17 Nov 2025, 12:33
އިންޑިއާގެ އުމްރާވެރިންތަކެއް ގޮވައިގެން ދަތުރުކުރަމުންދިޔަ ބަހަކާއި ޑީސަލް ޓޭންކަރެއްޖެހި އެކްސިޑެންޓުވުމުގެ ސަބަބުން 42 އުމްރާވެރިން މަރުވެއްޖެއެވެ.
ރޭ މެންދަމުން އަލިވެ ރާއްޖޭ ގަޑިން 1:00 ހާއިރު، މައްކާއިން މަދީނާއަށް ދަތުރުކުރި އެ ބަހުގައި ތިބި ގިނަ މީހުންނަކީ އިންޑިއާގެ ހައިދަރުއާބާދަށް ނިސްބަތްވާ މީހުން ކަމަށް ހިންދުސްތާން ޓައިމްސް އިން ރިޕޯޓުކޮށްފައިވެއެވެ.
މަދީނާއާ ގާތްގަނޑަކަށް 160 ކިލޯމީޓަރު ދުރުގައި އޮންނަ މުފްރިހަތުގައި އެ ހާދިސާ ހިނގިއިރު، ބަހުގައި 43 ފަސިންޖަރުން ތިއްބެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި ސަލާމަތްވީ އެންމެ މީހެއް ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
މި މަހުގެ ނުވަ ވަނަ ދުވަހު ހައިދަރުއާބާދުން ފުރައިގެން ދިޔަ ކަމަށް ބުނާ އެ ގްރޫޕުގައި 20 އަންހެނުންނާއި 11 ކުދިން ތިއްބެވެ. އެކްސިޑެންޓުވީ އެމީހުން މައްކާގައި ޢުމްރާގެ ފުރިހަމަކޮށް މަދީނާއަށް ދަތުރުކުރަމުން ދަނިކޮށެވެ.
އެކްސިޑެންޓް ހިނގިތާ މާގިނައިރުތަކެއް ނުވެ ސައުދީ ސިވިލް ޑިފެންސް އާއި ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. އިންޑިއާގެ އޮފިޝަލުންނާއި އުމްރާ އެޖެންސީގެ މަންދޫބުން ވެސް ވަނީ އެތަނަށް ގޮސް ހަރަކާތްތެރިވެފައެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވީ މި ހާދިސާއާ ގުޅިގެން، އިންޑިއާގެ އޮފިޝަލުން ސައުދީ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.