17 Nov 2025, 11:56
ފުވައްމުލަކަށް ފެނަކަ ކޯޕަރޭޝަނުން ދޫކުރާ ފެން ރައްކާތެރި ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނެފައިވީ ނަމަވެސް ބައެއް ގެތަކަށް ލިބޭ ފެން ސާފު ނޫން ކަމަށް ބުނެ، ފުވައްމުލަކު ސިޓީ ކައުންސިލުން، ފެނަކައާ ދެކޮޅަށް ދައުވާ ކުރުމަށް ތައްޔާރުވެއްޖެއެވެ.
ގާތްގަނޑަކަށް 11،000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކުގެ ފެނުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑި، ފެނަށް ޖެހުނީ މިދިޔަ ހަފުތާ ހޯމަ ދުވަހެވެ. ފެން ތަޣައްޔަރުވުމުގެ އިތުރުން ފެނުގެ ވިއުގައިން ފެން ލީކުވުމުގެ މައްސަލަ ވެސް ފުވައްމުލަކުގެ ފެނުގެ ނެޓްވޯކަށް މެދުވެރިވެފައިވާ ކަމަށް އެރަށަށް ފެނުގެ ޚިދުމަތްދޭ ފެނަކަ ކޯޕަރޭޝަނުން މީގެ ކުރިން ބުންޏެވެ.
ފެނަކައިން ފުވައްމުލަކަށް އަލުން ފެން ދޫކުރަން ފެށީ ބުރާސްފަތި ދުވަހުގައެވެ. އެ ފެނުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ކަންބޮޑުވުން އުފެދިފައި ވަނިކޮށް އެމްއެފްޑީއޭއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ވަނީ، އެކި ސަރަހައްދުތަކުން ފެން ނަގައިގެން މީގެ ކުރިން ތަހުލީލުކޮށްފައިވާ ކަމަށެވެ. އެ ތަހުލީލުތަކުގެ ނަތީޖާއާ ހަވާލާދީ ބަޔާނުގައި ބުނީ، އެ ފެނަކީ ސިއްހަތާ ބެހޭ ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށެވެ.
ނަމަވެސް މިއަދާ ހަމައަށް ރަށުގެ ރައްޔިތުން ދަނީ އެފެނުގެ ކުލައަށް ބަލާ، ފެނުގެ ސާފުތާހިރުކަމާ ދޭތެރޭ ސުވާލު އުފައްދަމުންނެވެ. އެ ބަޔާން ނެރުނު ފަހުން ރަށުގެ ބައެއް ރައްޔިތުން ވަނީ، ބިއްލޫރި ތަށިތަކަށް ސަޕްލައި ފެން އަޅައި، ފެން ނުސާފުކަން ހާމަވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
ފުވައްމުލަކު ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އެސިޓީގެ ރައްޔިތުންނަށް ފެނަކައިން ދޫކުރާ ފެނަކީ ބޭނުންކުރަން ރައްކާތެރި ފެންކަން ޔަގީންކަން ދިނުމަށް ފެނަކައިގެ މައްޗަށް އަމުރުކުރުމަށް އެދި ކައުންސިލުން މި މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ.
އަދި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފުރިހަމައަށް ތަބާވުމަށް ފެނަކައިގެ މައްޗަށް އަމުރުކުރުމަށް ހުށަހަޅާނެ ކަމަށް ވެސް ބުނެފައިވެއެވެ. ކޯޓަށް މައްސަލަ ޖެއްސުމުގެ އިތުރުން މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަންގެ ސަމާލުކަމަށް ގެނައުމަށް ވެސް ތައްޔާރުވަމުންދާ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.
އެ ސިޓީގެ ފެނުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުން އެދި ސަރުކާރުގެ ކަމާގުޅޭ މުވައްސަސާތަކަށް އެކި ފަހަރުމަތިން ކައުންސިލުން ޝަކުވާ ހުށަހަޅާފައިވާ ކަމަށް މި ބަޔާނުގައި ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ފެނަކައިން އެންމެ ފުރަތަމަ އެ ސިޓީއަށް ފެނުގެ ޚިދުމަތް މެދުކަނޑާލީ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އިންސްޕެކްޝަން ރިޕޯޓަކަށް ރިއާޔަތްކުރުމަށްފަހުއެވެ. އެ ރިޕޯޓުގައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އަދި ރަނގަޅުކުރަންޖެހޭ ހަތް ކަމެއް ފެނަކައަށް އެ އޮތޯރިޓީން އެންގި ކަމަށް ބުންޏެވެ. އެކަންތަކަކީ:-
1- މައްސަލަ ޖެހިފައިވާ ފެން ޕްލާން މަރާމާތުކޮށް އޮޕަރޭޓް ކުރަން ފެށުން.
2- މައްސަލަ ޖެހިފައިވާ ބޯހޯލްތައް ވީހާވެސް އަވަހަކަށް މަރާމާތުކޮށް ބޭނުންކުރަން ފެށުން.
3- ތިންވަނަ ސްޓޯރޭޖް ޓޭންކް މަރާމާތުކޮށް ބޭނުންކުރަން ފެށުން.
4 ފެނުގެ ނިޒާމުގައި ހުރި ލީކުތައް ދެނެގަތުމަށް ލީކް އެސެސްމަންޓެއް ހަދައި، ލީކްވުމަށް ދިމާވާ ސަބަބުތައް ދަނެގަނެ އެކަން ހައްލުކުރުން.
5- ކްރޮސް ކަނެކްޝަން ހަދާފައިވާ ގެތައް ދެނެގަތުމަށްޓަކައި ސާވޭކޮށް އެގެތައް ހޯދައި އެކަން ހުއްޓުވުން.
6- ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ފޯރުކޮށްދޭ ފެން، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އިން ކަނޑައަޅާފައިވާ މިންގަނޑާއި އެއްގޮތަށް ޓެސްޓުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
7- ފުވައްމުލައް ސިޓީގެ ފެނުގެ ޑިމާންޑު ދުވަހުން ދުވަހަށް އިތުރުވަމުން އަންނާތީ، މި ޑިމާންޑަށް ރިޢާޔަތްކޮށް ފުވައްމުލަކުގެ ފެނުގެ ނިޒާމް އަޕްގުރޭޑު ކުރުމަށް ޕްރޮޕޯޒަލެއް ތައްޔާރުކޮށް، މަސައްކަތްކުރާނެ ގޮތުގެ ޝެޑިއުލެއް ތައްޔާރުކުރުން.
ހަމަ އެހެންމެ، ޔޫޓިލިޓީ ރެގިއުލޭޓަރީ ރެގިއުލޭޓަރީ އޮތޯރިޓީން ފެނަކައަށް ހުށަހަޅާފައިވާ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުރިހަމަކުރަން ޖެހޭ ކަންކަން ކޮށްގެން، އެ އޮތޯރިޓީގެ އެޕްރޫވަލް ލިބެންދެން ރަށަށް ވޯޓާ ސަޕްލައި ފެން ދޫނުކުރުމަށް ކައުންސިލުން ވަނީ ފެނަކައަށް އިލްތިމާސްކޮށްފައެވެ. އަދި ފެނުގެ ރައްކާތެރިކަން ޔަގީންވަންދެން، މި ފެން ބޭނުންކުުރުމުގައި ސަމާލުވުމަށް ރަށުގެ ރައްޔިތުން ކިބައިން ކައުންސިލުން އެދިފައިވެއެވެ.
މީގެ އިތުރުން، ކައުންސިލުން އަމިއްލައަށް ސާމްޕަލް ނަގައި ޓެސްޓުކުރަން މަޝްވަރާކޮށްފައިވާ ކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ. މި ޓެސްޓުތައް މިނިވަން މުސްތަގިއްލު ފަރާތެއް މެދުވެރިކޮށް ގަވައިދުން ކުރިއަށް ގެންދިއުމަށް ކައުންސިލުން ނިންމާފައިވާ ކަމަށް އެކައުންސިލުން ބުންޏެވެ. އަދި ރައްޔިތުންނަށް ފަސޭހަކަމާއެކު ބޯފެނުގެ ޚިދުމަތް ފޯރުކޮށް ދިނުމުގެ ގޮތުން ފުޅީގައި ފެން ބަންދުކުރުމަށް ކައުންސިލުން ކުރިއަށްގެންދާ ޕްރޮޖެކްޓުގެ މަސައްކަތް އަވަސްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ވަނީ އެމްއެފްޑީއޭ އިން ހެދި ޓެސްޓުގެ ނަތީޖާ ރިޕޯޓު އަދިވެސް ކައުންސިލާ ހިއްސާނުކުރާއިރު ނަތީޖާ ރިޕޯޓު އާންމުވެސް ނުކުރާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމުގައި ސިއްހީ ވުޒާރާއަށް ރަސްމީކޮށް ޝަކުވާ ހުށަހެޅި ނަމަވެސް މިހާތަނަށް އެވުޒާރާގެ ޖަވާބެއް ލިބިފައިނުވާ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުގެ އިރުއުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ނާޞިރު މިއަދު "ސަން" އަށް މައުލޫމާތު ދެއްވާފައިވެއެވެ. އަދި މިއަދުން ފެށިގެން ފެނަކައާ ދެކޮޅަށް ކޯޓުގައި ދައުވާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެއާއެކު، އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ފަހުން ފުވައްމުލަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވެސް ފުވައްމުލަކަށް ދިމާވެފައިވާ ފެނުގެ މައްސަލައިގެ ވާހަކަ ކައުންސިލުން އެމަނިކުފާނާ ހިއްސާކުރެއްވި ކަމަށް ވިދާޅުވެފައެވެ. ސަރުކާރުން ފުވައްމުލަކަށް އަބަދުވެސް ކުރިމަތިވެފައިވާ ފެނުގެ ނެޓުވޯކުގެ މައްސަލަތަކަށް އެދެވޭ ހައްލެއް ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ނާޞިރު މި ނޫހަށް މައުލޫމާތުދެއްވާފައިވެއެވެ.