މީގެ ދެ އަހަރާއި އެއް މަސް ކުރިއަށް ޖެހިލާނަމައެވެ. މާޔޫސްވެފައި ތިބި ދިވެހީންނަށް, އޭރުގެ އިދިކޮޅު, ރިޔާސީ ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ދައްކަވަމުން ގެންދެވީ ވަރަށް އުންމީދީ މަންޒަރެކެވެ.

އެއީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ ހަމަ އެއްކޮށް ހައްލު ކޮށްދެއްވާނެ ކަމުގެ ވައުދެވެ. ގައުމުގެ ދަރަނި ކިތަންމެ ބޮޑުވެފައި އޮތް ނަމަވެސް އެއްވެސް ހާސްކަމެއް ނެތް ވާހަކައެވެ. އެކުވެރި ގައުމުތަކުން ފައިނޭންސް ހަމަޖެހިފައި އޮތް ވާހަކައެވެ. ހަމައެއާއެކު ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެ ކަމާއި މިނިވަން މީޑިއާއަށް ފުރުސަތު ދެއްވާނެ ކަމާއި ސިޔާސީ މަގާމުތައް އިތުރުނުކޮށް, ގާބިލް މީހުން މަގާމުތަކަށް އައްޔަން ކުރައްވާނެ ކަމުގެ ވައުދުވެލެއްވިއެވެ.


ދިވެހީން ވަރަށް އުންމީދު ކުރި!

އެ ވާހަކަތައް ހިތުގެ އެންމެ އަޑިން ގިނަ ދިވެހީން ގަބޫލުކުރި ކަމުގެ ހެއްކަކީ އޭރު ރައީސް އަކަށް ހުންނެވި އިބްރާހީމް މުޙައްމަދު ޞާލިޙް އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް ވޯޓް ހޯއްދަވަން އެތައް ކަމެއް ކުރައްވަ ކުރައްވާ ހުންނަވަނިކޮށް ރައްޔިތުންގެ ތެރެއިން ބޮޑު ޕަސެންޓޭޖެއް އެ ވެރިކަމަށް ނޫނެކޭ ބުނެ, މުއިއްޒު ރައީސްއަކަށް އިންތިޚާބު ކުރެއްވުމެވެ.



އެހެން ބައެއް ވެރިކަންތަކާ ޚިލާފަށް ރައީސް ޑރ. މުޙައްމަދު މުއިއްޒާ ދޭތެރޭ އުންމީދު ބޮޑުވި އެހެން މުހިންމު ސަބަބެއް ވެސް އެބައޮތެވެ. އެއީ އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ޝައުގުވެރި މަގާމުން ކަމަށްވާތީއެވެ. މުޅި ދުނިޔެއަށް ނަމޫނާތައް ކަމަށްވާ ޗައިނާ އާއި ސިންގަޕޫރު ފަދަ ގައުމުތަކުގައި އިސް މަގާމުތަކަށް އާދެވޭނީ އެއަށް ވުރެން ދަށް މަގާމުތައް ފުރުއްވަމުން, ތަޖުރިބާ ހޯއްދަވަމުން ގޮހެވެ. ރައީސް މުއިއްޒު ވެރިކަމާ ހަމައަށް ވަޑައިގެންނެވީ އެ ކަހަލަ ގޮތަކަށެވެ.

ހައުސިން މިނިސްޓަރުކަން މެދުނުކެނޑި ހަތް އަހަރު ކުރައްވައި އެ ތަޖުރިބާ ހޯއްދެވިއެވެ. އަދި އިބްރާހީމް ނާސިރެކޭ އެއްފަދަ، މިހާތަނަށް ރާއްޖެ ދުށް އެންމެ ވިޝަނަރީ އެއް ރައީސް ކަމަށްވާ ރައީސް އަބްދުالله ޔާމީންގެ އިރުޝާދުފުޅުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. ރާއްޖެ އެހާތަނަށް ނުދެކޭފަދަ މަޝްރޫއުތައް ޔާމީންގެ ވެރިކަމުގައި ހިންގެވިއިރު އެކަންކަން ކުރެއްވީ ރައީސް މުއިއްޒު އިސްވެ ހުންނެވި މިނިސްޓްރީގެ ތެރެއިންނެވެ. މީގެ އިތުރުން ޒަމާނުންސުރެ އެމްޑީޕީން ރަސްކަން ކުރަމުން ދިޔަ މާލެ, އެ ޕާޓީގެ ވެރިކަމުގައި ބޭއްވި އިންތިޚާބުން ބަލިކޮށް މާލޭގެ މޭޔަރުކަން ރައީސް މުއިއްޒު ހޯއްދެވިއެވެ. އެތައް ބަޔަކު ދެކޮޅު ހަދައިހަދައި ތިއްބައި ޕީއެންސީގެ ޓިކެޓް ހޯއްދަވައި ވެރިކަމަށް ވަޑައިގެންނެވީ ވެސް ވަރަށް ތޫނުފިލިކަން ބޭނުން ކުރައްވައިގެންނެވެ.

ދެން އޮތް ސުވާލަކީ މި ހުރިހާ ސަބަބަކާހުރެ ދިވެހީން ރައީސް މުއިއްޒާ މެދު ކުރި ބޮޑު އުންމީދުގެ ނަތީޖާ ކިހިނެއްތޯއެވެ؟



މިސްރާބު ހުރީ ރަނގަޅަށްތަ؟

ރައީސް މުއިއްޒު ދެއްކެވި ދިވެހީންގެ ރާއްޖެއަށް ދިއުމަށް ދަތުރު ފަށައިގެން އުޅޭތާ ދެ އަހަރު, ސީދާ މިއަދު ހަވީރަށް ފުރޭނެއެވެ. މި ދެއަހަރު ތެރޭގައި ގައުމުގެ އޮޑިއަށް ކިތަންމެ ރާޅެއް އަރައިފިއެވެ. ކިތަންމެ ފަރެއް ކައިރިން ދަތުރުކޮށްފިއެވެ. ކަނޑު ވެދާނޭ ހީވި ކިތަންމެ ފަހަރެއް ގޮސްފިއެވެ.

ވަޒީރުކަމެކޭ އެއްފަދައިން ރައީސްކަމުގައި ވެސް މުއިއްޒު ފެނިވަޑައިގަންނަވަނީ ވަރަށް ހީވާގިކޮށް އުޅުއްވާ މަންޒަރެވެ. އަދި ދުންފަތާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކެރުންހުރި ނިންމުންތަކެއް ވެސް ނިންމަވައިފިއެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ އޮތީ މާ ބޮޑު ކަމެއް ކުރެވޭ ކަހަލަ ހާލަތެއްގައެއް ނޫނެވެ. ދަރަނި މައްޗަށް ދަރަނި ނަގައި،ނަގައި ގައުމުގެ އިގްތިސާދުގައި ބުންވަރެއް, އާރެއް, ބާރެއް ނެތެވެ. އެހެންކަމުން އިސްލާހީ ފިޔަވަޅުތައް އެޅުން އޮތީ މަޖުބޫރުވެފައެވެ.



ނަމަވެސް ސަރުކާރަށް މިވީ 730 ދުވަސް ތެރޭގައި ބޮޑަށް ފެންނަނީ ކަންކަން އިސްލާހު ކުރެއްވުމުގެ ބަދަލުގައި އަދިވެސް ޚަރަދުގެ މައްޗަށް ޚަރަދު ކުރައްވާ ތަނެވެ. ސިޔާސީ މަގާމުތައް ބަހާލި ގޮތަކީ އޭގެ އެއް މިސާލެވެ. ހަތްސަތޭކައަށް ވުރެން އިތުރު ނުވާނެ ކަމަށް ވަދައުދުވެވަޑައިގެންނެވި ސިޔާސީ މަގާމުތައް ހާހުން މައްޗަށް އެރިއެވެ. އަދި އެތައް ގޮތަކުން ނޫސްވެރިން އެދި ވެސް ފުރަތަމަ އަދަދުތައް ކުރީ ސިއްރެވެ. ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެއްވުމުގައި ގާބިލް ކަމަށްވުރެން އިސް ކުރެއްވީ ސިޔާސީ ވަފާތެރިކަމެވެ. ވަޒީރުން ފެށިގެން, ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެންމެ މައްޗާއި މެދުތެރެއަށް ބެލިނަމަވެސް ހެކި ފެންނާނެއެވެ. ތިމާއާ އެކަށީގެން ނުވާ ކޯޓު ލައްވައިގެން އެތައް ބަޔަކު ބޮޑު މުސާރައިގައި އެބަތިއްބެވިއެވެ.

އޭޓީއެމް ހުޅުވަންވީއެވެ. ނަމަވެސް 2025 ވަނަ އަހަރު އެއީ މާ ބޮޑު ކާމިޔާބީއެއް ކަމަށް ދައްކަން ވެއްޖެ ނަމަ އެއީ ޖޯކަކަށް ނޫނީ ނުވާނެއެވެ. ހަމަ އެހެންމެ އެއީ ގައުމެއްގެ ރައީސެއްގެ ލެވަލްގައި ފާހަގަކޮށް, އިފްތިތާހު ކުރާވަރު ކަމެއް ނޫނެވެ. އަދި ބޭންކެއްގެ ކާޑް ލިމިޓަށް ގެންނަ ބަދަލަކީ ރައީސުންގެ ލެވަލްގައި އިއުލާން ކުރާ ވަރު ކަންކަމެއް ނޫނެވެ. ރައީސުން އިސްކަން ދެއްވަން ވާނީ އެއަށްވުރެ މާ ބޮޑެތި ކަންކަމަށެވެ. މީގެ އިތުރުން ވެސް ސަރުކާރު ކުންފުނިތަކުން ޕްރޮޑަކްޓިވް ކަންކަން ކުރުމުގެ ބަދަލުގައި ސިޔާސީ ބޭނުމަށް, ވަގުތީ ފައިދާ ނަގާ މަންޒަރު އެބަފެނެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަކީ މިހާތަނަށް ދިވެހީން ވަރަށް އިހުތިރާމާއި އިތުބާރު ކުރި ކުންފުންޏެކެވެ. ނަމަވެސް މި ސަރުކާރާއެކު އެ ކުންފުންޏަށް މުވައްޒަފުން ވެއްދުން އިތުރުވުމާއި އެކަށީގެންވާ ކުރާނެ ކަމެއް ނެތް މީހުން, ބޮޑު މުސާރަ ނަގައިގެން ތިބުންފަދަ ޝަކުވާތައް އެވަނީ ބޮޑުވެފައެވެ. މީގެ އިތުރުން އެއާޕޯޓް ތަރައްގީ ކުރަން ޖެހޭ އެ ކުންފުނިން ރަށްރަށުގައި ފިޓްނެސް ސެންޓަރު ހަދަން އެ ވަނީ ހަވާލުވެފައެވެ.

މިހެން ގޮސް ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުގެ މެންޑޭޓުން ބޭރުން އެތައް ކަމެއް ހަވާލުކޮށްފިއެވެ. މަގު ހަދާ އާރްޑީސީއަށް ހޮސްޕިޓަލް އަޅަން ދިނުމާއި ހައުސިން އަޅަން ހަދާފައިވާ ފަހިދިރިއުޅުން ކޯޕަރޭޝަނަށް ސްކޫލު އަޅަން ހަވާލު ކުރުންފަދަ އެތައް ކަމެކެވެ.



މިވަރުން ވީއެއް ނޫނެވެ. އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު އިސްކޮށް ހުންނަވައި ފެއްޓެވި, ބަންކަރިންގެ ޚިދުމަތާއި ޑިވެލޮޕްމެންޓް ބޭންކާއި ފައިނޭޝަލް ސެންޓަރު އެޅުމާއި ސައުދީއިން ގެންނެވި ޕްރިންސްފަދަ އެތައް ޖޯކް ކަމެއް ވެސް މި ދެ އަހަރު ތެރޭގައި މި ވަނީ ހިނގައިފައެވެ. ޑޮލަރު ރޭޓް މައްޗަށް ނާރާނެކަން ރައީސްއާއި މިނިސްޓަރު ސައީދު އިއުލާން ކުރެއްވި ނަމަވެސް އެ ރޭޓް ރާއްޖޭގެ ތާރީހުގައި ނާރާހާ މައްޗަށް މިހާރު އެ ވަނީ އަރައިފައެވެ. މިއީ ރަނގަޅަށް ކަންކަން ކުރުމުގެ ބަދަލުގައި ދައްކަން ކަންކަން ކުރާތީ ލިބޭ ނަތީޖާއަށްވުން ގާތެވެ.

އަނެއްކޮޅުން ގައުމެއްގެ ފެންވަރުގައި ފާހަގަ ކުރާވަރުގެ ބޮޑު މަޝްރޫއެއް އަދިވެސް މާބޮޑަކަށް ކުރިއަކަށް ނުދެއެވެ. ރަސްމާލެ ހިއްކުން ވެސް ތާރީހަކަށް ފަހު ތާރީހެއް ދިޔައީއެވެ. މާލެއާއި ރަސްމާލެއާ ގުޅުވާލާ އަންޑަވޯޓާ ޓަނަލް މީހުންނަށް ޖޯކަކަށްވީއެވެ. މި އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރު ކަމަށް ރައީސް އިއުލާން ކުރެއްވިއިރު އަހަރު ނިމެން މަސް ދުވަހަށްވީއިރު މާބޮޑު މަސައްކަތެއް އަދި ފެށިފައެއް ނުވެއެވެ. އެކަމަކު ބަޖެޓް ބަރާބަރަށް އެބަ ހުސްވެއެވެ.

ދެން އޮތީ ޑިމޮކްރެޓިކް ނިޒާމަށް ކުރަން ޖެހޭ އިހުތިރާމެވެ. ޑިމޮކްރެޓިކް ގައުމެއްގައި ރައީސްކަމަށް ވަޑައިގަންނަވަން ވާނީ ހުރިހާ ބާރެއް މުށުތެރެއަށް ލުމުގެ ބަދަލުގައި ބާރުތައް ވަކި ކުރައްވައިގެން, ޖަވާބު ދާރީ ވެވޭ އުސޫލުން ވެރިކަން ކުރައްވާށެވެ. ރައީސް މުއިއްޒު ހުވާ ކުރެއްވުމަށް ފަހު ގައުމާ މުހާތަބު ކުރައްވަމުން އިއުލާން ކުރެއްވީ އެ ހިނދުން ފެށިގެން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުމަކަށް އައީ ކަމަށެވެ.

ނަމަވެސް ރައްޔިތުން އިންތިޚާބު ކުރާ މަޖިލީހުގެ މެންބަރުންގެ ގޮނޑި ޕާޓީއިން ބޭނުންއިރަކު ގެއްލުވާ ލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ކުއްލި އިސްލާހާއެކު ދެން ފެށުނު ކަންތައްތަކުގެ ތެރެއިން ސުޕްރީމް ކޯޓަށް ހަދާލި ނިކަމެތި ގޮތް އެއީ ލަދުވެތި ކަމެކެވެ. އެ އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބަންޑާރަ ނައިބު ކޯޓުގައި ވަކާލާތު ކުރެއްވީ އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށެވެ. ނަމަވެސް އެންމެ މަތީ އެ ކޯޓުން ނިންމީ މައްސަލަ ބެލޭނެ ކަމަށެވެ. އެއާއެކު އެ ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ, ހުސްނުއްސުއޫދާއި މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރާ މެދު ކަންތައް އެ ކުރި ނިކަމެތި ގޮތަކީ ޝަރުއީ ދާއިރާ ނުފޫޒުން އެއްކިބާ ނުވާ ކަމުގެ ހެއްކެއް ކަމަށް ފުދެއެވެ.

ހަމައެހެންމެ މިނިވަން ނޫސްވެރިކަން ކޮންޓްރޯލް ކުރެވޭ ގޮތަށް, އަމިއްލަ މެންބަރެއްގެ ނަމުގައި ހުއްޓަސް ސަރުކާރާ ގުޅުން ބޮޑު, ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ލައްވައި މަޖިލީހަށް ހުށަހެޅުއްވި މީޑިއާ ކޮންޓްރޯލް ބިލަކީ ވެސް ޑިމޮކްރަސީއަށް ދިން ހަމަލާއެކެވެ. އެއީ ހަންނާން އަމިއްލައަށް ކުރެއްވި ކަމެއްކަން ދައްކަން ފުރަތަމަ އުޅުނު ނަމަވެސް ފަހުން އެ ބިލް ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރީ މުޅި ސަރުކާރު ޑިފެންސަށް ފައިބައިގެންނެވެ. ޖެހިލުން ކުޑަ ނޫސްވެރިން ލިޔަމުން ދިޔަނަމަވެސް މިއަދު ގާނޫނު އެ އޮތީ އެ ނޫސްވެރިން ތަޅުއަޅުވައި, ޖޫރިމަނާކޮށް, އެތައް އަދަބެއް ލިބޭގޮތަށް ޕީއެންސީއިން ފާސްކޮށް, ރައީސް ތަސްދީގު ކުރައްވައިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު: ރައީސަށް ބްރޯޑްކޮމްއަށް މެންބަރުން އައްޔަން ކުރުމުގެ ބާރުދީ، މީޑިއާތައް އުވާލެވޭ ގޮތަށް ބިލެއް ވަނީ ހުށަހަޅައިފައި -- ފޮޓޯ/ ރައީސް އޮފީސް

ދެން އޮތް އަނެއްބާރަކީ ރައްޔިތުންގެ މަޖިލީހެވެ. މި ސަރުކާރަށް މިވަނީ ރާއްޖޭގެ އެހެން ސަރުކާރަކަށް ނުލިބޭހާ ބޮޑު މެޖޯރިޓީއެއް ލިބިފައެވެ. އެއާއެކު މަޖިލިސް ވެސް ފެންނަނީ ސަރުކާރުން ބުނިހާ ގޮތެއް ހަދައިގެން ތިބޭ މަންޒަރެވެ. އޮއްޓަރު ހުރި ބަހުސެއް އެތަނުގައި މަދު ފަހަރެއްގައި ނޫނީ ނުހިނގައެވެ. ހަމަ އެޅިހާ ބަތަކަށް ރިހައެވެ. މިއީ އެތައް މިލިއަނެއް ހަރަދު ކުރާއިރު ޑިމޮކްރެޓިކް ނިޒާމެއްގައި ވަރަށް ދެރަވަރު ކަމެކެވެ.

ކޮރަޕްޝަން މި ސަރުކާރުގެ ތެރޭގައި ވެސް އިންތިހާއަށް އޮތް ކަމަށް ތުހުމަތު ކުރެވެއެވެ. ދެން މުޅި ގައުމަށް ވެސް އެނގޭ ހަގީގަތެއް އޮވެއެވެ. ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން, ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން އެންމެ ބޮޑަށް ހޯދަނީ ތަންތަނާ ހަވާލުވެތިއްބެވި ވެރިންނެވެ. ޚާއްސަކޮށް ސިޔާސީ މީހުންނެވެ. ނަމަވެސް ޖުމްހޫރީ ދުވަހު ގައުމާ މުހާތަބު ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ކޮރަޕްޝަން އެންމެ ބޮޑީ ދަށްފަންތިއާއި މެދުފަންތީގެ ވަޒީފާތަކުގައި ކަމަށެވެ. އެއީ ހަގީގަތެއް ނޫންކަން ގިނަ މީހުން ގަބޫލު ކުރާނެއެވެ.



ޑަބަލް ޕެންޝަން އުވާލުމާއި, ސަބްސިޑީތައް އޭގެ ހައްގު ވެރިންނަށް ދިނުމާއި އާސަންދައިގެ އިސްރާފު ކުޑަކުރުން ފަދަ ކޮންމެހެން ވެސް ކުރަން ޖެހޭ އެތައް ކަމެއް ކުރައްވާނެކަން ރައީސް އިއުލާން ކުރެއްވެވިއެވެ. އެ ކަންކަން ކުރެއްވުމުގެ ފުރިހަމަ އާރާއި ބާރު ރައީސްގެ އަތްޕުޅުގައި އެބައޮތެވެ. އެކަމަކު އެއިން އެއްކަމެއް ވެސް ނުކުރައްވައެވެ. ނުކުރައްވާ ތަނުގައި އަދިވެސް އިތުރަށް ވައުދުވެ އިތުރު ޚަރަދު ކުރައްވާނެކަން އިއުލާން ކުރައްވަނީއެވެ. މަސްދަޅު ކޭސް ބެހުމާއި ކަރަންޓް ބިލް ކުޑަ ކުރުންފަދަ, އިގްތިސާދީ މި ހާލަތުގައި ކޮންމެހެން ކުރަން ނުޖެހޭ އެތައް ކަމެކެވެ.

ގައުމުގެ ކަންކަން އިސްލާހުކޮށް, ހަމަ މަގަށް އަޅުވަން ރައީސް މުއިއްޒަށް ލައްކަ ބާރު ރައްޔިތުން ދެއްވައިފިއެވެ. ރޭވުންތެރިކަމާއި އިހުލާސްތެރިކަމާއެކު ކަންކަން ކުރައްވައިފިނަމަ އެކަން ކުރެއްވެން އެބައޮތެވެ. އެކަމަކު ވެރިކަމަށް ދެ އަހަރު ވެގެން ދިޔައިރު އަދި ފެންނަނީ މާ ބޮޑަށް ސަރުކާރު ހަމަޔަކަށް ނޭޅި އުޅޭ މަންޒަރެވެ. ދުރުރާސްތާއަކުން, ދާއިމީ ހެޔޮ ނަތީޖާއެއް ލިބޭނެ ކަންކަން ކުރުމުގެ ބަދަލުގައި ހެޑްލައިނަށް މާ އިސްކަން ދެވޭ މަންޒަރެވެ. ގޮތް ނިންމާނީ ރައްޔިތުންނެވެ. ވައުދުވެ ލެއްވި ދިވެހީންގެ ރާއްޖެއަށް އެބަ ދެވޭތޯއެވެ؟ މި ދެ އަހަރު ތެރޭގައި ސަރުކާރުގެ ނަތީޖާއަށް ދޭނީ ކޮން ރިޕޯޓެއްތޯއެވެ؟