17 Nov 2025, 09:37
އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ފިލިޕީންސްއާ ދެކޮޅަށް އަންގާރަ ދުވަހު ކުޅޭ މެޗުގެ ޓިކެޓު ވިއްކަން ފަށައިފިއެވެ.
މި މެޗުގެ ޓިކެޓް ފުޓްބޯޅަ އެސޯސިއޭޝަންގެ މަޖީދީ މަގު (އޮލިމްޕަސް ކުރިމަތި) ޓިކެޓް ކައުންޓަރުން ވިއްކަން ފަށާފައިވާއިރު ސިޑި ބަރި ޓިކެޓެއް ވިއްކަނީ 50 ރުފިޔާއަށެވެ. ގޮނޑި ބަރި ޓިކެޓެއް ވިއްކަނީ 100 ރުފިޔާއަށެވެ.
އެފްއޭއެމުން ވަނީ މި މެޗު ބެލުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަނުމަށް އެދިފައެވެ.
ރާއްޖޭގެ ހޯމް މެޗާ ކުރިމަތިލުމުގެ ކުރިން ފިލިޕީންސް ޓީމު ވަނީ ދުބާއީގައި ކޭމްޕުކޮށްފައެވެ. އަދި ވަރުގަދަ އެކުވެރިކަމުގެ މެޗުތަކެއް ވެސް ކުޅެފައެވެ. ފިލިޕީންސް ޓީމުން ވަނީ މި މެޗަށް ތައްޔާރުވުމުގެ ގޮތުން ތިން ދުވަހު ދުބާއިގައި ކޭމްޕުކޮށްފައެވެ.
ރާއްޖެ އޮތީ މިހާތަނަށް ކޮލިފައިންގައި ކުޅުނު ހަތަރު މެޗުން ބަލިވެ ތާވަލުގެ ފުލުގައެވެ. ޕިލިޕީންސް އޮތީ 10 ޕޮއިންޓާއެކު ޓޭބަލުގެ އެއްވަނާގައެވެ. ނަމަވެސް އެއީ ޕޮއިންޓްގެ ގޮތުން ތަޖިކިސްތާނާ އެއްވަރުގެ ގޯލުގެ ތަފާތުންނެވެ. އެހެންވުމާއެކު ރާއްޖެ މެޗަކީ ފިލިޕީންސަށް ކޮންމެހެން ވެސް މޮޅުވާން ޖެހޭ މެޗެކެވެ.
ފިލިޕީންސްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު އެ ގައުމުން ކާމިޔާބުކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ.
ފިލިޕީންސް މެޗަށް އިއުލާނު ކުރި ސްކޮޑަށް ބަލާއިރު މުޅިން އަލަށް ޤައުމީ ޓީމުން ފުރުސަތު ދީފައިވަނީ ވެލެންސިއާގެ ޒުވާން ކެޕްޓަން އީތަން އިބްރާހީމް ޒަކީއާއި، ބުރު ސްޕޯޓްސް ކްލަބްގެ ޑިފެންޑަރު ޠާއިފް ޤާސިމްގެ އިތުރުން ކްލަބް އީގަލްސްގެ ގޯލު ބަލަހައްޓަމުން އަންނަ މުހައްމަދު އަޝްވާނަށެވެ.
ނަމަވެސް ކީޕަރު އަޝްވާނަށް އަނިޔާވެ އޭނާގެ ބަދަލުގައި މާޒިޔާގެ ކީޕަރު އިޔާން އަބްދުލްއަލީމް ވަނީ ގައުމީ ޓީމަށް ނަގާފައެވެ. އަދި ތަޖުރިބާކާރު ކުޅުންތެރިންގެ ތެރެއިން އަހުމަދު އައިހަމް ވަނީ ޓީމުން ވަކިކޮށްފައެވެ.
ފިލިޕީންސް އާއި ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ހަވީރު ރާއްޖެގަޑިން 15:30 ގައެވެ.