އެސްއެސްޓީވީން ރަމަޟާން މަހު ގެނެސްދޭ ސުވާލު މުބާރާތުން، މި އަހަރު ވެސް ޢުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު ދިނުމަށް، ޤިބްލަ ޙައްޖު އެންޑް އުމްރާ ގްރޫޕާއެކު ސަން ސިޔާމް މީޑިއާއިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ސަން ސިޔާމް މީޑިއާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ މުޙައްމަދު އާސިފެވެ. އަދި ޤިބްލަ ޙައްޖު އެންޑް އުމްރާ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސްއެވެ.

މި މުބާރާތާ ގުޅޭގޮތުން އާސިފް ވިދާޅުވީ، މިދިޔަ ރަމަޟާން މަހު ބޭއްވި މުބާރާތަށް އާންމުންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބުނު ކަމަށާއި، އަންނަ ރަމަޟާން މަހު ބާއްވާ ސުވާލު މުބާރާތަށްވެސް އާންމުންގެ ތަރުހީބު ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ޢުމްރާ ދަތުރު ލިބޭ ޚާއްސަ ސުވާލު މުބާރާތާ ގުޅޭ އެއްބަސްވުމުގައި އެސްއެސް މީޑިއާގެ ސީއީއޯ މުޙައްމަދު އާސިފާއި ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ސޮއިކުރައްވަނީ --- ސަން ފޮޓޯ: އަހްމަދު ފިރްޔާލް

"އިނާމެއްގެ ގޮތުގައި އަޅުގަނޑުމެން މި ދެނީ ޢުމްރާ ދަތުރެއް، މިދިޔަ އަހަރު އެކަށީގެންވާ ރަނގަޅު ތަރުހީބެއް އަޅުގަނޑުމެންނަށް ޤިބްލަ ކުއިޒަށް ލިބުނު، މި އަހަރު ވެސް އާންމުންގެ ތަރުހީބު މި ކުއިޒަށް ލިބޭނެ ކަމަށް އުއްމީދުކުރަން،" އާސިފް ވިދާޅުވިއެވެ.

ސަން ސިޔާމް މީޑިއާއާއެކު ހެދި އެއްބަސްވުމުގެ ދަށުން، ރޯދަ މަހު ކޮންމެ ދުވަހަކު ޤިބްލަ ގުރޫޕުގެ ފަރާތުން ސުވާލެއް ހުށަހަޅާއިރު އެ ސުވާލަށް ޖަވާބު ދިނުމުގެ ފުރުސަތު އެސްއެސްޓީވީ އަދި އެސްއެސްޓީވީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ހަމަޖެހޭނެއެވެ. ޢުމްރާ ދަތުރު ލިބޭނީ އެ ސުވާލުތަކުގެ ތެރެއިން އެންމެ ގިނަ ސުވާލުތަކުގެ ޖަވާބު ދިމާކުރާ ފަރާތަކަށެވެ.

ޔާމީން ވިދާޅުވީ މި މުބާރާތުގެ މަގުސަދަކީ އިސްލާމްދީނަށް ދިވެހީންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، އާންމުންނަށް އެހީތެރިކަން ދިނުން ކަމަށެވެ. އެގޮތުން އަންނަ ރަމަޟާން މަހުގެ ސުވާލު މުބާރާތުގައި ވެސް ނަމާދާއި ރަމަޟާން މަހުގެ ރޯދައާއި ޙައްޖާއި ޢުމްރާގެ ބައިތައް ހިމެނޭހެން ސުވާލުތައް އެކުލެވިފައި ހުންނާނެކަން ޔާމީން ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އަންނަ އަހަރު ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕުން ކުރާ ދަތުރުތަކަށް މިހާރުން ފެށިގެން ވެސް ރަޖިސްޓްރީވެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ ވީހާވެސް ބޮޑަކަށް ދިވެހިރާއްޖޭގެ ދީނީ ކަންތައްތަކަށް ހޭލުންތެރިކަން އިތުރުކޮށް، އަޅުގަނޑުމެން ޤިބްލައިގެ ފަރާތުން އެކަމަށް ވެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނުން،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވަނީ އަންނަ އަހަރު ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕުން ކުރާ ދަތުރުތަކުގެ ތަފުސީލުތައް ވެސް ހިއްސާކުރައްވައިފައެވެ. އެގޮތުން އަންނަ އަހަރުގެ ފުރަތަމަ ދަތުރު އޮންނާނީ ޖެނުއަރީ މަހުގެ ނުވަވަނަ ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ފަހުން ރަމަޟާން މަހުގެ ކުރީކޮޅު ޢުމްރާ ދަތުރެއް ބާއްވާނެކަން އޭނާ ފާހަގަކުރެއްވިއެވެ. ކަލަންޑަރުން ދައްކާ ގޮތުގައި، އަންނަ އަހަރު ރަމަޟާން މަސް ފެށޭނީ ފެބްރުއަރީ މަހުގެ 17ގައެވެ.

ޔާމީން ވިދާޅުވީ އެ ގުރޫޕުން ޝައްވާލް މަހުގެ ފުރަތަމަ ހަ ރޯދަ ހިމެނޭހެން، މުޅި ރަމަޟާން މަސް ނުވަތަ ފަހު 15 ދުވަހުގެ ދަތުރެއް ބާއްވައި ސްކޫލް ޗުއްޓީއާ ދިމާކޮށް ވެސް ދަތުރުތައް ބާއްވާނެ ކަމަށެވެ.

އޭގެ އިތުރުން އެއް އާއިލާއަކުން ނުވަތަ ވަކި ބަޔަކު ވަކި ދުވަސްވަރަކާ ދިމާކޮށް ޢުމްރާއަށް ދާން ބޭނުންނަމަ އެކަންވެސް އެ ގްރޫޕުން ހަމަޖައްސައިދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.