ޒެމްބިއާ އިންޓަނޭޝަނަލް މުބާރާތުގައި ވާދަކޮށް ރާއްޖޭގެ ރިވައިވަލް ސްޕޯޓްސް އިން ރަން މެޑަލްއަކާއި ރިހި މެޑަލްއެއް ހޯދައިފިއެވެ.

މުބާރާތުގައި ރާއްޖެއިން ރަން މެޑަލް ހޯދާފައިވަނީ މިކްސް ޑަބަލްސް ކެޓަގަރީންނެވެ. އަދި ރިހި މެޑަލް ހޯދާފައިވަނީ އަންހެން ޑަބަލްސް ކެޓަގަރީންނެވެ.

މި މުބާރާތަކީ ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ މުބާރާތެކެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ބީޑަބްލިއުއެފް އިން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭގެ ކުޅުންތެރިންނަށް ކުޅެވޭ ގޮތަށް ސަސްޕެންޝަނަށް ލުއިތަކެއްް ދީފައެވެ. އަދި މިއީ އެފަހުން ބީޑަބްލިއުއެފް ލެވަލް މުބާރާތެއްގައި ރާއްޖޭގެ ކުޅުންތެރިން އެނބުރި އައިސް ކުޅުނު ފުރަތަމަ މުބާރާތެވެ.

މިކްސް ޑަބަލްސް ޗެމްޕިއަންކަން ރިވައިވަލްގެ ފާތިމަތު ނަބާހާ (ނަބާ) އާއި ޒަޔާން ޒަކީ ކުރި ހޯދީ މިސްރުގެ އިއްޒަތު ކަރީމް އާއި ނޫރު އަހުމަދުގެ ޕެއާއާ ވާދަކޮށްގެންނެވެ. އެ މެޗުން ރާއްޖޭގެ ޕެއާ މޮޅުވީ 21-18، 22-20 އިންނެވެ.

އަންހެން ޑަބަލްސް ފައިނަލުގައި، ނަބާހާ އާއި އައިމިނަތު ނަބީހާ (ނަބީ) ވާދަކުރީ ދެކުނު އެފްރިކާގެ އެމީ އެކަމަން އާއި ޖޮހަނީޓާ ޝޮލްޓްޒް އާއެވެ. މި ޕެއާއާ ވާދަކޮށް ފައިނަލުން ރާއްޖޭގެ ޕެއާ ބަލިވެފައިވަނީ 21-16، 21-14 އިންނެވެ.

މި މުބާރާތުގެ ކާމިޔާބީއާއެކު ރިވައިވަލްއަށް ކުރިއަށްދެން އޮތީ ބޮޓްސްވާނާ އިންޓަނޭޝަނަލް އާއި އަކުއާސްޕްރިންގްސް ސައުތު އެފްރިކާ އިންޓަނޭޝަނަލް މުބާރާތެވެ.

ބޮޓްސްވާނާ މުބާރާތް ތާވަލުކޮށްފައިވަނީ މި މަހު 20-23 އަށެވެ. އަދި ސައުތު އެފްރިކާގައި ބާއްވާ އަކުއާސްޕްރިންގްސް ސައުތު އެފްރިކާ އިންޓަނޭޝަނަލް ކުރިއަށްދާނީ މިމަހުގެ 27-30 ގެ ނިޔަލަށެވެ.