގުޅިގެން ބަންގްލަދޭޝްގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާއަށް އަމަލުކުރަން ޖެހޭނީ ދެ ގައުމުގެ މެދުގައި މިހާރު އޮތް ކުށްވެރިން ދޫކުރުމުގެ މުއާހަދާގައިވާ ގޮތުގެ މަތިން ކަމަށެވެ.

ޙަސީނާއަށް މަރުގެ ހުކުމް އިއްވުމާ ގުޅިގެން ބަންގްލަދޭޝްގައި އުފާ ފާޅުކުރަނީ. ފޮޓޯ/އޭއެފްޕީ

"އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ސާބިތުވެފައިވާ ފަރުދުންނަށް އެއްވެސް ގައުމަކުން ހިމާޔަތް ދިނުމަކީ ބީރައްޓެހި އަމަލެއް. އަދި އިންސާފަށް ހުރަސްއެޅުމުގެ އަމަލަކަށް ވާނެ،" އެ ބަޔާނުގައިވެއެވެ.

އެ ބަޔާނާ ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާއިންވެސް ވަނީ ބަޔާނެއް ނެރެ، ބަންގްލަދޭޝް ރައްޔިތުންގެ މަސްލަހަތަށް ވިސްނާނެ ކަމަށް ބުނެފައެވެ.

ނަމަވެސް ޙަސީނާ އާއި، ދައުވާތައް ސާބިތުވެފައިވާ، ކުރީގެ ދާޚިލީ ވަޒީރު އަސަދުއްޒާމާން ޚާން ކަމާލް ބަންގްލަދޭޝްއާ ހަވާލުކުރުމާ ގުޅޭ ގޮތުން އިންޑިއާއިން ވަކި އެއްޗެކޭ ނުބުނެއެވެ.

މިދިޔަ އަހަރު ކުރި މުޒާހަރާތަކާ ގުޅިގެން ހަސީނާގެ މަރަން ހުކުމްކުރީ، އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ހިންގި ކަމުގެ ދައުވާ ސާބިތުވުމުންނެވެ. އެގޮތުން މިދިޔަ އަހަރު ކުރި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް، މީހުން މެރުމުގެ ގޮތުން ބަޑިޖެހުން ފަދަ އަނިޔާވެރި އަމަލުތައް ހިންގަން ހަސީނާ އަމުރުކުރި ކަމަށް ދައުވާކޮށްފައިވެއެވެ.

އެ މައްސަލައިގައި ޝަރީއަތަށް ހާޒިރުވާން ކޯޓުން އެތައް އަމުރެއް ނެރުމުން ވެސް ޙަސީނާ ހާޒިރުވެ ވަޑައިގެންފައި ނުވާތީ ޝަރީއަތް ކުރިއަށް ގެންގޮސް ހުކުމް އިއްވާފައި ވަނީ އެ ކަމަނާގެ ޣައިރު ހާޒިރުގައެވެ.