ޓެލެކޮމިއުނިކޭޝަންސް ކުންފުނި އުރީދޫ މޯލްޑިވްސް އިން ތައާރަފުކުރި އޭއައި ކަލަންޑަރަށް ޚިޔާލީ ދިވެހި ވާހަކައިން މަޝްހޫރުވި ބަތަލާ, ދޮންހިޔަލަ ޗެޓްބޮޓް ތައާރަފުކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ އެކުންފުނީގެ މި އަހަރުގެ ކަލަންޑަރު ބިނާ ކުރެވިފައިވަނީ ދިވެހި ފޯކްލޯ ވާހަކަތަކުގެ އެކި ޝަހްސިއްޔަތުތަކުގެ މައްޗަށް ކަމަށެވެ. އަދި އޭއައި މެދުވެރިކޮށް މި ޝަހުސިއްޔަތުތަކާ ވާހަކަ ދެއްކޭނެ ގޮތް އުރީދޫއިން ފަހިކޮށްދީފައިވެއެވެ.

އާދަޔާ ޚިލާފު ރީތިކަމެއް ލިބިފައިވާ ފަތްމިނި ދޮން ހިޔަލަ، އޭނާގެ މައިންބަފައިން ގެންގުޅުނީ އެ މީހުންގެ ރަށް، ތ. ބުރުނީގައި، އެހެންމީހުންގެ ލޯތަކަށް ފޮރުވައިގެންނެވެ. ނަމަވެސް ދ. ހުޅުދެލީގެ ހިތްވަރުގަދަ ޒުވާނެއް ކަމަށްވާ އަލިފުޅަށް އޭނާ ދެކެ އިންތިހާއަށް ލޯބިވެވުނެވެ.

ހުރިހާ ގޮންޖެހުމަކާ އެކު ވެސް އެ ދެ މީހުން ކައިވެނި ކުރިއެވެ. ނަމަވެސް އެދެމީހުންގެ މެދުގައި އޮތް އުފާވެރިކަމާ ލޯބި ފެނިފައި އޭރުގެ ރަސްގެފާނު އެމީހުން ދެކެ ޙަސަދަވެރިވިއެވެ. އެހާ ހިސާބުން ދޮން ހިޔަލައާއި އަލިފުޅުގެ ލޯތްބާއި މިނިވަންކަމަށް ބޮޑު އިމްތިހާނެއް ކުރިމަތިވިއެވެ.

މި ވާހަކައިގެ އިތުރުން ވެސް، ޒަމާނުއްސުރެ ދިވެހިން އަޑުއަހަމުން އައި ފުލޯކު ވާހަކަތައް ކަމަށްވާ "ފޫޅުދިގު ހަންޑި" އާއި "ސަފަރު ކަތްދަ" ފަދަ 12 ކެރެކްޓަރު، އުރީދޫގެ މި ކަލަންޑަރުގައި ހިމެނެއެވެ. މިވާހަކަތަކަކީ ދިވެހިންގެ ސަގާފަތާއި ތަރިކައިގެ މުހިންމު ބަޔެކެވެ.

އެހެންކަމުން މިއީ ހަމައެކަނި މޭޒުމަތި ފަޅުފިލުވާލަދޭނެ ކަލަންޑަރެއް ނޫން ކަމަށް އުރީދޫއިން ބުންޏެވެ. އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު މި ކެރެކްޓާތަކާ ސީދާ ވާހަކަދައްކާލެވޭނެ ފުރުސަތު އުރީދޫ އިން ހުޅުވާލާފައިވެއެވެ. މިއިން ކޮންމެ ޝަހްސިއްޔަތަކާ ވެސް ވާހަކަތައް ހިއްސާކޮށް، ސުވާލުތަކަށް ޖަވާބު ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

އަދި އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، މީގެ ކުރިން ހީވެސް ނުކުރާ ފަދަ ގޮތަކަށް ފޯކްލޯ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އުރީދޫއިން ބުންޏެވެ. މި ޕީއާރް ސްކީމްގެ ދަށުން ކޮންމެ މަހަކު ވެސް ކަސްޓަމަރުން ޗެޓް ކުރުމަށް އާ ކެރެކްޓާއެއް އުރީދޫ އިން ދަނީ ތައާރަފުކުރަމުންނެވެ.

މިއީ ދިވެހި ތަރިކަ ހިމާޔަތްކޮށް، މާނަހުރި ގުޅުމެއް އުފައްދައި، ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖީލުތަކުގެ މެދުގައި ގުޅުން ދަމަހައްޓާ ޑިޖިޓަލް މޯލްޑިވްސް އެއް ބިނާކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބޮޅެކެވެ.

އުރީދޫގެ އޭ.އައި ޗެޓްބޮޓް މެދުވެރިކޮށް ދޮންހިޔަލައާ ވާހަކަ ދައްކާލުމަށް މިލިންކުބޭނުންކުރެވޭނެއެވެ.