17 Nov 2025, 14:55
ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2025ގެ ޕްރޮމޯޝަނަލް ޕާޓްނަރަކަށް އެސްއެސް މީޑިއާ ހަމަޖައްސައި، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މުބާރާތުގެ ފަރާތުން ސޮއިކުރެއްވީ 90 ޕްލަސް ގޯލްޑް ކަޕުގެ ފައުންޑަރު، އަދި ތަޖުރިބާކާރު ކޯޗު މުޙައްމަދު ޝާޒްލީއެވެ. އެސްއެސް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ އެސްއެސް މީޑިއާގެ ސީއީއޯ މުޙައްމަދު އާސިފް (މޮންދު)އެވެ.
ފުޓްބޯޅައިގެ ފޯރި އަލުން ގަދަކުރުމުގެ އަމާޒުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން މިދިޔަ އަހަރު ބޭއްވި ގޯލްޑް ކަޕުގައި ޖުމްލަ 17 ޓީމެއް ވާދަކުރިއެވެ. މި މުބާރާތަކީ ދިވެހިންގެ މެދުގައި ފުޓްބޯޅައަށް އޮންނަ ލޯބި އިތުރުކޮށް އަލުން ގަލޮޅު ދަނޑަށް ސަޕޯޓަރުން ވެއްދުމުގެ އަމާޒުގައި 90 ޕްލަސްއިން ބާއްވަން ފެށި މުބާރާތެކެވެ.
މިދިޔަ އަހަރުގެ ކާމިޔާބީއާއެކު މި އަހަރުގެ މުބާރާތަށް ތައްޔާރީތައް ފަށާފައިވާއިރު، މުބާރާތުގެ ޕްރޮމޯޝަނާ ގުޅޭ ގިނަ ކަންތައްތަކެއް އެސްއެސް މީޑިއާއިން ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކުޅުންތެރިންނާއި ޓީމުތަކާއި މުބާރާތާއި ގުޅޭގޮތުން ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ.
ރޯދައިގެ ފަހުން ބާއްވަން ތައްޔާރުވާ މި މުބާރާތުގެ ޕްރޮމޯޝަނަލް އެއްބަސްވުުގައި ސޮއިކުރެއްވުމަށްފަހު ޝާޒްލީ ވިދާޅުވީ މިއީ މުބާރާތުގެ ފޯރި ދިރުވާ އާލާކުރުމުގެ މަގްސަދުގައި ވި އެއްބަސްވުމެއް ކަމަށާއި އެސްއެސް މީޑިއާއާއެކު ކުރިއަށްދާން ނިންމީ އެކަމަށް ގާބިލް ޓީމެއް އޮތުމުން ކަމަށެވެ. އަދި މުބާރާތަށް ގިނަ ތައްޔާރީތަކެއް ވަމުން އަންނަ ކަމަށްވެސް ޝާޒްލީ ފާހަގަކުރެއްވިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ސަން
ގޯލްޑް ކަޕް އިންތިޒާމު ކުރާ ނައިންޓީ ޕްލަސްއިން ވަނީ މިފަހަރުގެ މުބާރާތް 28 ޓީމުގެ ފޯމެޓަށް ބާއްވަން ހަމަޖައްސައިފަ އެވެ. އޭގެ ތެރެއިން 18 ޓީމެއް ހޮވާނީ 18 އަތޮޅުގެ ކޮލިފައިން މަރުހަލާއިންނެވެ.
ނައިންޓީ ޕްލަސްއިން ހަމަޖައްސާފައި ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ އަށް ޓީމަށް އޮޓޮމެޓިކް ކޮލިފައިން ޖާގަ ދިނުމަށެވެ. ގަދަ އަށެއްގައި ހިމެނިގެން ކ. އަތޮޅުގެ ދެ ޓީމަކުން މިހާރު ވެސް ވަނީ މިފަހަރުގެ މުބާރާތުން ޖާގަ ހޯދައިފައެވެ. އެއީ މާފުއްޓާއި ގުރައިދޫއެވެ.
މިދިޔަ އަހަރުގެ ގަދަ އަށެއްގައި ހިމެނިގެން ދެން މުބާރާތުން ޖާގަ ހޯދާފައިވާ ޓީމުތަކަކީ؛ ބ. އޭދަފުށި، ރަނަރަފް އައްޑޫ، އަދި ސެމީ ފައިނަލްގައި ދެން ވާދަ ކުރި މާލެ އާއި ރ. އަލިފުށީގެ އިތުރުން ފުވައްމުލަކު އަދި ޅ. ނައިފަރެވެ.
އިންވިޓޭޝަން އުސޫލުން ކުޅުދުއްފުށީ ސިޓީ އަށާއި ތިނަދޫ ސިޓީ އަށް މުބާރާތުން ފުރުސަތު ދޭން ވަނީ ނިންމާފައެވެ. ސިޓީތަކާއި ރަށްތަކަށް ހާއްސަކޮށް މިދިޔަ އަހަރު ބާއްވަން ފެށި މުބާރާތުގައި، ފަސް ސިޓީގެ ތެރެއިން ވާދަނުކުރަނީ އެ ދެ ސިޓީ އެވެ.
ނިމިދިޔަ ގޯލްޑްކަޕު ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި ވާދަކޮށްފައިވަނީ އައްޑޫ ސިޓީއާއި ބ. އޭދަފުއްޓެވެ. ކާމިޔާބުކަމާއެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު މި މުބާރާތް ނިންމާލާފައިވާއިރު، އައްޑޫ ސިޓީ އަދި އޭދަފުށި ބައްދަލުކުރި ފޯރިގަދަ މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ފުޓުބޯޅައަށް މަޝްހޫރު އޭދަފުއްޓެވެ.