17 Nov 2025, 11:20
އެފްއޭއެމްގެ ޚިޔާނާތާ ގުޅިގެން އެ އިދާރާގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް، މުހައްމަދު އަގީލް ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުނުކުރެވުމުގެ ސަބަބުން، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޝަރީއަތުގެ އަޑުއެހުން މިއަދު ވެސް ކެންސަލް ވެއްޖެއެވެ.
މި މައްސަލައަކީ އެފްއޭއެމްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އެފްއޭއެމްއަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކަށާއި، ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް، ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.
މީގެ ތެރޭގައި މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކޮށްފައިވާ މީހުންގެ ތެރޭގައި އަގީލް ހިމެނެއެވެ.
އެފްއޭއެމްގެ ޚިޔާނާތާ ގުޅޭ ގޮތުން މިއަދާއި އިއްޔެގެ އަޑުއެހުން ވެސް ތާވަލުކުރީ

އެފްއޭއެމްގެ ކުރީގެ ފައިނޭންސް ހެޑް އަގީލް --
ކްރިމިނަލް ކޯޓުން ބުނި ގޮތުގައި އިއްޔެގެ އަޑުއެހުން ނިންމައިލީ، އަގީލް ހާޒިރުނުވާތީ އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން ނިންމާފައެވެ. ނަމަވެސް އޭނާ ހައްރުކޮށްގެން ހާޒިރުނުކުރެވުމުގެ ސަބަބުން މިއަދުގެ އަޑުއެހުން ވެސް ކެންސަލްވީއެވެ.
އަގީލްގެ މައްޗަށް ދައުވާކުރަނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.
އަގީލް ވަނީ މީގެ ކުރިން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްސަލައިގައި ހެކިބަސް ދީފައެވެ. ޝަރީއަތުގައި ހެކިބަސް ދެމުން އަގީލް ވަނީ މަހަކު 5،000 ޑޮލަރުގެ އެލަވަންސެއް ބައްސާމް ނެންގެވި ކަމަށް ކުރިން ބުނެފައެވެ.
ބައްސާމް މިހާރުވެސް ހުރީ ޖަލުގައެވެ. އެއީ، އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެގެން އިއްވާފައިވާ ހަތަރު އަހަރުގެ ހުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ ފަސް އަހަރުގެ ހުކުމަކާއެކު ޖުމްލަ ނުވަ އަހަރެވެ.
ބައްސާމްއާ ދެކޮޅަށް ކޯޓުގައި މިހާރު ހިނގަމުންދާ އަނެއް މައްސަލައަކީ، ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު ނުވަތަ 18 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ބައްސާމް ޚިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލައިގައި ވެސް ބައްސާމްގެ މައްޗަށް ޚިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ވަނީ ކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޖަލުގައި ގައިދީން ލުމަށް ޚާއްސަކޮށްފައިވާ ހެދުން ލާން ދެކޮޅު ހެދުމުން، އިއްޔެ އަޑުއެހުމަށް ބައްސާމް ހާޒިރުކުރީ ކުލަ ހެދުމުގައި ބިޑި އަޅުވައިގެންނެވެ. އެކަމާ ގުޅިގެން އިއްޔެގެ އަޑުއެހުން ވެސް ނުފެށި އެތައް އިރަކު ދިގުދެމިގެން ދިޔައެވެ.