އިނގިރޭސީންގެ ހިމާޔަތުން މިންޖުވުމަށް، މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭނުންކުރި ގޮނޑިތައް އިނގިރޭސި ވިލާތުން ރާއްޖެއާ މިއަދު ހަވާލުކޮށްފިއެވެ.

ރާއްޖެއަށް އިނގިރޭސީންގެ ކިބައިން ފުރިހަމަ މިނިވަންކަން ލިބުނީ ޖުލައި 26، 1965ގައި، ރާއްޖެ ގަޑިން ހެނދުނު 10:00ގައި އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާސިރާއި އިނގިރޭސި ސަފީރު ސާ މައިކަލް ވޯކާ ސޮއިކުރެއްވި އެއްބަސްވުމަކާއެކުގައެވެ. އެ އެއްބަސްވުމުގައި ސޮއިކުރީ ސިލޯނުގައި ހުރި އިނގިރޭސި ހައި ކޮމިޝަންގައެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައިވަނީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯ ވަނީ، މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވަން ބޮޑުވަޒީރާއި އޭރުގެ ސަފީރު އިށީނދެވަޑައިގެންނެވި ދެ ގޮނޑި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާ ހަވާލުކުރައްވައިފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، މިނިސްޓަރު ވިދާޅުވީ، އެ ގޮނޑިތަކުން ހަނދާންކޮށްދެނީ މިނިވަން ދައުލަތެއްގެ ގޮތުގައި، ރާއްޖެއިން ފުރަތަމަ ފިޔަވަޅު އެޅި ދުވަސް ކަމަށެވެ. އެއީ، އިނގިރޭސިވިލާތާއި ރާއްޖެއިން ހިއްސާކުރާ ތާރީޚުގެ ހަނދާނެއްގެ ގޮތުގައި ޚަލީލް ވަނީ ސިފަކުރައްވާފައެވެ.

ރާއްޖޭން މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރުން --

މިނިސްޓަރު ވަނީ، ސަފީރާއި އިނގިރޭސިވިލާތުން ލިބެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނާއި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.