22 Aug 2012, 22:14
ރައީސް މުހައްމަދު ނަޝީދަކީ ރާއްޖެ ދުށް މީޑިއާއާ އެންމެ ރަޙުމަތްތެރި އެންމެ ނަންހުރި ޝަހުސިއްޔަތު ކަމަށް އެމްޑީޕީން ބުނެފި އެވެ.
އިންޑިޔާއަށާއި ސްރީލަންކާއަށް ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެން ރާއްޖެ ޓީވީއަށް އެކަނި އިންޓަވިއު ދެއްވާފައިވާތީ އާއި އެއާޕޯޓަށް ހަމައެކަނި ރާއްޖެ ޓީވީ ގެންގޮސްފައިވާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝް (އެމްޖޭއޭޭ) އެކަން ކުށްވެރި ކުރުމުން ދޭ ރައްދެއްގެ ގޮތުގައި މިރޭ އެމްޑީޕީން ނެރުނު ބަޔާނުގައި ބުނަނީ އެމްޖޭއޭއިން ހާމަކޮށްފައި ވަނީ ހަގީގަތާ ހިލާފުވާހަކައެއް ކަމަށެވެ. އަދި އެކަން ކުށްވެރި ކުރާ ކަމަށެވެ.
އެ ނޫސްބަޔާން ބުނަނީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އެއްކޮށް ނިގުޅައިގަނެފައި ވަނިކޮށް ނޫސްވެރި ކަމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ވަކާލާތު ކުރައްވާ އެ މިނިވަންކަން ހޯއްދަވައިދެއްވީ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ: "ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަންމުގެ މުހިއްމުކަން އޭރުވެސް އެންމެ ރަނގަޅަށް ދެނެވަޑއިގެން އެކަމަށް އެންމެ ބޮޑަށް ވަކާލާތުކުރައްވައި އެ މިނިވަންކަން ހޯއްދަވައިދެއްވި އެންމެ ނަންހުރި ޝަހުސިއްޔަތެވެ،"
ރައީސް ނަޝީދުގެ ވެރި ކަމުގައި "ރިޕޯޓާސް ވިތައުޓް ބޯޑާސް" އާއި "ފްރީޑަމް ހައުސް" ފަދަ ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލާ ބައިނަލް އަގުވާމީ ޖަމިއްޔާތަކުން ބަލާ މިންގަނޑުން ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގައި ކަށަވަރުކޮށްދެވިފައިވާ މިންވަރު އެތައް ދަރަޖައެއް ކުރިހޯދާފައިވާކަން އެ ޖަމިއްޔާތަކުން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ނޫސްވެރިންނަށް ބިރު ދެއްކުމަށްޓަކައި ޖިނާއީ އަދަބު ދެމުންދިއަ ސަގާފަތް ދޫކޮށް މަދަނީ އަދަބަކަށް ބަދަލުކުރީ ވެސް އެމަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ. ރައީސް ނަޝީދު ބޭރަށް ކުރެއްވި ދަތުރުފުޅަށްފަހު ހަމައެކަނި ރާއްޖެ ޓީވީއަށް އިންޓަވިއު ދެއްވުމާ ބެހޭ ގޮތުން ބުނެފައި ވަނީ އެ ދަތުރުފުޅަކީ އެމަނިކުފާނުގެ އަމިއްލަފުޅު ދަތުރުފުޅެއް ކަމަށައި އެނބުރި ރާއްޖެ ވަޑައިގަތް ވަގުތު މީޑިއާ ކަވަރޭޖެއް ނުވަތަ ނޫސްކޮންފަރެންސެއް ދެއްވަން ހަމަޖެހިފައި ނުވާ ކަމަށެވެ.
"އެހެންކަމުން މީޑިއާގެ ވަކި ފަރާތްތަކެއް އެއްފަރާތްކުރައްވަން ޖެހިވަޑައިގަންނަވާނެ ސަބަބެއް ވެސް ނެތެވެ. އަދި މިހާރު މިއޮތް ސަރުކާރާއި މޯލްޑިވްސް ޕޮލިސް ސާވިސްއިން ރާއްޖެ ޓީވީ އަށް އެއްބާރުލުން ނުދޭނެ ކަމާއި ރައްކާތެރިކަން ނުދޭނޭކަމަށް ބުނެފައިވާ ޤާނޫނާ ޚިލާފު ބުނުންތަކާއި އަމަލުތަކާ ޚިލާފަށް، ރައީސް ނަޝީދާއި އެމްޑީޕީގެ އުސޫލުތަކަކީ އެއެއް ނޫނެވެ. އެމްޑީޕީއަކީީ ހުޅުވިގެންވާ އަދި އަބަދުވެސް މީޑިއާއަށް މަރުޙަބާ ކިއާ އަދި މީޑިއާގެ މިނިވަންކަމަށް ވަކާލާތުކުރާ ޕާރޓީއެކެވެ."
އެމްޑީޕީއާއި ރައީސް ނަޝީދަށް ނިސްބަތްވާ ގޮތަށް ޙަގީގަތާ ޚިލާފު ވާހަކަ ސިޔާސީ ބޭނުމަށް އެމްޖޭއޭއިން ހާމަކޮށްފައިވާ ކަމަށާއި ވަކި މީޑިއާ އަކަށް އެއްބާރުލުން ނުދޭ ސިޔާސީ ޕާޓީތަކުގެ ވާހަކަ އެމްޖޭއޭ އިން ފާހަގަކޮށްފައި ނުވާތީ ހިތާމަކުރާ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި މިހާރު ވެރިކަމުގައި އޮތް އިއްތިހާދުގެ ތެރެއިން އެންމެ ސިޔާސީ ޕާޓީ އެއް ފިޔަވައި އެހެން ޕާޓީތަކުން ރާއްޖެ ޓީވީ ބޮއިކޮޓް ކޮށްފައިވާކަން އެމްޖޭއޭއިން ފާހަގަކޮށްފައިނުވާ ކަމަށާއި ސަރުކާރާއި ފުލުހުންގެ ފަރާތުން ރާއްޖެ ޓީވީ އަށް އެއްބާރުލުން ނުދޭނޭކަމަށް ބުނާ ވާހަކައިގެ ސީރިއަސް ކަން އެމްޖޭއޭއަށް އަށް ވަޒަންކުރެވިފައި ނުވާ ކަމަށެވެ.