17 Nov 2025, 17:09
ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް ވަޤްފު އިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުއާރުސީ)އާ ސަރުކާރުން މިއަދު ހަވާލުކޮށްފިއެވެ.
ހުޅުމާލޭގައި އަޅާ "ދާރުއްސަލާމް"ގެ މަސައްކަތް އާރުސީސީއާ ހަވާލުކުރުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެ ރަސްމިއްޔާތުގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ. އަދި އާރުސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދެވެ.

" ދާރުއްސަލާމް" މަޝްރޫއު އާރްސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު---ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ސައުވީސް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ޖުމްލަ އަގަކީ 244.5 މިލިއަން ރުފިޔާއެވެ. މި މަޝްރޫއު ނިންމުމަށްފަހު ފަސް އަހަރު ދުވަހަށް އިމާރާތުގެ މަރާމާތުގެ މަސައްކަތް އެ ކުންފުނިން ކުރާ ގޮތަށް އެއްބަސްވި ކަމަށް ވުޒާރާއިން ބުންޏެވެ. މިއީ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ފައިނޭނިންސްގެ ދަށުން ފައިނޭންސް ކުރާ މަޝްރޫއުއެކެވެ.
އިސްލާމީ ވުޒާރާއިން ބުނީ 12 ބުރިއަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް ވަޤްފު އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރެވޭ އިމާރާތެއް ކަމަށެވެ. މި އިމާރާތުގެ ބޭސްމަންޓުގައި ޚާއްސަ ޕާކިން ސަރަހައްދެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ. އަދި ގްރައުންޑް ފްލޯގައި ރިސެޕްޝަން ސަރަހައްދާއި އިތުރު ޕާކިން ވަސީލަތްތައް ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވުޒާރާއިން ބުންޏެވެ.
މީގެ އިތުރުން ފުރަތަމަ ފަންގިފިލާ ވިޔަފާރި ބޭނުންތަކަށް ދޫކުރާ ގޮތަށް ހަމަޖެހިފައިވާއިރު ތިން ވަނަ ފަންގިފިލާއިން 12ވަނަ ފަންގިފިލާއަށް ޒަމާނީ އޮފީސްތަކާއި ނަމާދު ކޮޓަރިތަކުގެ އިތުރުން މީޓީން ރޫމް ގާއިމުކުރުމަށް އެ ވުޒާރާއިން ރާވާފައިވެއެވެ.
މީގެ އިތުރުންވެސް، އެ އިމާރާތުގެ ދެވަނަ އަދި 11 ވަނަ ފަންގިފިލާގައި ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ ޒަމާނީ ހޯލު ހެދުމަށް ހަމަޖެހިފައިވާއިރު އިމާރާތުގެ ފުރާޅު ނުވަތަ ރޫފްޓޮޕް ފަރުމާކޮށްފައިވަނީ ހުޅުވާލެވިފައިވާ ޓެރަސްއެއްގެ ގޮތުގައި ކަމަށް ވުޒާރާއިން ބުންޏެވެ. އަދި އެ އިމާރާތުގައި ޑޭ ކެއާ ސެންޓަރެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ވުޒާރާއިން ބުންޏެވެ.
އެއާއެކު، ވުޒާރާއިން ބުނީ އިމާރާތުގައި ލިފްޓު ހަރުކުރާއިރުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ އިންތިޒާމް ގާއިމު ކުރާނެ ކަމަށެވެ.
މި މަޝްރޫއު ނިމުމާއެކު އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވުޒާރާއިން ލަފާކުރެއެވެ. އެގޮތުން މި އިމާރާތުން އަހަރަކު 52 މިލިއަނަށްވުރެ ގިނަ ރުފިޔާ، އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ވުޒާރާއިން ލަފާކޮށްފައިވެއެވެ.
އިސްލާމީ ވުޒާރާއިން ބުނީ އެ އިމާރާތުން ލިބޭ އާމްދަނީގެ 20 އިންސަައްތަ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރުމަށް ހަމަޖެހިފައިވާއިރު އާމްދަނީގެ 80 އިންސައްތަ، އިސްލާމިކް ވަޤްފު ފަންޑަށް ޖަމާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން އައްޑޫ ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ގއ. ވިލިނގިލީގައި ވަޤްފު މަޝްރޫއު ފެށުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމެވުމާއެކު މި މަޝްރޫއުތައްވެސް މިހާރު ވަނީ ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައި ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ދާރުއްސަލާމްގެ އިތުރުން މާލޭގައި އިމާރާތް ކުރާ ދާރުލްއަރްޤަމް ވަޤްފު އިމާރާތުގެ މަސައްކަތްވެސް ވަނީ 39 މިލިއަން ރުފިޔާގެ އަގުގައި އާރުސީސީއާއި ހަވާލުކޮށްފައެވެ. މި މަޝްރޫއު އާރްސީސީއާ ހަވާލުކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހެވެ.
ވަޤްފު އިމާރާތްތަކުގެ މަޝްރޫއުތަކަކީ ރައީސްގެ ރިޔާސީ ވައުދާ އެއްގޮތަށް ރާއްޖޭގައި ވަޤްފު ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުތަކެވެ.