17 Nov 2025, 12:28
އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވި މައްސަލައިގައި އެތަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ޝަރީއަތަށް، ހައްޔަރުކޮށްގެން ހާޒިރު ކުރަން އަމުރުކޮށްފައިވާ އެ އިދާރާގެ ކުރީގެ ފައިނޭންސް ހެޑް، މުހައްމަދު އަގީލް ހާޒިރު ނުކުރެވިގެން، މިއަދު ވެސް އަޑު އެހުން ކެންސަލް ކުރަން ޖެހިއްޖެ އެވެ.
އެފްއޭއެމްގެ ޚިޔާނާތާ ގުޅިގެން އެ އިދާރާގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް، އަގީލް ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން އިއްޔެ އޮތީ ކޯޓުން ނިންމާފައެވެ. އެއީ، ބައްސާމްގެ ހިޔާނާތާ ގުޅިގެން ހެކިބަސް ނެގުމަށެވެ. އެކަމަކު، ކްރިމިނަލް ކޯޓުން ބުނީ މިއަދުގެ އަޑުއެހުން ކެންސަލް ކުރަން ޖެހުނީ އަގީލް ބަންދު ނުކުރެވޭތީ ކަމަށެވެ.
އޭނާ ބަންދު ނުކުރެވިގެން އުޅޭ ސަބަބެއް އަދި ސާފެއް ނުވެއެވެ.
އަގީލް ހާޒިރު ނުކުރެވިގެން ޝަރިއަތް ކެންސަލް ކުރިއިރު، އަގީލްގެ މައްޗަށް އޮތީ، މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާވެސް އުފުލާފައެވެ. އެ މައްސަލައިގެ އަޑު އެހުމެއްވެސް މިއަދަށް ތާވަލުކޮށްފައި އޮތެވެ.
އަގީލް ވަނީ މީގެ ކުރިން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްސަލައިގައި ހެކިބަސް ދީފައެވެ. ޝަރީއަތުގައި ހެކިބަސް ދެމުން އަގީލް ވަނީ މަހަކު 5،000 ޑޮލަރުގެ އެލަވަންސެއް ބައްސާމް ނެންގެވި ކަމަށް ކުރިން ބުނެފައެވެ.
އަނެއްކޮޅުން ބައްސާމް މިހާރުވެސް ހުރީ ޖަލުގައެވެ. އެއީ، އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެގެން އިއްވާފައިވާ ހަތަރު އަހަރުގެ ހުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ ފަސް އަހަރުގެ ހުކުމަކާއެކު ޖުމްލަ ނުވަ އަހަރެވެ.
ބައްސާމްއާ ދެކޮޅަށް ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލައަކީ، ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު ނުވަތަ 18 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ބައްސާމް ޚިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލައިގައި ވެސް ބައްސާމްގެ މައްޗަށް ޚިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ވަނީ ކޮށްފައެވެ.