ޑިޖިޓަލް ނިޒާމުތައް ބައިބައިވުން ފަދަ ގޮންޖެހުންތަކަށް ޙައްލެއް ހޯދަންޖެހޭ ކަމަށް އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވެއްޖެއެވެ.

ނިޔާޒް މިގޮތަށް ވިދާޅުވީ ވިލާ ނޯޓިކާގައި, މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "ރިތިންކިން އިކޮނޮމިކް ގްރޯތު ބިޔޯންޑް ޓޫރިޒަމް"ގެ ނަމުގައި އިއްޔެ ބޭއްވި ޕެނަލް ޑިސްކަޝަންގައެވެ. ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް މާލީ ދާއިރާގެ ވެރިންނާއި ތަޖުރިބާކާރުން މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ ޢުމްރާނީ ތަރައްޤީގެ ޚަރަދު ބޮޑުވުމާއި، ފަރަގުތަކާއި، ޑިޖިޓަލް ނިޒާމުތައް ބައިބައިވުން ފަދަ ގޮންޖެހުންތަކުގެ މައްޗަށް ނިޔާޒު ވަނީ މި ޕެނަލްގައި ވާހަކަދައްކަވާފައެވެ. މީގެ އިތުރުން ނިޔާޒު ވަނީ ޑިޖިޓަލް ހުނަރުވެރިންނަށް ދިމާވާ ދަތިތަކަށް ޙައްލެއް ހޯދަންޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.

"މިއީ އެއްވެސް ފަރާތަކަށް އެކަނި ކުރެވޭނެ ކަމެއް ނޫން. ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް އީޖާދީ ފުރުސަތުތައް ފޯރުކޮށްދިނުމަށް ޕްރައިވެޓް ސެކްޓާއާ އެކު ހަރުދަނާ ޕާޓްނަޝިޕެއް ގާއިމް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" އޭނާ ވިދާޅުވިއެވެ.

އެމްއެމްއޭ އިން އިއްޔެ ވިލާ ނޯޓިކާގައި ވޭއްވި ފޯރަމްގައި ނިޔާޒް ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/އުރީދޫ)

މި ޕެނަލްގައި އިތުރަށް ވާހަކަދައްކަވަމުން ނިޔާޒު ވަނީ އުފެދުމުގައި ކުދި ޖަޒީރާ ރަށްތަކެއްގެ ގޮތުގައި ފެތުރިފައިވާ ގައުމުތަކުގައި ޑިޖިޓަލް ފައިނޭންސްއަކީ އެންމެ ބާރުގަދަ އެއް ވަސީލަތް ކަމަށް ވިދާޅުވެފައެވެ. އަދި ޑިޖިޓަލް ފައިނޭންސްއާއި ފިންޓެކް އީޖާދުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ކުރިއަރައިދާނެގޮތާ ބެހޭގޮތުން ވެސް އޭނާގެ ވާހަކައިގައި އަލިއަޅުއްވާލައްވާފައިވެއެވެ.

މި ސެޝަންގައި ނިޔާޒު ވަނީ އެމް-ފައިސާ ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ޑިޖިޓަލް ހައްލުތައް ފޯރުކޮށްދީ، މުޅި ރާއްޖޭގެ ގުޅުން ފުޅާކޮށް، މާލީ ޝާމިލުވުން ކުރިއަރުވަން އުރީދޫއިން އަބަދުވެސް މަސައްކަތް ކުރާކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެމްފައިސާއާއި ޕޭޕަލް އިންޓަގްރޭޓް ކުރެވިގެން ދިއުމުން ދިވެހިންނަށް ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައް ފަސޭހަކަމާއެކު ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކައިރި މުސްތަގުބަލެއްގައި އެމް-ފައިސާއާއި ޕޭޕަލް އިންޓަގްރޭޓް ކުރެވިގެން ދިޔުމުން ކޮންމެ ރަށެއްގެ ފްރީލާންސަރުންނާއި ފަންނުވެރިންނާއި ކުދި ވިޔަފާރިތަކަށް ދުނިޔޭގެ މާކެޓްތަކާއި އާމްދަނީ ހޯދުމާއި އާ ފުރުސަތުތައް ފަހިވެގެންދާނެ. ކޮންމެ މުޖުތަމައެއް ވެސް ޑިޖިޓަލް އިކޮނޮމީގައި ބައިވެރިއަކަށް ވަނީ މިހެން،" ނިޔާޒް ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްގެ އަމާޒަކީ ޑިޖިޓަލް އިޤްތިޞާދެއް ބިނާކުރުމަށް ސަރުކާރުގެ އިދާރާތަކާއި، ރެގިއުލޭޓަރުން އަދި ޕްރައިވެޓް ސެކްޓަރާ ގުޅިގެން މަސައްކަތްކުރުން ކަމަށް އެކުންފުނިން ބުންޏެވެ.

އެގޮތުން، ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައް ކުރުން ފަސޭހަކޮށްދޭނެ ޕޭޕަލް ޚިދުމަތް، އެ ކުންފުންޏާ ގުޅިގެން އަންނަ އަހަރު ރާއްޖެއަށް ތައާރަފު ކުރެވޭނެ ކަމަށް އުރީދޫއިން އިއުލާންކޮށްފައިވެއެވެ. އުރީދޫއިން މިކަން އިއުލާންކުރީ މިދިޔަ މަހުގެ މެދުތެރޭގައެވެ.