ދިވެހި ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ދިރާގުން ޕުރިޕެއިޑް ކަސްޓަމަރުނަށް އަމާޒްކޮށްގެން 300،000ރ.ގެ އަގުހުރި ޕުރޮމޯޝަނެއް ފަށައިފި އެވެ.

ޕްރޮމޯޝަނާ ބެހޭ ގޮތުން މައުލޫމާތް ދެއްވަމުން ދިރާގުގެ ޑިރެކްޓާ މާކެޓިން އަހުމަދު މައުމޫން މިއަދު ވިދާޅުވީ "ރިޗާޗް އެންޑް ވިން" ނަމުގައި މިއަދުން ފެށިގެން ތިން މަސް ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަން ނިމުމުން އެއް ވަނައަށްދާ ފަރާތަކަށް 300،000ރ. ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ހަފްތާއަކުން ނެނގޭ ލަކީ ޑުރޯއަކުން ހޮވޭފަރާތަކަށް "ސެމްސަންގެ ގެލެކްސީ އެސް ތުރީ"އެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ ޕްރޮޑަކްޓް މެނޭޖާ މޯބައިލް މަރިޔަމް ޝީޒްލީން ވިދާޅުވީ އެ ޕްރޯމޯޝަނުގައި ބައިވެރިވުމަށް އެޕުރޮމޯޝަން ކުރިއަށްދާ ދުވަސްތަކުގެ ތެރޭގައި 300ރ.ގެ ރީލޯޑް ކުރެއްވުމުން 300،000ރ. ރުފިޔާ ލިބޭ ލަކީޑުރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އަދި އެ މުއްދަތުގައި ކޮންމެ ހަފްތާއަކު 30ރ.ގެ ރީޗާޖް ކުރައްވާ ބޭފުޅުނަށް "ސެމްސަންގް ގެލެކްސީ އެސްތުރީ" ދޭ ލަކީޑުރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

"ތިން ސަތޭކަ ރުފިޔާ އާއި ހަމައަށް ރީޗާޖް ކުރެވިދާނެ އެއީ ކުދި އަދަދުތަކުން ވެސް އެގޮތުން 100ރ. 50ރ. އަށް ވެސް އެ ޕްރޮމޯޝަނުގެ މުއްދަތުގެ ތެރޭގައި ޖުމުލަކޮށް 300ރ. ރޭޗާޖް ކުރައްވާ ކޮންމެ ފަހަރަކު އެބޭފުޅެއްގެ ނަން ލަކީ ޑުރޯއަށް މިދަނީ. އެގޮތުން ގިނައިން ރީޗާޖް ކުރައްވާ ވަރަކުން ފުރުސަތު ބޮޑުވެގެންދާނެ. އެގޮތުން ވީކްލީކޮށް "ސެމްސަންގް ގެލެކްސީ އެސްތުރީ" ލިބޭލަކީޑުރޯއަށް ކޮންމެ ހަފްތާ އަކު 30ރ. އާއި ހަމައަށް ރީޗާޖްކުރުމުން މިލަކީޑުރޯއަށް ދާނެ އެގޮތުން ވަކިވަކިން ވެސް 30ރ. ރީޗާޖް ކުރެވިދާނެ." ޝީޒްލީން ވިދާޅުވި އެވެ.

އެ ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ މިއަދުން ފެށިގެން މިއަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.